"ކްރީތީ ސެނޯންގެ "މިމީ"ގެ ފުރަތަމަ ޓްރެއިލާ ބެލި އެންމެން ވެސް ކްރީތީ އެ ފިލްމުގައި ފެންނަ ސިފަ އާއި އޭނާގެ އެކްޓިން ހުނަރަށް އަންނަނީ ތައުރީފުކުރަމުންނެވެ.
ވާހަކައެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މި ފިލްމުގައި ކްރީތީ އަކީ ކުޑަ ކުޑަ އަވަށެއްގައި ދިރިއުޅުނު ވަރަށް އާދައިގެ އަންހެންކުއްޖެކެވެ. އިންޑިޔާ އިން ބޭރުގެ ގައުމެއްގައި އުޅޭ ދެމަފިރިއެއްގެ ދަރިއެއްގެ ސަރަގޭޓް މަންމައަކަށް ވާން ކްރީތީ މި ފިލްމުގައި ގަސްތުކުރެ އެވެ. އޭނާއަށް މައްސަލަތައް ކުރިމަތިވަނީ ކްރީތީ ބަލިވެ އިން ފަހުން އެ ދެމަފިރިންގެ ޚިޔާލު ބަދަލުވެ ކުއްޖާ ބޭނުން ނުވުމުންނެވެ. ފިލްމުގައި ދެން ދައްކަނީ އެ ކުއްޖާއަށް ބަލިވެ އިނުމުގެ ސަބަބުން ކްރިތީގެ ކެރެކްޓާ އަށް ދިމާވާ ތަފާތު މައްސަލަތަކާއި އޭނާއަށް އުޅެން ޖެހޭ ހާލެވެ.
މި ކެރެކްޓާ ކުޅުމަކީ ޚުދް ކްރީތީ އަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވީ ކަމެކެވެ. ސަބަބަކީ އޭނާ އަކީ ފެށުނީއްސުރެ ވެސް ވަރަށް ހިކިކޮށް ލޫޅާފަތިކޮށް ހުންނަ ބަތަލާއަކަށް ވެފައި މި ކެރެކްޓާގައި ކުޅެން ޖެހޭ މާބަނޑު މީހެއްގެ ރޯލަށް ވަރަށް ބޮޑަށް ފަލަވާން ޖެހުމެވެ.
ފަނަރަ ކިލޯ ބަރުވިޔަސް މާބަނޑު މީހަކަށް ވާން ކްރީތީގެ ބަނޑަށް ވެސް ފަސް ކިލޯގެ ބަރުދަނުގެ އެއްޗެއް ލާން ޖެހުނެވެ. ސަބަބަކީ ދެ ކިލޯ ވަރު ލީމަ ވެސް ކްރީތީ އެހާ ހިނގާލެއް ހަލުވިކަމުން މާބަނޑު މީހަކާ ވައްތަރު ނުވާތީ އެވެ.
ކްރީތީ ބުނި ގޮތުގައި މި ރޯލަށް ފިޓްވާން 15 ކިލޯ ބަރުކުރަން އޭނާއަށް ނެގީ ދެ މަހެއްހާ ދުވަހެވެ. ނަމަވެސް ފިލްމުގެ ޝޫޓިންގްތައް ލަސްވެ އެހާ ފަލަކޮށް ގިނަ ދުވަސް ތަކަކު ހުރުން ވީ ވަރަށް އުނދަގޫކަމަކަށް ކަމަށް ކްރީތީ ބުންޏެވެ.
"މި ފިލްމަށް ފަލަ ވާން ޖެހޭތީ އެ ދުވަސްވަރު އެހެން އެއްވެސް ފިލްމެއް ނުކުޅޭން އަހަރެން ނިންމިން. އަދި މި ފިލްމުގެ ޝޫޓިންގް ނިންމާފައި ވެސް ހިކެން މަސައްކަތްކުރަން އެތައް މަހެއް ބާއްވާފައި އިތުރު ފިލްމުތަކުގައި ސޮއިކުރީ،" ކްރީތީ ބުންޏެވެ.
ކްރީތީ އިތުރަށް ބުނީ އޭނާ ފަލަވެފައި ހުރި ދުވަސްވަރު ޕާފޯމް ކުރަން ލިބުނު ގިނަ އެވޯޑު ޝޯތަކެއް ވެސް ޕާފޯމް ނުކޮށް ދޫކޮށްލި ކަމަށެވެ. ސަބަބަކީ ޑާންސް ކުރަން ފަށާއިރަށް އޭނާ ހިކެން ފަށާނެކަން ޔަގީންވާތީ އެވެ.
"މިމީ"ގައި ކްރީތީއާއެކު ބައިވެރިވަނީ ޕަންކަޖް ޓްރިޕާތީ އާއި މަނޯޖް ޕަހްވާ އަދި ސާއީ ތަމްހަންކަރް އާއި ސުޕްރިޔާ ޕާތަކް އެވެ.
މި ފިލްމުގެ ޝޫޓިން ނިންމާފައި މާ ގިނަ ދުވަސްތަކެއް ނުވެ ކްރީތީ ވަނީ އޭނާ ކުރިން ހުރި ވަރަށް ހިކިލާފަ އެވެ. ކްރީތީ ބުނަނީ އޭނާގެ ހަށިގަނޑު އުފެދިފައި ހުރި ގޮތުން ބަރުދަން ލުއިކުރަން އެހާ އުނދަގޫ ނޫން ކަމަށެވެ.