ބޮލީވުޑް

ސުޝާންތު ކައިވެނިކުރާނެ ކަމަށް ބޮޑެތި ގުރުބާނީތަކެއް ވީން: އަންކިތާ

ސުޝާންތު ސިންގް ރާޖްޕޫތު އާއި އަންކިތާ ލޯކަންޑޭ ލޯބީގެ ގޮތުން ގުޅުނީ އެ ދެ މީހުން އެކުގައި ކުޅުނު ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ކުޅެން ފެށި ދުވަސްވަރު އެވެ. މި ލޯތްބަށް ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުން ކުއްލިއަކަށް ދެ މީހުން ރުޅިވި ޚަބަރުތައް ފެތުރުނެވެ. އެއްވެސް މީހަކަށް އެ މީހުން ރުޅިވީ ސަބަބެއް ނޭނގުނެވެ. ނަމަވެސް ދެ މީހުންގެ އަމަލުތައް ހުރިގޮތުން މިއީ ތެދު ވާހަކައެއްކަން ޔަގީން ކުރެވުނެވެ.

ވަރަށް ގިނަ މީހުންނަށް ހީވެފައި އޮތީ ސުޝާންތަށް ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެ އަމިއްލައަށް މަރުވާ ހިސާބަށް ދިޔައީ އަންކިތާ ރުޅިވީމަ ކަމަށެވެ. ސަބަބަކީ އެ ދެ މީހުންގެ ލޯތްބަށް ދިމާވި މައްސަލަތައް އެއްވެސް މީހަކު ކިޔައިދީފައި ނެތީމަ އެވެ. ނަމަވެސް ސުޝާންތުގެ މަރާ ގުޅިގެން އޭނާގެ ފޭނުންގެ ފަރާތުން އަންކިތާ އަށް ކުރިމަތިވަމުން އައި ނަފްރަތާއި ފުރައްސާރައިގެ ސަބަބުން މި ވާހަކަތައް މީޑިއާއަށް ކިޔައިދޭން އަންކިތާ ނިންމީ އެވެ.

އަންކިތާ ވަނީ ސުޝާންތު އާ އެކު އުޅުނު ދުވަހުތަކުގައި އޭނާގެ ފިލްމީ ކެރިއަރަށް ލިބުނު ގެއްލުމާއި ސުޝާންތު އާ ރުޅިވާން ޖެހުނު ސަބަބު ވެސް ކިޔައިދީފަ އެވެ.

ބޮލީވުޑް ބަބްލް އަށް ދިން އިންޓަވިއު އެއްގައި އަންކިތާ ބުނީ އެމީހުންގެ ލޯތްބަށް ވުރެ ސުޝާންތަށް ބޮލީވުޑް ކެރިއަރު މުހިއްމުވީ އެވެ. އެހެންވެ އޭނާ ދޫކޮށްލީ ކަމަށާއި ސުޝާންތު ވަކިވުމުގެ ހިތާމައިން އަރައިގަތުމަށް އޭނާއަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

"މީހުން އަހަންނާ ދިމާލަށް ބުނޭ ކަލޭ ސުޝާންތު ދޫކޮށްލިއްޔޭ. އެމީހުންނަށް ކިހިނެއް އެކަން އެނގެނީ؟ އަހަންނަކަށްނު އެނގޭނީ. ސުޝާންތު ބޭނުންވީ އަހަރެން ދޫކޮށްލާފައި ފިލްމީ ކެރިއަރައިގެން ކުރިޔަށް ދާން. ނަމަވެސް އޭނާ ވަކިވުމުގެ ހިތާމައިގައި ދެ އަހަރު ބައި އަހަރެން ވަރަށް ހިތާމަ އާއި ޑިޕްރެޝަންގައި ހޭދަކުރިން،" އަންކިތާ ބުންޏެވެ.

"އެއްވެސް މަސައްކަތެއް ގަބޫލުކުރެވޭ ފަދަ ހާލެއްގައެއް ނޫން އެދުވަސްވަރު އަހަރެން ނަފްސާނީ ގޮތުން ހުރީ. އަހަންނަކީ އެހާ ފަސޭހައިން ކަންކަން ހަނދާން ނައްތާލައި މަސައްކަތުގައި ބިޒީ ވެވޭ ކަހަލަ މިޒާޖެއްގެ މީހެއް ނޫން. އޭނާ ރުޅިވީމަ އަހަރެންގެ ހަޔާތަށް ނިމުން އައި ކަހަލަ. އެ ވަގުތު އަހަރެންނަށް އެހީތެރިވެދިނީ އަހަރެންގެ އާއިލާގެ މީހުން. އަހަރެން ހުރީ އޭރު ހަދާނެ ގޮތް ހުސްވެފައި. އަހަރެން ވަކި މީހަކު ބަދުނާމު ކުރަނީކީ ނޫން. އަހަރެމެންނަށް ވަކިވާން ޖެހުނީ ސުޝާންތު އެ ގޮތް ބޭނުންވެގެން. އޭނަ ދާނެ މަގު ޚިޔާރު ކުރީ ޚުދް އޭނާ،" އަންކިތާ ބުންޏެވެ.

ސުޝާންތަށް ކެރިއަރު މުހިއްމު ވިޔަސް އަންކިތާ ހުރީ ލޯތްބަށް ފެންބޮވައިގެންފަ އެވެ. ސުޝާންތު އާ ހެދި މަރުވާ ވަރަށް އޭނާ ދެކެ ލޯބި ވެވިފަ އެވެ. ނަމަވެސް ވަކިވާން ބޭނުންވުމުން އޭނާ ދާން ބޭނުންވާ ގޮތަކަށް ދާން ދޫކޮށްލީ އެވެ. ހިތާ ދެކޮޅަށެވެ.

އަންކިތާ ބުނި ގޮތުގައި ސުޝާންތު ކައިވެނިކުރާނެ ކަމަށް އަދި ކައިވެނިކުރާހިތް އޮތްލެއް ބޮޑުކަމުން ވަރަށް ރަނގަޅު ގިނަ ފިލްމުތަކެއް އޭނާއަށް ލިބި ދޫކޮށްލި އެވެ. އޭގެ ތެރޭގައި ފަރާ ޚާންގެ "ހެޕީ ނިއު އިޔާ" އާއި ސަންޖޭ ލީލާ ބާންސާލީގެ "ބާޖީރާއޯ މަސްތާނީ" އަދި ސަލްމާން ޚާންގެ "ސުލްތާން" ހިމެނޭ ކަމަށް އަންކިތާ ބުންޏެވެ.

"އަހަރެން ސުޝާންތުގެ ލޯތްބަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވީން. އަހަރެން ހަނދާން އެބަހުރި ފަރާ މެޑަމް އަހަންނަށް 'ހެޕީ ނިއު އިޔާ' ހުށަހެޅި ދުވަސް. ޝާހްރުކް ޚާން އާ ވެސް އަހަރެން އޭރު ބައްދަލުކުރިން އެ ފިލްމާ ބެހޭ ގޮތުން މަޝްވަރާ ކުރަން. ބޮލީވުޑްގައި ބަތަލާއަކަށް ދެވެން އޮތް އެންމެ ރަނގަޅު ފެށުން ދޭނެކަމަށް ޝާހްރުކް އެ ދުވަހު ބުނި. އޭރު އަހަރެމެން ތިބީ ފިލްމި އެވޯޑު ހަފުލާއަކަށް މަކާއޯގައި. އެ ދުވަހު ޝާހްރުކް އާ ބައްދަލުކުރިއިރު ސުޝާންތު ވެސް ކައިރީގައި އިން. ޝާހްރުކް އެ ފިލްމު ހުށަހެޅީމަ އަހަރެން އޯކޭ އޭ ބުންޏަސް ހިތާ ހިތުން އެ ފިލްމު ނުލިބުމަށް އެދި ދުއާ ކޮށްކޮށް އިނީ. އެއީ ހަމަ ސުޝާންތު އާ ކައިވެނި ކުރާ ހިތުން،" އަންކިތާ ކިޔައިދިނެވެ.

ނަމަވެސް އެކަންކަމާ މިއަދު ހިތާމަ ނުކުރާ ކަމަށް އަންކިތާ ބުންޏެވެ. ސުޝާންތުގެ ބޮލީވުޑް ކެރިއަރު ފަށައިގަތް ދުވަސްވަރު އޭނާއަށް ބޭނުންވީ އެހީތެރިކަން އެންމެ ފުރިހަމައަށް ދިނީ އޭނާ ކަމަށް އަންކިތާ ބުންޏެވެ.

ސުޝާންތު އާ ވަކިވާން ޖެހުމުގެ ހިތާމައިގައި ގިނަ އަހަރުތަކެއް އަންކިތާ ހޭދަކުރި އެވެ. މިއަދު އޭނާ ވަނީ ސުޝާންތުގެ ހަނދާންތައް އެއްފަރާތްކޮށް މުޅިން އާ ލޯބީގެ ހަޔާތެއް ފަށާފަ އެވެ. ވިކީ ޖެއިން އާއެކު ހަޔާތު ވޭތުކުރުމަކީ މިހާރު އޭނާގެ އުންމީދެވެ.