ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައިގައި އަދިވެސް ވަކި ގޮތެއް ނިންމިފައި ނުވާއިރު އޭނާގެ ހަނދާން އާއިލާ އާއި ރައްޓެހިން އަދި އެކުގައި މަސައްކަތްކުރި އެކުވެރިން މިއަދު ވެސް ދަނީ ކުރަމުންނެވެ.
އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ސުޝާންތުގެ މަރު ތަހުގީގު ކުރުމުގައި ތަފާތު އެތައް އޭންގަލަކުން ދަނީ ބަލަމުންނެވެ. މީގެ ތެރެއިން އެއް އެންގަލް އަކީ ޑްރަގް އާއި ސުޝާންތު އާ އޮތް ގުޅުމެވެ. މި މައްސަލައިގެ ތަހުގީގަށް ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ވަނީ ހައްޔަރު ކޮށްފަ އެވެ.
ސުޝާންތު މަރުވީ އަމިއްލައަށް ކަން ސީބީއައިއަށް މިހާރު ވަނީ ޔަގީންވެފަ އެވެ. ވީމާ އާއިލާ އާއި އެނޫންވެސް ބައެއް މީހުން ބުނަމުންދާ ގޮތަށް ބަޔަކު ރާވައިގެން އޭނާ މަރާލީ ނޫންކަން މިހާރު ވަނީ ޔަގީނާ ގާތަށް އެނގިފަ އެވެ. ސުޝާންތުގެ ފޮރެންސިކް ރިޕޯޓުތައް މިހާރު އަލުން ބަލަމުންދާއިރު މި ރިޕޯޓުގެ ނަތީޖާއިން އޭނާ މަރުވި ސަބަބު ޔަގީން ކުރެވޭނެ އެވެ.
ޔަގީންވާ އެއް ކަމަކީ ހަތް އަހަރު ވަންދެން ސުޝާންތުގެ ލޯބިވެރިއެއްގެ ގޮތުގައި ހުރި އަންކިތާ ލޯކަންޑޭ އާ ރުޅިވި ފަހުން ސުޝާންތުގެ ދިރިއުޅުން މާ ބޮޑަށް ހަމަނުޖެހޭ ކަމެވެ. އަންކިތާ އާ ސުޝާންތު ރުޅިވީ ކްރީތީ ސެނޯން އާއެކު 2017 ގައި ސުޝާންތު ކުޅުނު "ރާބްތާ" ކުޅެން ފެށި ފަހުންނެވެ. އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ "ރާބްތާ" ގެ ޝޫޓިންގަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގައުމުން ބޭރުގައި އުޅުނުއިރު ސުޝާންތު އާއި ކްރިތީގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި އަންކިތާ އާ ސުޝާންތު ރުޅިވީ ކަމަށެވެ.
ކްރީތީ އާއި ސުޝާންތުގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް އެމިހުން އެއްބަސް ވެފައި ނުވިޔަސް އެ ދެމެދުގައި ސީރިއަސް ލޯބީގެ ގުޅުމެއް އޮތް ކަމަށް އެ ދެ މީހުންގެ ބައެއް އެކުވެރިން ނޫސްތަކަށް މައުލޫމާތު ދީފައި ވެއެވެ.
އެގޮތުން ސުޝާންތުގެ ގާތް އެކުވެރިޔާ އަދި ޓީވީ ސީރީޒް "ޕަވިތުރަ ރިޝްތާ" ގައި އޭނާއާއެކު މުހިއްމު ރޯލެއް އަދާކުރި އެކްޓަރު މަހޭޝް ޝެޓީގެ ގާތް އެކުވެރިއެއް ކަމަށްވާ ލިޒާ މަލިކް މިދިޔަ ހޮނިހިރު ދުވަހު އިންޑީޔާ ނޫހަކާ ވާހަކަ ދައްކަމުން ވެސް ސުޝާންތާއި ކްރީތީ ރައްޓެހިވީ ކަން ދެނަހުރި ކަމަށް ބުނެފައި ވެއެވެ.
ލީޒާ ބުނި ގޮތުގައި ސުޝާންތު އާ އޭނާއާ ފުރަތަމަ ބައްދަލުވީ މީގެ ދެ އަހަރު ބައި ކުރިން މުމްބައިގެ ބާންޑްރާ ކްލަބްގައި އޮތް ކްރިތީގެ އުފަން ދުވަހުގެ ޕާޓީ އަކުންނެވެ. އެ ޕާޓީގައި ސުޝާންތު ހުރިއިރު އޭނާ ފެނުނީ ވަރަށް އުފާވެރި މީހެއްގެ ގޮތުގަ އެވެ. އެންމެންނާ ވާހަކަ ދައްކާ މަޖާކޮށް ހަދަމުންދިޔަ ކަމަށް ވެސް ލިޒާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އޭރުވެސް ސުޝާންތާއި ކްރީތީ ރައްޓެހި ވެގެން އުޅޭ ކަމަކަށް އެއްބަހެއް ނުވެ އެވެ. ނަމަވެސް އެމީހުންނާއެކު އުޅުނު އެންމެންނަށް ވެސް އެ ދެ މީހުންގެ ލޯބީގެ ގުޅުން އޮންނަކަން ޔަގީންވެ އެވެ.
ރިއާ ސުޝާންތުގެ ހަޔާތަށް އައީ ކްރީތީ އާ ރުޅިވިތާ ވަރަށް ގިނަ ދުވަސް ތަކެއް ފަހުންނެވެ. ނަމަވެސް ސުޝާންތުގެ އެކުވެރިން ބުނަނީ ކްރީތީ އާ ރުޅިވި ފަހުން ސުޝާންތުގެ އުޅުމަށާއި މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި ކަމަށެވެ. އަދި ޑިޕްރެޝަންގެ މައްސަލަތައް އޭނާ ކުރިމަތިވަމުންދާތާ ވެސް ދޮޅުއަހަރެއްހާ ދުވަސް ވެދާނެ ކަމަށް ސުޝަންތުގެ ބައެއް އެކުވެރިން ބުނެފައި ވެއެވެ.