ރައީސް މައުމޫން އަބްދުލްގައްޔޫމް

ރީތިކޮށް ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރެއް ނޫން: މައުމޫން

ރީތިކޮށް ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން،" ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ މިއަދު ދެއްވި ހިތާބުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ރައީސް މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1968 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާއެކު ކަމަށާއި އެކަން އެގޮތަށްވީ މިފަހަރު އެކަނި ނޫން ކަމަށެވެ.

ރީތިކޮށް ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވި ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ބަދަލުވުމުން އޭރުގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ވަގުތު ރައީސް ނަޝީދުގެ ވަޒީރުން އެއްބާރުލުން ދެއްވާފައެއް ނުވެ އެވެ.