ވަރުން ދަވަން އާއި އާލިއާ ބަޓްގެ "ބަދްރީނާތު ކީ ދުލްހަނިޔާ" ރިލީޒްކުރިތާ ހަތަރު އަހަރު ފުރުން އެ ފިލްމުގެ ތަރިންނާއި އެހެނިހެން ބައިވެރިން ވަރަށް ކުލަގަދަކޮށް އިއްޔެ ވަނީ ފާހަގަ ކޮށްފަ އެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން އާލިއާ އޭނާގެ އިންސްޓަގްރާމް ސްޓޯރީޒްގައި ވަރުން އާއި ފިލްމުގެ ޑައިރެކްޓަރު ޝަޝާންކު ޚައިތާން އާއެކު ވީޑިއޯ ޗެޓްކޮށްފައިވާ މަންޒަރުތަކެއްގެ ސްކްރީން ޝޮޓްތަކެއް ޝެއާ ކޮށްފައި ވެއެވެ. މީގެ އިތުރުން އާލިއާ ވަނީ މި ސީރީޒްގެ ތިން ވަނަ ފިލްމެއް އުފެއްދުމުގެ ޚިޔާލު ގެންގުޅޭކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.
"ބަދްރީނާތު ކީ ދުލްހަނިޔާ" އަކީ 2017ގައި ރިލީޒްކުރި ފިލްމެކެވެ. މި ސިލްސިލާގެ ފުރަތަމަ ފިލްމަކީ 2014 ގައި ރިލީޒްކުރި "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" އެވެ. މިހާރު އުފައްދަން އުޅެނީ މި ސީރީޒްގެ ތިން ވަނަ ފިލްމެކެވެ.
"އަހަރެމެންގެ ފިލްމަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރަމުން މިތާ އަހަރެމެން ސިއްރުން މަޝްވަރާ މި ކުރަނީ ތިން ވަނަ ބަޔަކާ ބެހޭ ގޮތުން،" އާލިއާ ސްކްރީން ޝޮޓްތަކާއެކު ޝެއާކުރި މެސެޖެއްގައި ބުނެފައި ވެއެވެ.
ވީޑިއޯ ޗެޓުން އާލިއާ އާއި ވަރުން އަދި ޑައިރެކްޓަރު ބައްދަލުވުމެއް ބޭއްވިއިރު އާލިއާ ހުރީ މުމްބައިގަ އެވެ. ވަރުން ހުރީ އޭނާ އަލަށް ފަށައިގެން އުޅޭ "ބީޅިޔާ"ގެ ޝޫޓިންގަށް އަރުނަޗަލް ޕްރަދޭޝްގަ އެވެ.
"ބަދްރީނާތު ކީ ދުލްހަނިޔާ"ގައި ކިޔައިދީފައިވަނީ އެއާ ހޮސްޓެސް އަކަށް ވުމުގެ އުންމީދުގައި ހުރި އަންހެންކުއްޖެއްގެ ވާހަކަ އެވެ. އަދި އޭނާ އެންގޭޖްވެފައިވާ ފިރިހެންކުއްޖާގެ ޑިމާންޑްތަކަށާއި އާއިލާގެ ޑީމާންޑްތަކަށް ދީލާނުލާން އަންހެންކުއްޖާ ކުރާ މަސައްކަތެވެ.
އާލިއާ މި ވަގުތު މަސައްކަތްކުރަނީ ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ "ގަންގުބާއީ ކަތިއާވަޅީ"ގަ އެވެ. ވަރުން ވަނީ "ޖުގް ޖުގް ޖިޔޯ"ގެ ޝޫޓިން ފުރިހަމަކޮށް "ބީޅިޔާ"ގެ ޝޫޓިން ފަށާފަ އެވެ.