ބޮލީވުޑް

ސުޝާންތުގެ ނޯޓް: އަހަންނަށް ގޭމް ގެންދެވުނީ ނުބައިކޮށް

މިދިޔަ އަހަރު މެދުތެރޭގައި މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ދައްތަ ޝްވޭތާ ސިންގް ކީރްތީ ދާދިފަހުން ވަނީ ސުޝާންތުގެ އަތުން ލިޔެފައި އޮތް ނޯޓެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ޕޯސްޓް ޝެއާ ކުރަމުން ޝްވޭތާ ބުނެފައި ވަނީ މިއީ އޭނާގެ ކޮއްކޮގެ އަތުން ލިޔެފައިވާ ނޯޓެއް ކަމަށެވެ.

"އަހަންނަށް ހީވަނީ، އަހަރެންގެ ހަޔާތުގެ 30 އަހަރު، ފުރަތަމަ 30 އަހަރު، މަސައްކަތް ކުރެވުނީ ކޮންމެވެސް ކަމެއް ކުރަންހެން. އަހަރެން ބޭނުންވީ ކުރާ ކަމެއް ރަނގަޅަށް ކުރަން. ޓެނިސް ކުޅުމުން މޮޅު މީހަކަށް ވާން ބޭނުންވި. ސްކޫލުގައި ރަނގަޅު މާކްސް ހޯދަން ބޭނުންވި. އަހަރެން ހުރިހާ ކަމެއް ވެސް ދުށީ އެ ނަޒަރިއްޔާތުން. އަހަރެންނަށް އުޅެވޭ ގޮތް އަހަންނަކަށް ކަމަކު ނުދޭ. ނަމަވެސް ބައެއް ކަންކަން އަހަންނަށް ރަނގަޅަށް ކުރެވޭ. އަހަންނަށް މިހާރު ގަބޫލު ކުރެވެނީ އަހަރެންނަށް ގޭމް ކުޅެވުނީ ގޯސްކޮށް ކަން. ސަބަބަކީ އެ ގޭމަކީ އަހަރެންނަކީ ހަގީގަތުގައި ކާކުކަން ދެނެގަންނަން ކުޅުނު ގޭމަކަށް ވާތީ،" ސުޝާންތުގެ ނޯޓުގައި ވެއެވެ.

ސުޝާންތުގެ ގިނަ އެކުވެރިންނާއި އާއިލާގެ މީހުން ވެސް ބުނަނީ ސުޝާންތަކީ އާދައިގެ މީހުން ވިސްނާ ގޮތާ ތަފާތުކޮށް ކަންކަމާ ވިސްނާ އެކްޓަރެއް ކަމަށެވެ. މިސާލެއްގެ ގޮތުން އެމީހުން ނަގަނީ އޭނާ ހަނދުން ބިންކޮޅެއް ގަނެފައި ވުމެވެ. މިއީ އާންމުކޮށް ގިނަ މީހުންގެ ޚިޔާލަށް ވެސް ނާންނާނެ އަދި އަޔަސް ކުރަން އެހާ މުހިއްމު ކަމަކަށް ގަބޫލު ކުރާނެ ކަމެއް ނޫނެވެ. ނަމަވެސް ސުޝާންތަށް އެކަން ވަރަށް މުހިއްމުވި އެވެ.

ސުޝާންތަކީ ގޭގައި ވަރުގަދަ ޓެލެސްކޯޕް ބަހައްޓައިގެން އުޑުގައިވާ ޕްލެނެޓްތަކާއި ތަރިތަކަށް ބަލައި އެ ތަކެއްޗާ މެދު ވިސްނާ ފިކުރު ކުރި މީހެކެވެ. މިއީ ވެސް އާންމުކޮށް ގިނަ މީހުންގެ ހޮބީއެއް ނޫނެވެ. އަދި ތަފާތު އިލްމީ ފޮތް ކިޔުމަށް ސުޝާންތު ލޯބި ކުރި އެވެ. ނަމަވެސް މަސްތުވާތަކެތީގެ އަވައިގައި ޖެހި އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލަން އޭނާއަށް މަގުފަހިވީ ކިހިނެއް ކަމެއް އަދި އެއްވެސް މީހަކަށް ބުނާކަށް ނޭނގެ އެވެ.

އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން މިހާރު ކުރަމުންދާ ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ބަލައި އެފަރާތުން ހާމަކުރަމުންދާ މައުލޫމާތުތަކަށް ބަލާއިރު ސުޝާންތު މަސްތުވާ ތަކެތީގެ ވަބާގައި ވަރަށް ބޮޑަށް ޖެހިފައިވާކަން ޔަގީންވެ އެވެ. އަދި ސުޝާންތު އާއެކު ފިލްމު ކުޅުނު ބައެއް އެކްޓަރުން ވެސް އޭނާ މަސްތުވާ އެއްޗެތި ބޭނުންކުރާތަން ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ.

ސުޝާންތުގެ ފޭނުންނަށް އޭނާ އަމިއްލައަށް މަރުވީކަން އަދިވެސް ގަބޫލެއް ނުކުރެވެ އެވެ. ނަމަވެސް ޖޫން 14، 2020 ގައި އޭނާ ފެނިފައިވަނީ މުމްބައިގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ނިދާ ކޮޓަރީގައި ދަންޖެހި މަރުވެފައި ހުއްޓަ އެވެ.

މިހާރު ވެސް އޭނާގެ މަރުގެ ތަހުގީގު އިންޑިއާގެ ސީބީއައި އިން ކުރިޔަށް އެބަ ގެންދެ އެވެ.

ސުޝާންތު ކުޅުނު އެންމެ ފަހު ފިލްމު އޭނާ މަރުވި ފަހުން ޑީޖިޓަލް ޕްލެޓްފޯމްގައި ރިލީޒް ކޮށްފައި ވެއެވެ. ސަންޖަނާ ސާންގްވީ އާއެކު އޭނާ ކުޅުނު "ދިލް ބޭޗާރާ" އަށް ސުޝާންތުގެ އެތައް މިލިއަން ފޭނުންނެއް ބޮޑު ތަރުހީބެއް ދީ ފިލްމަކީ މިހާތަނަށް އޮންލައިންކޮށް ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށް ވަނީ ހަދާފަ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރީ އޭނާ މަރުވިއިރު ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އަށެވެ. ނަމަވެސް މިހާތަނަށް ކުރި ތަހުގީގަށް ރިއާގެ ކުށެއް ސާބިތުވާ ވަރުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައި ވެއެވެ.