ފިނިޕޭޖް

"ޑާލިން" ޕްރަބާސް ވެސް މަލާމާތުގެ ޝިކާރައަކަށް

ސެލެބްރިޓީންނަށް ބޭނުން ވަރަކަށް ފައިސާ ލިބޭތީ އާއި އެމީހުން ދެކެ ލޯބިވާ ފޭނުން މިލިއަނުން ގުނާލެވޭތީ އެމީހުންގެ ދިރިއުޅުން ވަރަށް އުފާވެރި ވާނެ ކަމަށް ގިނަ ބަޔަކު ހީކުރެ އެވެ. ނަމަވެސް އެމީހުން ސެލެބްރިޓީންނަށް ވީތީ އެ ލިބޭ މަޝްހޫރު ކަމާއި ފައިސާއާ އެއްވަރަށް އެހެން މީހުންގެ މަލާމާތާއި ފުރައްސާރަ އާ ވެސް ކުރިމަތިވެ އެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގެ މި ޒަމާނުގައި ކިތަންމެ މަޝްހޫރު ފަންނާނަކާ ދިމާލަށް ވެސް ހިތަށް އެރި އެއްޗެތި ގޮވާލުމަށް ބައެއް މީހުން އެއްގޮތަކަށް ވެސް ފަހެއް ނުޖެހެ އެވެ.

އިންޑިޔާގެ އެންމެ މަޝްހޫރު އެއް ސްޕަސްޓާ ޕްރަބާސް އަށް ވެސް ދާދިފަހުން ކުރިމަތިވީ މިފަދަ މައްސަލަ އެކެވެ. ޕްރަބާސް އަކީ ސައުތު އިންޑިއާ މީހުންގެ ހިތުގެ ވިންދެވެ. އެމީހުން އޭނާއަށް ލޯބިން ކިޔަނީ "ޑާލިން" އެވެ. ނަމަވެސް އޭނާއަށް ވެސް ގިނަ ބަޔެއްގެ މަލާމާތާއި ފުރައްސާރައާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ޕްރަބާސްއަށް އެވަރަށް މަލާމާތް ކުރަން ފެށީ ކްރީތީ ސެނޯން އާއެކު މިހާރު ކުޅެމުންދާ "އަޑިޕުރުޝް" ގެ ނެށުމަކަށް މި ދެ އެކްޓަރުން ރިހާސަލް ބާއްވަމުން ދަނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް އާއްމު ވުމުންނެވެ.

މި ފޮޓޯތަކުން ފެންނަނީ ޕްރަބާސް ވަރަށް ބޮޑަށް ފަލަވެފައި ހުއްޓަ އެވެ. ހަގީގަތުގައި އޭނާ އާއި "އަޑިޕުރުޝް" ގެ ދެ ވަނަ ބަތަލު ސައިފް އަލީ ޚާން ވެސް މި ފިލްމު ކުޅެން ވަރަށް ބޮޑަށް ފަލަވާން ޖެހެ އެވެ. އަދި ސައިފް އާއި ޕްރަބާސް ފަލަވާން މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ޕްރަބާސް އަށް މަލާމާތްކުރާ މިހުންނަށް އެކަން ނޭނގެނީ ކަމަށް ވެސް ވެދާނެ އެވެ.

"ހީވަނީ 50 އަހަރުވެފައި ހުރި އަންކަލް އެއްހެން،" ޓްރޯލްކުރި މީހަކު ބުނެފައި ވެއެވެ.

އަނެއް ބަޔަކު އޭނާގެ ސިފަޔަށް އެކި ކަހަލަ ކޮމެންޓުތައް ކޮށްފައި ވެއެވެ. ހަމަ އެއާއެކު ޕްރަބާސް އާ އެއްކޮޅަށް ވާހަކަ ދައްކައި އޭނާއަށް ޓްރޯލްކުރާ މީހުންނަށް ޖަވާބުދޭ މީހުން ވެސް ތިބިކަން ފާހަގަ ކޮށްލެވެ އެވެ.