މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ޗެނަލް13 ގެ މައްސަލައެއް ބްރޯޑްކޮމްއިން ބަލަން ފަށައިިފި

ޗެނަލް 13އިން ފޮނުވި ރިޕޯޓެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

މި މަހުގެ ހަވަނަ ދުވަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޗެނަލް 13 ގެ މައްސަލައެއް ބަލަމުންދާ ކަމަށް ލިޔުމުން އަންގާފައެވެ. ބަލަމުންދަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދީފައިވާތީ، އެ ރިޕޯޓް އެ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރަމުން ގެންދަނީ އެއީ ތެދުކަން ކަށަވަރު ކޮށްގެންކަން ބަލައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައެއް ކަމަށް ވަނީ ބުނެފައެވެ.

އެއީ ކޮން ފަރާތަކުން ހުށައެޅި މައްސަލައެއް ކަމަށް ބްރޯޑްކޮމްއިން ބުނެފައެއް ނުވެއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނާއި އިދިކޮޅު ޕާޓީތަކުގެ ހަބަރުތައް ގެނެސްދޭ ޓީވީ ޗެނަލްގެ ގިނަ މައްސަލަތަކެއް މީގެ ކުރިންވެސް އެ ކޮމިޝަނުން ވަނީ ބަލާފައެވެ.

މި ސަރުކާރު އައިފަހުން މަޖިލީހުން ވަނީ ބްރޯޑްކޮމްގައި ކުރިން ތިއްބެވި ގިނަ ބޭފުޅުން ވަކިކޮށް މި ސަރުކާރު "ރުހޭ" ބޭފުޅުން އެ ކޮމިޝަނަށް އައްޔަން ކޮށްފައެވެ.