ވަރުން ދަވަން އާއެކު "ބީޅިޔާ" ގައި މިހާރު މަސައްކަތް ކުރަމުންދާ ކްރީތީ ސެނޯން ބުނާ ގޮތުގައި ނަތާޝާ ދަލާލް އަ ކައިވެނި ކުރުމަށް ފަހު ވަރުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ނަމަވެސް ވަރުން އަށް އައީ ގޯސް ބަދަލެއް ނޫން ކަމަށާއި ރަނގަޅު ބަދަލެއް ކަމަށް ކްރީތީ ބުނެ އެވެ.
މި ދެ އެކްޓަރުން މީގެ ކުރިން ވަނީ 2015 ގައި ރިލީޒްކުރި "ދިލްވާލޭ" ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ކްރީތީ ބުނީ ފެޝަން ޑިޒައިނަރު ނަތާޝާ އާ ކައިވެނި ކުރުމަށް ފަހު ވަރުން މާ ބޮޑަށް ހަރުދަނާ މީހަކަށް ވެއްޖެ ކަމަށެވެ.
"ކުރިން އެކުގައި ފިލްމެއްގައި މަސައްކަތް ކުރި ފަހުން މިހާރު ހަ އަހަރު ފާއިތުވެ ވެއްޖެ. އޭރާއި މިހާރާ ބަލާއިރު އަހަރެމެން ދެ މީހުން ވެސް ވަނީ ކުރިޔަށް ވުރެ ހަރުދަނާ މީހުންނަށް ވެފައި. އެކްޓަރުންގެ ހައިސިއްޔަތުންނާއި ވަކި ފަރުދުންގެ ގޮތުގައި ވެސް އަހަރެމެންނަށް ރަނގަޅު ބަދަލުތަކެއް ވަނީ އައިސްފައި. ކައިވެންޏަށް ފަހު ވަރުން މާ ބޮޑަށް ވެސް ހަރުދަނާ ވެއްޖެ،" ކްރީތީ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި "ބީޅިޔާ" އަކީ މޮންސްޓާ-ކޮމެޑީ އެކެވެ. އަދި މިފަހަރުގެ ފިލްމަކީ އެމީހުން އެކުގައި ކުރިން ކުޅުނު ފިލްމާ ވަރަށް ތަފާތު ފިލްމެކެވެ.
ޒިރޯ ކިޔާ ރަށެއްގައި ކުރިޔަށް ދިޔަ ފިލްމުގެ ޝޫޓިންގް ނިންމާލުމަށްފަހު އެ ރަށަށް ވަދާއު ކިޔަމުން އިންސްޓަގްރާމްގައި ކްރީތީ ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވަރުން މަތިން ވަރަށް ހަނދާން ވާނެ ކަމަށާއި "ދިލްވާލޭ" ކުޅުނު އިރުން ފެށިގެން ފާއިތުވީ ހަ އަހަރު ދެ މީހުންގެ މެދުގައި ގާތް އެކުވެރިކަމެއް އޮތް ކަމަށް ބުނެފަ އެވެ. އަދި އަނެއްކާވެސް ވަރަށް އަވަހަށް ބައްދަލުވާން އުންމީދުކުރާ ކަމަށެވެ.
ވަރުން އާއި ނަތާޝާ ކައިވެނިކުރީ މިއަހަރުގެ ކުރީކޮޅު އިންޑިޔާގެ އަލީބާގް ގައެވެ. އެ ދެ މީހުން ކައިވެނިކުރީ ސްކޫލް ދައުރުއްސުރެ ރައްޓެހިވެގެން އުޅުމަށް ފަހުގަ އެވެ.