މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އެންގި އެންގުމަކީ ބިރު ދެއްކުމުގެ އަމަލެއް ކަމަށް ރާއްޖޭގެ ނޫސް މީޑިއާތަކުގެ އެޑިޓަރުން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ އެމްއެމްސީގެ ރައީސް ހިދާޔަތުﷲ އަށް ފޮނުވާފައިވާ ސިޓީގައި އެންމެ ފަހުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މެންބަރުންނާއެކު މީޑިއާ ކައުންސިލުން ބޭއްވެވި ބައްދަލްވުމުގައި ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުގެ ތެރޭގައި އެ ގަވާއިދާ ހިލާފުވެއްޖެނަމަ 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް މީޑިއާ ކައުންސިލުން ބުނެފައިވާކަން ފާހަގަކޮށް މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވަނީ އަންގާފައެވެ.
އެ ގަވާއިދު ބުދަ ދުވަހުގެ ކުރިން ފޮނުވުމަށް މިމަހުގެ އެއްވަނަ ދުވަހު ފޮނުވި އެ ސިޓީގައި ވަނީ ބުނެފައެވެ.
އެ ސިޓީ އާންމުވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. ބުރާސްފަތި ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި އެޑިޓަރުން ބޭއްވެވި ބައްދަލްވުމެއްގައި ސަން މީޑިއާ ގުރޫޕްގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މަޖިލީހުން މީޑިއާ ކައުންސިލަށް ފޮނުވި ސިޓީއާމެދު އެޑިޓަރުން ކަންބޮޑުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް، މީޑިއާ ކައުންސިލަށް ވަކި ގޮތަކަށް ކަންކަން ކުރަން އަންގާނަމަ އެ ކައުންސިލް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ޒާހިރު ވިދާޅުވިއެވެ. ޒާހިރު ވިދާޅުވީ ވަކި ކަމެއް ވަކި ގޮތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ކޮށް ނިންމުމަށް މަޖިލީހުން މީޑިއާ ކައުންސިލަށް އެންގުމަކީ ބިރު ދެއްކުމެއް ކަމަށެވެ.
"އަސްލުގައި ބިރު ދެއްކުމުގެ އަމަލެއް މި ހިންގަނީ،" ޒާހިރު ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވީ ނުފޫޒު ފޯރުވައިގެން ވަކި ކަންތައްތަކެއްކޮށް ވަކި މީޑިއާތަކަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް މުޅި މީޑިއާ އެކުގައި އިހުތިޖާޖު ކުރާނެ ކަމަށެވެ.
އަވަސްގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) ވިދާޅުވީ ނޫސްވެރިން މަސައްކަތް ކުރަމުންދަނީ އިންސާފުވެރިކަމާއެކު ރިޕޯޓްކުރުމާއި ހަގީގަތް ހާމަކުރުމާއި ނުފޫޒެއްގެ ދަށުނުވެ މަސައްކަތް ކުރުމުގެ އަސާސް މަތީގައި ކުރިއަށް ދިއުމަަށް ކަމަށެވެ.
މިދިޔަ ސަރުކާރުގެ ދުވަސްވަރު ނޫސްވެރިކަމަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކުރައްވާ އަބުރުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ވުޖޫދުކޮށް އެތައް މީޑިއާތަކެއް ޖޫރިމަނާކޮށް ޖިނާއީ ދައުވާ ކުރެވޭ ގޮތަށް ބައެއް ކަންކަން ރާއްވާ ނޫސްވެރިންގެ މައްޗަށް ދައުވާ ކޮށްފައިވާކަން މުންޑޫ ހަނދާން އައުކުރެއްވިއެވެ.
އަދި ވިދާޅުވީ މި ހުރިހާ ގޮންޖެހުންތަކެއް އޭރު ހުރިނަމަވެސް އައު ސަރުކާރާއެކު އެ ހުރިހާ ކަމެއް ބަދަލުވާނެ ކަމަށް ނޫސްވެރިން އުންމީދުކުރި ކަމަށެވެ. މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ރައީސް ސޯލިހްގެ ކޮންމެ ތަގުރީރެއްގައި ނޫސްވެރިންނަށް މިނިވަންކަން އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ގެންދެވިކަންވެސް ފާހަގަކުރެއްވިއެވެ.
ނަމަވެސް ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިނގި ރޭޕް ކޭސްއަކަށްފަހު ކުއްލިއަކަށް ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ދިމާވެ، އެ މައްސަލައާ ގުޅިގެން މީޑިއާތަކުން ގެނެސްދިން ރިޕޯޓްތަކުގެ މައްސަލަތައް ބަލާ، މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިކަން މިގޮތަށް ހިނގައިދިއުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން،"
މުންޑޫވެސް ވިދާޅުވީ މަޖިލީހުން ކުރަމުންދާ މަސައްކަތް އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ.
"މިއުޅެނީ ވަކި ކަހަލަ ކަމެއްގެ ތެރެއިން އަޅުގަނޑުމެންގެ ހެޑަށް އޮޅުވާލައި އަޅުގަނޑުމެންނަށް ބިރުދައްކަން ވެގެން،"
ވަން އޮންލައިންގެ ޗީފް އެޑިޓަރު ސިނާން އަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލުން ކުރަންޖެހޭ ކަންކަން ބުނެދޭން ޖެހުނު ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭނެ އުސޫލެއް މިހާ ކުރު މުއްދަތެއްގައި ހެދުމަށްފަހު މަޖިލީހަށް ހުށައެެޅުމަށް އެންގި ސަބަބާމެދުވެސް ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑުމެން އެޑިޓަރުން ގަބޫލުކުރާ ކަމެއް ނޫން ރައްޔިތުންގެ މަޖިލީހުން މިނެވި މައްސަލައެއް ބަލާ، އެވެނި މައްސަލައަކަށް ފިޔަވަޅު އަޅާ، މިފަދަ އިންސްޓްރަކްޝަންތައް މީޑިއާ ކައުންސިލަށް ދެވިގެންވާނެ ކަމަކަށް. އެކަން އަޅުގަނޑުމެން މާނަކުރާނީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި،"
ސިނާން ވިދާޅުވީ މައްސަލަތައް ބަލާނެ ނިޒާމުތަކެއް މީޑިއާ ކައުންސިލް ތެރޭގައި ހަމަޖެހިފަައި އޮންނަ ކަމަށާ އެ އުސޫލުގެ ތެރެއިން ކަންކަން ބެލުމަކީ އެޑިޓަރުން ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. އަދި އެތިކްސްއާ ހިލާފަށް ކަންކަން ކުރާނަމަ ފިޔަވަޅު އެޅުމާމެދުވެސް އެޑިޓަރުންގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.
ނަމަވެސް މަޖިލީހުން އެދިގެން މީޑިއާތަކާއި ނޫސްވެރިންނަށް ގެއްލުންވާ ގޮތަށް މީޑިއާ ކައުންސިލުން ކަންކަން ކުރުމާއި ވަކިވަކި މީޑިއާތަކުގެ މައްސަލަތައް ބަލާ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން އިއުލާނުތައްކޮށް އެ މީޑިއާތަކުގެ އަގު ވައްޓާލުން ބަލައިނުގަނެވޭނެ ކަމަށެވެ.
ދަ ޕްރެސްގެ ޗީފް އެޑިޓަރު އަލީ ޝައްމާން ވިދާޅުވީ މަޖިލީހުގެ ސިޓީއާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއަސަސާތަކުގެ ކޮމެޓީގައިވެސް މީޑިއާއަކީ ކޮބައިކަމާއި މީޑިއާތަކުގެ މަސައްކަތްތައް ހިނގަނީ ކިހިނެތްކަން އެނގޭ މެންބަރުން އެބަތިއްބެވި ކަމަށާ އެ މެންބަރުން ތިއްބަވާމެ މިފަދަ ސިޓީއެއް މީޑިއާ ކައުންސިލަށް ފޮނުވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށް ޝައްމާން ވިދާޅުވިއެވެ.
"މީޑިއާ ކައުންސިލަށް ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އަމުރުކުރުން، މިއީ އަޅުގަނޑުމެންނަށް ބަލައިނުގަނެވިގެން މި އުޅޭ ކަމަކީ،"
ޝައްމާން ވިދާޅުވީ މީޑިއާގެ ހައްގުގައި ބްރޮޑްކޮމުންވެސް މީޑިއާ ކައުންސިލުން މަސައްކަތް ކުުރަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ އެ ދެ މުއައްސަސާ އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ރޭގެ ބައްދަލްވުމުގައި މިހާރު، ވަގުތު އަދި ދިޔަރެސް އޮންލައިންގެ އިތުރުން ޗެނަލް 13 ގެ ފަރާތުން ބައިވެރިވި ބޭފުޅުންވެސް ވަނީ މަޖިލީހުން މީޑިއާ ކައުންސިލަށް ފޮނުވި ސިޓީއާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.