ބޮލީވުޑް

ބޮލީވުޑުގެ ރުހުން ހޯދަން މަސައްކަތެއް ނުކުރަން: ކްރީތީ

ކްރީތީ ސެނޯން އަކީ ބޮލީވުޑް ފިލްމީ އާއިލާއަކަށް ނިސްބަތްވާ ބަތަލާއަކަށް ނުވިޔަސް އޭނާގެ އަމިއްލަ މަސައްކަތުން ފިލްމު އިންޑަސްޓްރީގައި ރަނގަޅު މަގާމެއް ވަނީ ހޯދާފަ އެވެ.

ދާދިފަހުން ކްރިތީ ވަނީ ވަރުން ދަވަން އާއެކު ކުޅޭ "ބީޅިޔާ" ގެ މަސައްކަތް ނިންމާފަ އެވެ. އަދި "ބައްޗަން ޕާންޑޭ" އާއި "އަޑިޕުރުޝް"ގެ މަސައްކަތް ވެސް ކުރިޔަށް އެބަ ގެންދެ އެވެ.

ކްރީތީ ބުނި ގޮތުގައި އޭނާ މަސައްކަތް ކުރަނީ ކޮންމެހެން ބޮލީވުޑްގެ ރުހުން ހޯދާކަށް ނޫނެވެ. ރަނގަޅު އޮއްޓަރު ހުރި ފިލްމުތަކެއް ކުޅޭށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭތީ ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

"އަހަރެންނަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ މީހެއް. އެއްވެސް ފިލްމީ ބެކްގްރައުންޑެއް އަހަރެންގެ އާއިލާގެ ނެތް. އަހަރެންގެ މަންމައަކީ ޕްރޮފެސަރެއް. ބައްޕައަކީ ޗާޓާޑް އެކައުންޓެންޓެއް. އަހަންނަކީ އިންޖިނޭރެއް. އެހެންކަމުން ޕްރޮފެޝަން އެއްގެ ގޮތުގައި އެކްޓިން ޚިޔާރު ކުރުމަކީ އަހަރެން ހުވަފެނަކުން ވެސް ދުށް ކަމެއް ނޫން،" ކްރީތީ ބުންޏެވެ.

ނަމަވެސް ފިލްމު ކުޅެން ފެށުމުން އެކަމަށް ލޯބި ޖެހި އެއީ އޭނާ އެންމެ ކުރާހިތްވާ ކަންތައްކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ކްރީތީ ބުނެފައި ވެއެވެ،

"ފިލްމު ކުޅުނަސް ބޮލީވުޑް މީހުންގެ ތާއީދު ހޯދަން އެއްވެސް ކަމެއް ނުކުރަން. ފިލްމުތައް ލިބެނީ ހުނަރަށް ބަލާފަ މީހުން ދޭތީ. ވީމާ ކޮންމެހެން މީހުންގެ ރަނގަޅު ފޮތަށް އަރަން މަސަައްކަތް ނުކުރަނީ،" ކްރީތީ ބުންޏެވެ.