ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައިގެ ތެރެއިން ކުރި ފަޅައިގެން މިހާރު ބަލަމުންދާ ބޮލީވުޑް އެކްޓަރުން ޑްރަގް ބޭނުންކުރާ މައްސަލައިގައި އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މަޝްހޫރު ތިން ބަތަލާއަކާ ވަނީ ސުވާލު ކޮށްފަ އެވެ. އެންސީބީ އިން އިއްޔެ ސުވާލުކުރި ތިން ބަތަލާއިންގެ ތެރޭގައި ހިމެނެނީ ދީޕިކާ ޕަދުކޯން އާއި ޝްރައްދާ ކަޕޫރު އަދި ސާރާ އަލީ ޚާނެވެ. އަދި އޭގެ ކުރީ ދުވަހު ރަކުލް ޕްރީތު ސިންގް އާ ވެސް ސުވާލު ކޮށްފައި ވެއެވެ.
ދީޕިކާ އާ ފަސް ގަޑިއިރު ވަންދެން އެ އެޖެންސީގެ ފަސް މެންބަރަކު ވަނީ ސުވާލު ކޮށްފަ އެވެ. އޭނާ 2017 ގައި ހަދާފައިވާ ވަޓްސްއަޕް ގްރޫޕެއްގައި ޑްރަގުގެ މަޝްވަރާތަކެއް ކޮށްފައިވާއިރު އެ ގްރޫޕްގެ އެޑްމިން އަކީ ދީޕިކާ އެވެ. މި ގްރޫޕްގައި ދީޕިކާގެ މެނޭޖަރު ކަރިޝްމާ އާއި ސުޝާންތުގެ މެނޭޖަރު ޖާޔާ ވެސް ހިމެނެ އެވެ. ޑްރަގް އާ ބެހޭ ވާހަކަތަކެއް ދެކެވުނު ކަމަށް ދީޕިކާ އެއްބަސްވި ވެފައި ވެއެވެ.
ޝްރައްދާ އާއި ސާރާ އާ ސުވާލު ކުރުމުން އެ ދެ އެކްޓަރުން ވެސް ބުނެފައި ވަނީ ސުޝާންތު އާއެކު ކުޅުނު ފިލްމުތަކުގެ މަސައްކަތް ކުރި ދުވަސްވަރު ސުޝާންތު ޑްރަގް ނަގަނިކޮށް ފެނިފައިވާ ކަމަށެވެ.
ސުޝާންތު އާއެކު ސާރާ ވަނީ 2018 ގައި "ކެދާރްނާތު" ކިޔާ ފިލްމެއް ކުޅެފަ އެވެ. އަދި ޝްރައްދާ ވަނީ 2019 ގައި "ޗިޗޯރޭ" ކިޔާ ފިލްމެއް ސުޝާންތު އާއެކު ކުޅެފަ އެވެ.
އެންސީބީން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ސާރާ ބުނެފައި ވަނީ 2018 ގައި "ކެދާރުނާތު" ގެ މަސައްކަތް ކުރިއިރު އޭނާ އާއި ސުޝާންތު އާ ދެމެދު ވަރަށް ގާތް އަދި ހާއްސަ ގުޅުމެއް އުފެދުނު ކަމަށެވެ. އަދި ދެމީހުން އެކުގައި ޗުއްޓީ ހޭދަކޮށްލަން ތައިލެންޑަށް ދިޔަ ކަމަށް ވެސް ސާރާ އެއްބަސްވި އެވެ. ދޭތެރެ ދޭތެރެއިން ސުޝާންތު ޑްރަގް ބޭނުންކުރާ ކަމަށާއި ނަމަވެސް އޭނާ ޑްރަގް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ކަމަށް ސާރާ ބުނެފައި ވެއެވެ. ޝޫޓިންގްގައި އުޅޭއިރު ލިބޭ ބްރޭޑް ތަކުގައި ވެސް ސުޝާންތު ޑްރަގް ނަގާތަން ފެނިފައިވާ ކަމަށް ސާރާ ބުންޏެވެ.
ޝްރައްދާ ވެސް ބުނެފައި ވަނީ ހަމަ ސާރާ ބުނި ގޮތަށެވެ. "ޗިޗޯރޭ" ކުޅުނު ދުވަސްވަރު ސުޝާންތު އޭނާގެ އަމިއްލަ ވެނިޓީ ވޭންގައި އިނދެގެން ޑްރަގް ނަގާތަން ފެނުނު ކަމަށެވެ. ނަމަވެސް އޭނާ އެއްގޮތަކަށް ވެސް ޑްރަގް ބޭނުން ނުކުރާ ކަމަށް ޝްރައްދާ ވެސް ބުނެފައި ވެއެވެ.
ޝްރައްދާ އޮންލައިންކޮށް އެންސީބީ އޮއިލް އޯޑަރުކުރި ކަމުގެ ވާހަކަތަކެއް އިންޑިޔާގެ ނޫސްތަކުން ތަންކޮޅެއް ކުރިން ރިޕޯޓު ކޮށްފައި ވެއެވެ. ޝްރައްދާ ބުނީ އެ އޮއިލް ހޯދީ ބޭހެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.
ސުޝާންތު އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާގެ މަރާ ގުޅިގެން ކުރަމުންދާ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އޭނާ އާއި ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ޑްރަގް ބޭނުން ކުރެ އެވެ. މިހާރު ރިއާ އާއި އޭނާގެ ބޭބެ އަދި އެމީހުންނަށް ޑްރަގް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.