ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައިގެ ތެރެއިން ކުރި ފަޅާފައިވާ ފިލްމީ ތަރިން ޑްރަގް ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް ދާދިފަހުން ބޮލީވުޑްގެ މަޝްހޫރު ތިން ބަތަލާއިން އިންޑިއާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ބަތަލާ އަކީ ސުޝާންތު މަރުވިއިރު ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީ އެވެ. ރިއާގެ ފޯނުގައި ހުރި ބައެއް ވަޓްސްއަޕް މެސެޖުތަކުގައި އޭނާ އާއި ސުޝާންތުގެ މެނޭޖަރު ޖާޔާ ސާހާ އަދި ދީޕިކާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝްގެ މެދުގައި މަސްތުވާ ތަކެއްޗާ ބެހޭ ގޮތުން ބައެއް ވާހަކަތައް ދައްކާފައި ހުރިކަން އެންސީބީ އަށް ޔަގީން ކުރެވުނެވެ.
ސުވާލުކުރުމަށް އެންސީބީއަށް ހާޒިރުކުރި ތިން ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ޝްރައްދާ ކަޕޫރު އަދި ސާރާ އަލީ ޚާން ހާޒިރުކުރީ ސުޝާންތުގެ މެނޭޖަރު ޖާޔާ އާއި ދީޕިކާގެ މެނޭޖަރު ކަރިޝްމާ ހާޒިރުކޮށް ސުވާލުކުރުމަށްފަހު އެ މީހުންގެ ފޯނުތައް އަތުލައިގެން ބެލި ބެލުމުން މި ތިން ބަތަލާއިންނާއި މި ދެ މެނޭޖަރުންގެ މެދުގައި 2017 ވަނަ އަހަރު މަސްތުވާ ތަކެއްޗާ ބެހޭ ވާހަކަތަކެއް ދެކެވިފައިވާ ކަމަށް ބެލެވިގެންނެވެ.
ނަމަވެސް މި ތިން ބަތަލާއިން ހާޒިރުކޮށް ސުވާލުކުރުމުން އެމީހުންނާ މަސްތުވާ ތަކެއްޗާ ގުޅުވޭނެ އެއްވެސް ހެއްކެއް އެންސީބީއަށް ފެނިފައި ނުވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ. އަދި މި ތިން ބަތަލާއިންގެ އެއްވެސް ވަރެއްގެ ޝާމިލުވުމެއް މަސްތުވާ ތަކެއްޗާ ނެތް ކަމަށް އެންސީބީން ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އެންސީބީ އަށް ޝްރައްދާ އާއި ސާރާ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ސުޝާންތު އާއެކު ކުޅުނު ފިލްމުތަކުގެ ސެޓުތަކުގައި ސުޝާންތު މަސްތުވާ އެއްޗެހި ބޭނުންކުރާތަން ފެނިފައިވާ ކަމަށެވެ. ނަމަވެސް ޝްރައްދާ އާއި ސާރާ ވެސް ބުނީ އެމީހުން މަސްތުވާ އެއްޗެތި ބޭނުން ނުކުރާ ކަމަށެވެ.
ދީޕިކާ އާއި އޭނާގެ މެނޭޖަރު ކަރިޝްމާ އާ އެންސީބީން ކުރީ އެއް ސުވާލު ތަކެކެވެ. ނަމަވެސް ދެ މީހުން ދެ ކޮޓަރިއެއްގައި ބައިތިއްބައިގެންނެވެ. މި ދެ މީހުންގެ މެދުގައި ބަދަލުކުރެވިފައިވާ ވަޓްސްއަޕް މެސެޖުތަކެއްގައި "ވީޑް"، "ހޭޝް" އަދި "މާލް" ފަދަ ލަފުޒުތައް ބޭނުންކޮށްފައި ވެއެވެ. އަދި އެ ތަކެތި ހޯދުމާ ބެހޭ ގޮތުން ދީޕިކާ އޭނާގެ މެނޭޖަރަށް ކުރި މެސެޖުތަކުގައި ބުނެފައި ވެއެވެ.
އެންސީބީން ދީޕިކާ އާ މެދު ޝައްކު ކުރީ މި މެސެޖުތަކުގައި މިގޮތަށް ވާހަކަތައް ހުރީމަ އެވެ. ނަމަވެސް ދީޕިކާ އަދި ކަރިޝްމާ ވެސް ބުނީ އެމީހުންގެ މެސެޖުތަކުގައި ދައްކާފައި ހުރީ ސިނގިރޭޓުގެ ވާހަކަ ކަމަށެވެ. އަދި މަސްތުވާ ތަކެއްޗަށް ކިޔާ ނަންނަން ކުރުކޮށް އެ މެސެޖުތަކުގައި ލިޔެފައި ހުރީ އެމީހުން މަޖަލަކަށް އެކި ކަހަލާ ސިނގިރޭޓަށް އެ ނަންތައް ކިޔާތީ ކަމަށް ވެސް މި ދެ މީހުން ބުނެފައި ވެއެވެ.
އެންސީބީ އަށް ދީޕިކާ އާއި އޭނާގެ މެނޭޖަރު އަދި ޝްރައްދާ އާއި ސާރާ ދިން ބަޔާން ތަކާ މެދު ޝައްކު ކުރާނެ ތަނެއް ނެތް ކަމަށް އެ އެޖެންސީގެ އޮފިޝަލުންނާ ހަވާލާދީ އިންޑިޔާގެ މީޑިއާ އިން ވަނީ ބުނެފަ އެވެ.