ކްރީތީ ސެނޯން އާއި ސުޝާންތު ސިންގް ރާޖްޕޫތު 2017 ގައި ކުޅުނު "ރާބްތާ" ގައި ކްރީތީ ކުޅެފައި ވަނީ ޑަބަލް ރޯލެވެ. މީގެން އެއް ކެރެކްޓާއަކީ ވަރަށް ޒަމާނީ މީހެއްގެ ކެރެކްޓާ އެވެ. އަނެއް ކެރެކްޓާއަކީ ތަންކޮޅެއް ކުރީ ޒަމާނެއްގެ މީހެއްގެ ކެރެކްޓާ އެވެ.
މި ފިލްމް ބޮކްސް އޮފީހުގައި ފެއިލް ވިޔަސް ފިލްމު އުފެއްދިއިރު ދިމާވި ވަރަށް ގިނަ ހާދިސާ ތަކަކީ ކްރީތީގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަހަލަ ކަންތައް ތަކެކެވެ. މިފަދަ އެއް ހަނދާނަކީ ކްރީތީ ޖިންނި އަވަލަވައިފި ކަމަށް ފިލްމު ކުރޫންނަށް ހީވެގެން އުޅުނު އިރެކެވެ.
ކްރީތީ ބުނި ގޮތުގައި ޖިމް (ސަރްބް) އާއި އޭނާ ކިއްލާއެއްގައި ވަރަށް ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ މަންޒަރުތަކެއް ޝޫޓްކުރި ދުވަހެއްގައި ކޮންމެ ފަހަރަކު މަންޒަރު ޝޫޓް ކުރަން ފެށުމުގެ ކުރިން އޭނާ އަޑެއް ލެވުނުހާ ބާރެއް ލާފައި ހަޅޭއްލަވައި ގަނެ އެވެ. އެއީ އިތުރު އެނާޖީތައް ބޭރު ކޮށްލައި ރަނގަޅަށް ކެރެކްޓާއަށް ވަންނަން އޭނާ ކުރާ ކަމެކެވެ. އޭނާ މިގޮތަށް ކަރު ބުޑުން އަޑު ނެރި ހަޅޭއްލެވީމަ ކްރީތީ، ޖިންނި އަވަލެވީ ކަމަށް ކުރޫންނަށް ހީކުރެވުނީ އެވެ.
"އަހަރެން ކައިރީގައި ޑައިރެކްޓަރު ދިނޭޝް ވިޖާން (ދީނޫ) މާފަހުން އެ ވާހަކަ ބުނީ. ކުރޫންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ބިރުން އުޅުނޭ އަހަރެން ހަޅޭއްލެވި ގޮތުން،" ކްރިތީ ބުންޏެވެ.
ކްރީތީ ބުނި ގޮތުގައި އޭނާ ކުޅޭ ކެރެކްޓާއަކަށް ވީހާވެސް ބޮޑަކަށް ވަދެގަންނަން އޭނާ އަބަދު ވެސް ބޭނުންވެ އެވެ. ހަޅޭއްލެވީ ވެސް ވީހާވެސް ކެރެކްޓާގެ އިހްސާސްތައް އަމިއްލައަށް ކުރުވުމަށެވެ.
ކްރީތީގެ އެންމެ ފަހުގެ ފިލްމު "މިމީ" ގައި ވެސް އޭނާ ކުޅުނު ރޯލަށް ވަރަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. ކުރިން މި ފިލްމު ރިލީޒް ކުރަން އޮތީ ޖުލައި 30 ވަނަ ދުވަހު ކަމަށް ވިޔަސް އޭގެ ހަތަރު ދުވަސް ކުރިން ފިލްމު ވަނީ ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާފަ އެވެ.
މިކަމާ ޖޯކު ޖަހަމުން ގިނަ ބަޔަކު ބުނީ ކްރީތީ ދުވަސް ނުފުރާ ވިހައިފި ކަމަށެވެ. އެއީ ފިލްމުގައި އޭނާ ކުޅޭ މާބަނޑު އަންހެނެއްގެ ކެރެކްޓާ އަށް ނިސްބަތްކޮށް ޖެހި ޖޯކެކެވެ.
ކުއްލިއަކަށް ފިލްމު ރިލީޒް ކުރުން އަވަސް ކުރީ އޮންލައިންކޮށް ފިލްމު ލީކް ކޮށްލުމާ ގުޅިގެން ކަމަށް ވަނީ ބެލެވިފަ އެވެ.