ބޮލީވުޑް

ވަރުން ދެއްކި ވާހަކައަކުން ކްރީތީ އާއި ޕްރަބާސް ހޫނުފެނަށް!

ކްރީތީ ސެނޯން އާއި ޕްރަބާސް އެކުގައި މިހާރު ކުޅެމުންދާ "އަޅިޕުރޫޝް"ގެ ޝޫޓިން ފެށުމާއެކު މި ދެ ތަރިންގެ ލޯބީގެ ވާހަކަތައް މީޑިއާތަކުން ފެންނަން ފެށީ އެވެ. ނަމަވެސް މިއީ ހަގީގީ ވާހަކައެއްތޯ ނުވަތަ ހަދަހަދައިގެން ދައްކާ ވާހަކައެއްތޯ މިހާތަނަށް ވެސް އޮތީ ޔަގީން ނުވެފަ އެވެ. ނަމަވެސް ދާދިފަހުން ކްރީތީ އާއެކު "ބީޅިޔާ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ބައިވެރިވި އެކްޓަރު ވަރުން ދަވަން ދެއްކި ވާހަކަޔަކުން ޕްރަބާސް އާއި ކްރީތީގެ މެދުގައި ހަގީގީ ލޯބީގެ ގުޅުމެއް އޮތް ކަމާއި ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަން ޔަގީން ކުރެވުނެވެ.

ނަމަވެސް ވަރުން ދެއްކި ވާހަކަތައް އިންޑިޔާގެ ނޫސްތަކުގައި ޖެހުމުން ކްރީތީ ނެރުނު ބަޔާނެއްގައި މިއީ ވަރުން މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށާއި އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ ވެއެވެ.

ކްރީތީ ބުނެފައިވާ ގޮތުގައި އޭނާއާއި ޕްރަބާސް ކައިވެނިކުރާކަށް ނޫޅެ އެވެ. އަދި އެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ވެސް ނެތެވެ. އޮތީ ހަމައެކަނި ޕްރޮފެޝަނަލް ގުޅުމެކެވެ.

ވަރުން ދެއްކި ވާހަކަތައް ދޮގުކޮށް ކްރީތީ ނެރުނު ބަޔާނުގެ ސްކްރީން ޝޮޓަކާއެކު ވަރުން އިންސްޓަގްރާމްގައި ޝެއާ ކުރި މެސެޖެއްގައި އޭނާ ދެއްކި ވާހަކަތައް ޗެނަލުން ދެއްކިއިރު އެޑިޓްކޮށްފައިވާ ކަމަށް ބުނެ އެކަމުން ރެކެން މަސައްކަތް ކޮށްފައި ވެއެވެ.

ކްރީތީ އާއި ޕްރަބާސް އާ ގުޅޭ ގޮތުން ވަރުން ދެއްކި ވާހަކައެއް ދައްކާފައިވަނީ ކަލާޒް ޓީވީން ދައްކާ ސެލެބްރިޓީ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާޖާ"ގައި އޭނާ އާއި ކްރީތީ ބައިވެރިވި އެޕިސޯޑުގަ އެވެ. ވަރުން ބުނި ގޮތުގައި އޭނާ މަޖަލަކަށް ދެއްކި ވާހަކަތަކެއް ޗެނަލުން އެޑިޓްކޮށްގެން ދައްކާފައިވާ ކަމަށާއި އޭނާ އަސްލު ބުނީ އެހެނެއް ނޫން ކަމަށެވެ. ކްރީތީ އާއި ޕްރަބާސް ރައްޓެހިވެގެން އުޅޭކަމަށް އޭނާ ނުބުނާ ކަމަށެވެ.

"ޖަލަކް ދިކްލާޖާ" ސެޓުގައި މި ވާހަކަތައް ދެކެވެން ފެށުނީ ވަރުން ކައިރީގައި ޝޯގެ އެއް ޖަޖު ކަރަން ޖޯހަރް ކުރި ސުވާލަކާ ގުޅިގެންނެވެ. މިހާރު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން ކައިވެންޏަށް އެންމެ ކަމުދާ ސިންގަލް ބަތަލާއިންގެ ނަންތައް ކިޔައިދިނުމަށް އެދުމުން ކްރީތީގެ ނަން ގަސްތުގައި އުނިކޮށް އެހެން ބައެއް ބަތަލާއިންގެ ނަންތައް ވަރުން ކިއެވެ. ކްރީތީގެ ނަން ނުކީ ކީއްވެތޯ ސުވާލުކުރުމުން ވަރުން ބުނީ އެއީ ކްރީތީގެ ނަން އެހެން މީހެއްގެ ހިތުގައި ލިޔެފައިވާތީ ކަމަށެވެ.

"ކްރީތީގެ ނަން ވަނީ އެހެން މީހެއްގެ ހިތުގައި ލިޔެވިފައި. އޭނާ މިވަގުތު މުމްބައިގައި ނެތް. އޭނާ މިހާރު ދީޕިކާ ޕަދުކޯން އާއެކު ޝޫޓިންގެއްގައި އުޅެނީ،" މި ވީޑީއޯ ކްލިޕްގައި ވަރުން ބުނާ ތަން ފެނެ އެވެ.

މިވަގުތު ދީޕިކާ އަކު ފިލްމު ޝޫޓިންގްގައި އުޅެނީ ޕްރަބާސް އެވެ. އެހެންވެ ޕްރަބާސް އާއި ކްރީތީގެ ލޯބީގެ ގުޅުން އޮންނަ ކަން ވަރުން ޔަގީން ކޮށްދިނީކަމަށް ބުނެ ޚަބަރުތައް ފެތުރުނީ އެވެ.

ވަރުންގެ ވާހަކަތައް ބޮޑުކޮށްގެން ފަލަ ސުރުޚީގައި އިންޑީޔާގެ ނޫސްތަކުގައި ޖެހުމުން ކްރީތީ މިދިޔަ އަންގާރަ ދުވަހު ބަޔާނެއް ނެރި އެ ވާހަކަތައް ދޮގުކުރީ އެވެ. އަދި ކްރީތީގެ ބަޔާނަށްފަހު ވަރުން ބުނެފައިވަނީ އޭނާ ދެއްކި ވާހަކަތައް ޗެނަލުން އެޑިޓްކޮށްފައިވާ ކަމަށާއި އަސްލު އޭނާ ބުނީ އެހެނެއް ނޫން ކަމަށެވެ.

ކޮންމެއަކަސް ކްރީތީގެ ބަޔާނުން އޭނާ އާއި ޕްރަބާސްގެ މެދުގައި ލޯބީގެ ގުޅުމެއް ނޯންނަކަން ހާމަވުމުން މި ދެ އެކްޓަރުން ގުޅެން ބޭނުންވާ އެމީހުންގެ ފޭނުން ތިބީ ވަރަށް މާޔޫސްވެފަ އެވެ. ސަބަބަކީ އެމީހުން އުންމީދުކޮށްގެން ތިބީ ޕްރަބާސް އާއި ކްރީތީ ގުޅުމަށެވެ.