ހަބަރު

އިމާރާތެއްގެ މަތިން ވެއްޓުނު ކުޑަ ކުއްޖާ މަރުވެއްޖެ

މާލޭ އިމާރާތެއްގެ ފަސް ވަނަ ބުރިން މަގުމައްޗަށް ވެއްޓުނު 11 އަހަރުގެ ކުއްޖާ ހޭނާރާ އޮވެ މިރޭ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ ގެނައިރުވެސް ހޭނެތި ހަބަރު ހުސްވެފައި އޮތް 11 އަހަރުގެ އެ ފިރިހެން ކުއްޖާ މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިރޭ 8:40 އެހާކަން ހާއިރު ކަމަށެވެ. އެ ކުއްޖާގެ ވަނަވަރު ސާފުވާގޮތެއް ނުވެ އެވެ. އޭނާ އައިޖީއެމްއެޗަށް ގެނައި އިރުވެސް ބޮލާއި ނޭފަތާއި އަގައިން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ ކަމަށްވެ އެވެ.

ފުލުހުން ބުނެފައި ވަނީ އެ ކުއްޖާ ވެއްޓުނީ މިއަދު އިރުއޮއްސުނު ވަގުތު މަޖީދީމަގުގައި ހުންނަ މ.ކުރެދިވަލުއާގޭގެ ފަސް ވަނަ ބުރިންނެވެ. އެ އާއިލާގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓުނީ އެ ގޭގެ ބެލްކަނީގައި ހުރި ދޮންނަމެޝިންގެ މައްޗަށް އަރައިގެން އުޅެނިކޮށް ކައްސާލައިގެންނެވެ.

އެ ސަރަހަދުގައި ތިބި މީހުން ބުނީ ކާރޫ ބާރޫ ބޮޑު މަޖީދީ މަގަށް އެ ކުއްޖާ ވެއްޓުމާ އެކު އެ ސަރަހައްދުގައި ތިބި މީހުން އެ ކުއްޖާ ނަގައިގެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެ ކުއްޖާ މަގުމައްޗަށް ވެއްޓުނުކަން އެނގުނީ ވަރަށް ބާރަށް ބަޔަކު ހަޅޭއްލަވައިގަތް އަޑުއިވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ބަލައިލިއިރު އެ ކުއްޖާ އޮތީ މަގުމައްޗަށް ވެއްޓި ހަރަކާތް ހުއްޓިފައި،" މަންޒަރު ދުށް މީހާ ބުންޏެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ ޕްރައިވެޓް ކާރެއްގައި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

އިމާރާތެއްގައި މަސައްކަތް ކުރަން އުޅުނު އިންޑިއާ މީހަކު މީގެ ދެ ދުވަސް ކުރިން ވެއްޓި ވަނީ މަރުވެފަ އެވެ.