ވަރުން ދަވަން އާއި ޖާންވީ ކަޕޫރުގެ އެންމެ ފަހުގެ ފިލްމު -- ބަވާލްއަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
އެމެޒޯން ޕްރައިމްގައި ރިލީޒްކޮށްފައިވާ ބަވާލް އިން ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ހިނގާދިޔަ ހޮލޮކޯސްޓާ ގުޅުންހުރި ތާރީހީ ކަންތައްތަކެއް ނާޒުކު ގޮތެއްގައި ބޭނުންކޮށްފަ އެވެ.
ފިލްމު ބެލި މީހުންގެ ހިތްހަމަނުޖެހުންތައް އަމާޒުވީ އެ ވާހަކަތައް ބޭނުންކޮށްފައި ހުރި ގޮތުންނެވެ.
މީގެއިތުރުން ފިލްމުން ފެންނަ ބައެއް މަންޒަރުތަކުން ހޮލޮކޯސްޓްގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ކުރިމަތިވެފައިވާ ބިރުވެރި ހަގީގަތް ސިފަކޮށްދެ އެވެ. މިފަދަ ތަސްވީރަކީ ހަމައެކަނި ނާޒުކު ތަސްވީރެއް ނޫން ކަމަށާއި ތާރީހުގެ އެ އަނދިރި ދުވަސްވަރު ތަހައްމަލުކުރި މީހުންގެ ހަނދާނަށް އިހްތިރާމް ކުޑަކުރުމުގެ ތަސްވީރެއް ކަމަށްވެސް ބައެއް މީހުން ސިފަކޮށްފައިވެ އެވެ.
ބަވާލް ކަހަލަ ފިލްމެއް ރިލީޒްކުރުމުން އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް އެމެޒޯން އިން ބަލާފައި ނުވާ ކަމަށް ބުނެވެސް ބައެއް މީހުން ވަނީ ފާޑުކިޔާފަ އެވެ. އެ ކުންފުނީގެ ޕްލެޓްފޯމްގައި ފިލްމު އުފެއްދުމާއި ޕްރޮމޯޓް ކުރުމުގެ ހުއްދަ ދިނުމުންވެސް ކުންފުންޏަށް ފާޑުކިޔާފައިވެ އެވެ. އެމެޒޯންގެ އަހްލާގީ މިންގަނޑާ މެދުވެސް ބައެއް މީހުން ސުވާލު އުފެއްދެވި އެވެ.