ދާދިފަހުން މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ބައްޕަ ކޭކޭ ސިންގް ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާ ދެކޮޅަށް ޕަޓްނާ ޕޮލިސް އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ރިއާ އާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އަމިއްލައަށް މަރުވާން މަޖްބޫރުވާ ފަދަ ހާލަތެއް ރިއާ ސުޝާންތަށް ކުރިމަތި ކުރުވި ކަމަށް ބުނެފައި ވެއެވެ. ރިއާގެ އިތުރުން އޭނާގެ މައިންބަފައިންނާއި ބޭބެ އާ ދެކޮޅަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި ޕަޓްނާ ފުލުހުން ރިއާ ހައްޔަރު ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް މިހާރު ވަރަށް ގަދަޔަށް ދަނީ ދެކެވެމުންނެވެ.
ސުޝާންތުގެ ބައްޕަ ރިއާ އާ ދެކޮޅަށް ހުށަހެޅި އިތުރު މައްސަލަތަކުގެ ތެރޭގައި ސުޝާންތުގެ ފައިސާއިން އެތައް ކްރޯޑު ރުފިޔާއެއް ގޮތް ނޭނގޭ އެކައުންޓްތަކަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއްވެސް ހިމެނެ އެވެ. އަދި ރިއާ އާއި އޭނާގެ މައިންބަފައިން ނުފޫޒު ފޯރުވައިގެން ސުޝާންތު އާއިލާގެ މީހުންނާ ސުޝާންތާ ވާހަކަ ދެއްކިޔަ ނުދޭ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ސުޝާންތު އަމިއްލައަށް އާއިލާގެ މީހުންނާ ގުޅާ ކޮންމެ ފަހަރަކުވެސް ރިއާ އާއި އޭނާގެ އާއިލާއިން އެ ވާހަކަތަކަށް ހުރަސް އަޅާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ސުޝާންތު އާއި އޭނާގެ އެކުވެރިޔާ މަހޭޝް ގުޅިގެން އޯގަނިކް ފާމެއް ކޫރްގް ކިޔާ ރަށެއްގައި ހައްދަން މަސައްކަތް ކުރާކަން ރިއާ އަށް އެނގުމުން އެކަމާ ވެސް ރުޅި އައިސްގެން ވަރަށް އަޑު ގަދަ ކޮށް އަދި ސުޝާންތުގެ ސިއްހީ ހާލަތު މީޑިއާއަށް ހާމަކުރާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށް ވެސް ސުޝާންތުގެ ބައްޕަ ރިއާ އަށް ތުހުމަތު ކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެ އެވެ.
ސުޝާންތަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކުގެ ޒިންމާ ވެސް އޭނާގެ ބައްޕަ އަޅުވާފައިވަނީ ރިއާގެ ބޮލުގަ އެވެ. ސުޝާންތުގެ ބައްޕަ ތުހުމަތުކުރާ ގޮތުގައި ސުޝާންތު އަށް ފަރުވާ ކުރާ ހުރިހާ ޑޮކްޓަރުންނަކީ ރިއާ ހޯދި މީހުންނެވެ. އަދި މި މީހުންނަށް ރިއާ އެކި ގޮތްގޮތުން ނުފޫޒާއި ރިޝްވަތު ދީގެން ސުޝާންތުގެ ހާލަތު އިތުރަށް ގޯސް ކޮށްފައި ވެއެވެ.
ސުޝާންތުގެ ބައްޕަ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ރިއާ ހައްޔަރުކޮށް މި މައްސަލަ ބަލައި އޭނާއާ ދެކޮޅަށް ދައުވާ ކޮށްދިނުމަށެވެ.
ރިއާގެ ބައްޕަ ރަޖިސްޓްރީކުރި އެފްއައިއާރް ރިޕޯޓުގައިވާ ގޮތުން އެއް އަހަރު ތެރޭ ރިއާ ވަނީ ސުޝާންތުގެ އެކައުންޓުން 15 ކްރޯޑު ރުޕީސް އޭނާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފަ އެވެ. އަދި ސުޝާންތުގެ ކްރެޑިޓް ކާޑުތަކާއި އެކައުންޓްތައް ވެސް ގެންގުޅެނީ ރިއާ ކަމަށް ބުނެފައި ވެއެވެ. އަދި ޖޫން 8 ވަނަ ދުވަހު ސުޝާންތުގެ ގެއިން ރިއާ ނިކުމެގެން ދިޔައިރު އޭނާގެ އަތުގައި ހުރި އަގުހުރި ގަހަނާ އާއި ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ ކަމަށް ވެސް ސުޝާންތުގެ ބައްޕަ ތުހުމަތު ކުރެ އެވެ.
ސުޝާންތުގެ ބައްޕަ އިތުރަށް ބުނެފައިވާ ގޮތުގައި ސުޝާންތުގެ މެޑިކަލް ރެކޯޑްސް ހުރީ ރިއާ އަތުގަ އެވެ. އަދި އެ އެއްޗެތި މީޑިއާ އަށް ލީކު ކޮށްލާނެކަމަށް ބުނެ ރިއާ އަބަދު ސުޝާންތަށް ބިރު ދައްކަމުން ގޮސްފައި ވެއެވެ.
މި މައްސަލަތަކުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ރިއާ އަށް ވަރަށް ވަރުގަދަ ހަނގުރާމައަކާ ކުރިމަތިވާނެކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ލަފާ ކޮށްފަ އެވެ. އޭނާ ހައްޔަރުކުރުމުގެ އިތުރުން ކޯޓުގައި ވެސް އޭނާ އާ ދެކޮޅަށް ވަރަށް ގިނަ ދައުވާތައް އުފުލި ކުރިޔަށް އޮތް ދުވަސްތަކަކީ ރިއާ އަށް ވަރަށް ދަތި އުނދަގޫ އަދި އެހާމެ ހިތްދަތި ދުވަސްތަކަކަށް ވާނެކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.