ސުޝާންތު ސިންގް

ސުޝާންތާ ވައްތަރު މީހަކު ފެނިގެން އުތުރި އަރަނީ

ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން ހިތާމައިގައި ތިބި އޭނާގެ ފޭނުންނަށް ބުދަ ދުވަހު ކުއްލިއަކަށް ސޯޝަލް މީޑިއާ އިން އޭނާއާ ވަރަށް ވައްތަރު މީހެއް ފެނިއްޖެ އެވެ. އަދި މިމީހާ ފެނިފައި ސުޝާންތުގެ ފޭނުން ވަރަށް އުފާވެފައިވާ ކަން ވެސް އެމީހުން ކޮށްފައިވާ ކޮމެންޓުތަކުން ޔަގީންވެ އެވެ.

ސަޗިން ތިވާރީ ނަމަކަށް ކިޔާ މި މީހާއަށް މިހާރު ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރެވެ. އިންސްޓަގްރާމްގައި މީނާ ފޮލޯ ކުރާ މީހުންގެ އަދަދު އެއް ދުވަހު ތެރޭ 10،000 އަށް ވުރެ މައްޗަށް ވަނީ ގޮއްސަ އެވެ.

ސަޗިން އަކީ އުއްތަރު ޕްރަދޭޝްގެ ރާއެބަރޭލީ އަށް އުފަން މީހެކެވެ. އަދި ފިޓްނަސް އަށް ވަރަށް ލޯބި ކުރާ މީހެކެވެ. މި މީހާގެ ފޮޓޯތައް އިންސްޓަގްރާމުން ފެނިގެން ބަޔަކަށް އޭނާއާ ސުޝާންތު އާ މާ ބޮޑަށް ވައްތަރުވެ އެ ވާހަކަ ދައްކަން ފެށުމުން ގިނަ ބަޔަކު މި މީހާ ފޮލޯކޮށް އޭނާގެ ފޮޓޯތައް ބަލަން ޝައުގުވެރިވީ އެވެ.

ފޮޓޯތައް ބެލި ގިނަ މީހުން އެއްބަސްވާ ގޮތުގައި ސުޝާންތުގެ މޫނާއި މިމީހާގެ މޫނުގައި ވަރަށް އެއްވައްތަރު ގޮތްތަކެއް އެބަހުއްޓެވެ. އަދި އިސްތަށިގަނޑު ވެސް ސުޝާންތުގެ ކެރިއަރުގެ ކުރީކޮޅު އޭނާ ހުރި ގޮތާ ވަރަށް އެއް ގޮތެވެ.

އޭނާއަށް ސުޝާންތުގެ ފޭނުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ފެނިފައި ސަޗިން ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް ޕޯސްޓްކޮށްފަ އެވެ. އޭނާގެ މެސެޖުގައި އޭނާގެ ފޮޓޯތައް ބަލާ ފޮލޯކުރާ ހުރިހާ އެކުވެރިންނަށް ޝުކުރު އަދާކޮށްފައި ވެއެވެ.

ސަޗިން ބުނި ގޮތުގައި މިހާ ބޮޑު ތަރުހީބެއް އޭނާއަށް ލިބިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. އަދި ސުޝާންތުގެ ހަނދާންތައް ސުޝާންތުގެ ފޭނުންނަށް އަދި ޚުދް އޭނާގެ ހިތުގައި އަބަދުވެސް ރައްކާކުރެވިފައި އޮންނާނެކަމަށް ވެސް ސަޗިން ބުނެފައި ވެއެވެ.
ލިބެމުންދާ މަގްބޫލުކަމުގެ ސަބަބުން އިތުރު ފޮޓޯތަކާއި ވީޑިއޯތައް ވެސް ސަޗިން މިހާރު ވަނީ އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ.

ސަޗިން ޝެއާ ކުރި ބައެއް ވީޑިއޯތަކުގައި އޭނާ ވަނީ ސުޝާންތުގެ ސްޓައިލް ކޮޕީކޮށް އަދި އޭނާގެ ޑައިލޯގްތައް އޭނާ ކިޔާ ގޮތަށް ކިޔަން މަސައްކަތް ކޮށްފަ އެވެ. މި ވީޑިއޯތައް ބަލާފައި ސުޝާންތުގެ ބައެއް ފޭނުން ބުނީ ސައިޑް އެންގަލް އަކުން އޭނާ އާ ސުޝާންތާ ވައްތަރު ކަމަށެވެ. ބޮލީވުޑުން މަސައްކަތް ލިބޭތޯ އުޅެލަން ވެސް ބައެއް މީހުން މަޝްވަރާ ދީފައި ވެއެވެ.

ނަމަވެސް ސުޝާންތުގެ އެންމެ ބޮޑެތި ސަޕޯޓަރުން ބުނެފައިވަނީ "ކެދާރްނާތު" އެކްޓަރާ އެއްވެސް މީހަކަށް ވައްތަރު ނުވެވޭނެ ކަމަށެވެ.