އެންއައިސީ

އެންއައިސީގެ ހަތަރު މެންބަރަކު ވަކިކުރަން ރައީސަށް އަންގަން ކޮމިޓީން ނިންމައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެންއައިސީ މެންބަރުންގެ މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގި އެވެ. ސަބް ކޮމިޓީއާ ހަވާލު ކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގަ އާއި ބަޔަކަށް އަނިޔާކުރި ފުލުހުންތަކެއްގެ ދިފާއުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ކުރި ފުލުހުންގެ މައްސަލަތަކުގައި އެންއައިސީން އަމަލުކުރި ގޮތް ބަލާށެވެ.

ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓް ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހުށަހަޅައިފަ އެވެ. ރިޕޯޓުގައިވާ ގޮތުން، އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެ އެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދު އާއި، މެންބަރު އަހުމަދު އަމީން އާއި، މެންބަރު ހަދީޖާ އަބްދުﷲ އެވެ.

ރިޕޯޓަށް ރިއާޔަތްކޮށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވީ އެ މެންބަރުން ވަކިކުރަން ރައީސް ސޯލިހަށް ލަފާ ދެއްވުމަށް ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ގެންދާށެވެ. އެއިން ކޮންމެ މެންބަރަކަށް ވަކިން ވޯޓަށް އަހައި، އެ ހުށަހެޅުން ކޮމިޓީން ފާސް ވެސް ކުރި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މި ނިންމުން ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވާލައި ތަޅުމަށް ގެންދާނެ އެވެ. ތަޅުމުގައި ކޮމިޓީގެ ރިޕޯޓަށް ބަހުސެއް ވެސް ކުރާނެ އެވެ. މަޖިލީހުން ރައީސަށް އެ ގޮތަށް އަންގަން ފާސްވާނީ ތަޅުމުގައި، ކޮމިޓީގެ ރިޕޯޓަށް އަހާ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރުމުންނެވެ.

އެންއައިސީގެ ހަތަރު މެންބަރަކު ވަކިކުރަން ރައީސަށް އަންގަން ކޮމިޓީން ނިންމިއިރު، ދެން އެ ކޮމިޝަނުގައި އިންނަވަނީ މެންބަރު އަހުމަދު ޖިހާދު އެކަންޏެވެ. މެންބަރު ޖިހާދަކީ މި ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރެކެވެ. ވަކި ކުރަން ނިންމި ހަތަރު މެންބަރުންނަކީ ކުރީ ސަރުކާރުގެ ދުވަސްވަރު އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރުންނެވެ.

އެންއައިސީގެ މެންބަރުން ވަކިކުރަން ރައީސަށް އަންގާ ގޮތަށް ކޮމިޓީން ނިންމީ، އެ ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ އިހްތިޔާރު ރައީސަށް އޮންނަ ކަމަށް ބުނެފައިވާތީ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ގާނޫނެކެވެ. އެއީ 2015 ވަނަ އަހަރުގަ އެވެ.

އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.