ސުޝާންތު ސިންގް

ފިލްމު ދީފައި ސުޝާންތު އަތަކުން ނާތުލަން: ބާންސާލީ

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން މަޝްހޫރު ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާ މިދިޔަ އަންގާރަ ދުވަހު ވަނީ މުމްބައި ފުލުހުން ތިން ގަޑިއިރު ވަންދެން ސުވާލު ކޮށްފަ އެވެ.

އިންޑިޔާގެ ނޫހެއްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ފާއިތުވީ ތަނުގައި ހަތަރު ފިލްމެއް ސުޝާންތަށް ހުށަހެޅި ކަމަށް ބާންސާލީ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވެއެވެ. އޭގެ ތެރޭގައި "ބާޖީރާއޯ މަސްތާނީ" އާއި "ޕަދްމާވަތު" އަދި "ރާމް-ލީލާ" ހިމެނެ އެވެ. ނަމަވެސް ޔާޝްރާޖް ފިލްމްސްގެ ކޮންޓްރެކްޓެއްގައި ސުޝާންތު ސޮއި ކޮށްފައި ވާތީ އެ ޕްރޮޑަކްޝަން ހައުސް އިން އުފައްދަން އޭރު ނިންމާފައި އޮތް "ޕާނީ" ކިޔާ ފިލްމަކަށް ތާރީޚު ދޭން ޖެހިފައިވާތީ ބާންސާލީ ހުށަހެޅި އެއްވެސް ފިލްމެއް ސުޝާންތު ގަބޫލު ނުކުރީ ކަމަށް ބާންސާލީ ބުނި ކަމަށް ވެއެވެ.

"ޕާނީ" އަކީ ޝޭކަރް ކަޕޫރު ޑައިރެކްޓްކުރާ ގޮތަށް ޔާޝްރާޖް އިން އުފައްދަން އިއުލާންކޮށްފައި އޮތް ފިލްމެކެވެ. ނަމަވެސް ޝޭކަރް އާއި ޔާޝްރާޖް ފިލްމްސް ޚިޔާލު ތަފާތުވެ މި ފިލްމަށް ފައިސާ ޚަރަދު ކުރަން އެ ޕްރޮޑަކްޝަން ހައުސް އިން ބޭނުން ނުވީ އެވެ.

ބާންސާލީ ދީފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ހަތަރު ފިލްމެއް އޭނާ ސުޝާންތަށް ހުށަހެޅީ ސުޝާންތާއެކު މަސައްކަތް ކުރަން ބޭނުންވާތީ އެވެ. ސުޝާންތަށް އެ ފުރުސަތުތައް ގެއްލުނީ އޭނާއަށް ބާންސާލީ އެދޭ ތާރީޚުތައް ދެވެން ނެތިގެންނެވެ.

ބާންސާލީ ބުނެފައިވާ ގޮތުގައި 2016 އިން ފެށިގެން އޭނާ ސުޝާންތު އާ އެއްވެސް ވަރަކަށް ވާހަކަ ދައްކާފައެއް ނެތެވެ. އަދި އެ މީހުންނަކީ އެކުވެރި ރަހުމަތްތެރިންނަށް ނުވާތީ ސުޝާންތުގެ ޑިޕްރެޝަން މައްސަލަތަކެއް ހުރިކަމެއް އޭނާއަށް އެނގިފައެއް ނެތެވެ.

ސުޝާންތުގެ ކުއްލި މަރު އޭނާގެ އެތައް މިލިއަން ފޭނުންނަކަށް ބަލައިގަންނާކަށް އެހާ ފަސޭހައެއް ނޫނެވެ. އެހެންވެ ސީބީއައިގެ ފަރާތުން މި މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފޭނުން ދަނީ ޑިމާންޑް ކުރަމުންނެވެ.

ސުޝާންތު އެންމެ ފަހުން ކުޅުނު "ދިލް ބޭޗާރާ" މިމަހު ފަހުކޮޅު ޑިޖިޓަލްކޮށް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި ފިލްމުގެ ޓްރެއިލާ ހޯމަ ދުވަހު ރިލީޒް ކުރުމާއެކު މިހާތަނަށް ފިލްމެއްގެ ޓްރެއިލާއަށް ނުލިބޭ ވަރުގެ ބޮޑު ތަރުހީބެއް މި ޓްރެއިލާއަށް ވަނީ ލިބިފަ އެވެ.

ސައުވީސް ގަޑިއިރު ތެރޭގައި އެންމެ ގިނަ ލައިކްސް ލިބުނު ޓްރެއިލާގެ ރެކޯޑް ވެސް މިހާރު މި ޓްރެއިލާއަށް ވަނީ ގާއިމް ކުރެވިފަ އެވެ.
24 ގަޑިއިރު ތެރޭގައި ޔޫޓިއުބުން އެކަނިވެސް 4.3 މިލިއަން ލައިކްސް މި ޓްރެއިލާ އަށް ލިބިފައި ވެއެވެ. މިއީ އެންމެ ބޮޑެތި ބްލޮކްބަސްޓާތައް ކަމަށްވާ "އިންފިނިޓީ ވޯ" އާއި "އެންޑްގޭމް" އަށް ލިބިފައިވާ ލައިކްސް އަށް ވުރެ ވެސް މާ ގިނަ އަދަދެކެވެ. ޓްރެއިލާ ލޯންޗު ކުރިތާ އެންމެ 16 ގަޑއިރު ތެރޭގައި ޔޫޓިއުބުން މި ޓްރެއިލާ ބެލި އަދަދު 21 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވެއެވެ. މި ރެކޯޑް ކުރިން އޮތީ "އެވެންޖާޒް:އެންޑްގޭމް" އަށެވެ.