މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ ލިބިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމާއި ގުޅިގެން ރައީސްގެ އެ ނިންމެވުމަށް ކުރީގެ ރައީސް މައުމޫން ތައުރީފު ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަޅާފައިވާ ކަމަށެވެ.
".މިކަމާ ގުޅިގެން މިނިސްޓަރު އޮފް ޓުއަރިޒަމް އަލްފާޟިލް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައި،"
މައުމޫން މިރޭ ވިދާޅުވީ ރައީސްގެ އެ ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މި ކަހަލަ މައްސަލަތަކުގައި އަވަސް އިސްލާޙީ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.
މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް، ރައީސް ސޯލިހު އަންގަވާފައިވާއިރު މިއަދު ހެނދުނުން ފެށިގެން މިނިސްޓަރު އަލީ ވަހީދާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ.
މީގެ ކުރިން އަލީ ވަހީދު މި ސަރުކާރުގެ ބައެއް އަންހެން ވަޒީރުންނަށް ނިސްބަތްކޮށް ހުތުރު ވާހަކަތަކެއް ދެއްކި އޯޑިއޯތަކެއްވެސް ވަނީ ލީކްކޮށްފައެވެ. އެ އޯޑިއޯތަކުގައި އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅޭގޮތުން ވަރަށް ބޭއަދަބީ ވާހަކަތައް ވަނީ ދައްކާފައެވެ.