ހަބަރު

އދ. އިން ރާއްޖޭގެ ސިޔާސީ ކަންކަމާ ނުބެހޭނެ: ބާންކީ މޫން

Oct 2, 2015

ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމަށް އދ. އިން ވަންނަން ބޭނުން ނުވާ ކަމަށް އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

އިއްޔެ ނިއުޔޯކްގައި ސެކްރެޓަރީ ޖެނެރަލާއެކު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބޭއްވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ފޮރިން މިނސްޓްރީގެ ވެބްސައިޓްގައި ރޭ ޝާއިއު ކުރި، ކުރު ބަޔާނެއްގައި ބުނެފައި ވަނީ، އދ. އިން ވެސް އަދި ސެކްރެޓަރީ ޖެނެރަލް ވެސް ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާ ނުބެހޭނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެމަނިކުފާނު ބާރު އެޅުއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އދ. އިން އެ ބައްދަލުވުމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ މަޝްވަރާތައް ހެޔޮ ނިޔަތުގައި ކުރިއަށް ގެންދަން ބޭނުން ނަމަ ރައީސް މުހައްމަދު ނަޝީދަށް މާފު ދިނުމަށް ބާންކީ މޫން އެދިވަޑައިގަތް ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްސަލައިގައި ރާއްޖޭގެ އެތެެރެ އާއި ބޭރުން ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ސަމާލުކަން ދިނުމަށް އެދިވަޑައިގަތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރަށް އެ ބައްދަލުވުމުގައި މޫސުމާ ބެހޭ ކަންކަމުގައި ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރު ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އދ. އިން ބުންޏެވެ.

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައި ވަނީ ނަޝީދު ޖަލަށް ލާފައިވަނީ އުސޫލުތަކުގެ ބޭރުން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެކަން ބަލައި ނުގެންފަ އެވެ.

އެ ނިންމުން ސަރުކާރުން ގަބޫލު ނުކުރަން ނިންމީ، އެ މައްސަލައިގައި ސަރުކާރުން ހުށަހެޅި ގިނަ ނުކުތާތަކަށް އެ ގްރޫޕުން ރިއާޔަތް ކޮށްފައި ނުވާތީ އެވެ. އަދި އެ ޖަމްއިއްޔާ އިން ނިންމި ގޮތަށް ސަރުކާރުން އަމަލު ކޮށްފި ނަމަ، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަން ޖެހޭނެތީ އާއި އެއީ ރާއްޖޭގެ ގާނޫނު އަސާސީ އިން ހުއްދަ ކުރާ ކަމަކަށް ނުވާތީ އެވެ.

އަދި އެ މައްސަލާގައި ޝަރުއީ ދާއިރާ އިން ނަޝީދުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން އަދިވެސް ފުރުސަތު އޮތުމުން އެއީ ސަރުކާރުން ބެހެންޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރަން ނަޝީދު ދެކޮޅު ހައްދަވަން ފެށުމުން ޕްރޮސެކިއުޓާ ޖެނެރަލް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ވަނީ އެ ކޯޓުން ބޭރުކޮށްފަ އެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އޭނާގެ އާއިލާއާއެކު ދަންވަރު ގޭގައި އުޅުއްވަނިކޮށް ސިފައިން ފޮނުވައިގެން ހައްޔަރުކޮށް އެތައް ދުވަހެއް ވަދެން ސިފައިންގެ ޓްރޭނިން ސެންޓަރު ގިރިފުށީގައި ބެހެއްޓި މައްސަލައިގަ އެވެ. އެގޮތަށް އަމަލު ކުރުމަށް ނަޝީދު އޯޑަރު ކުރެއްވި ކަމަށް ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވެފައިވެ އެވެ.