ރ. އުނގޫފާރު ކުޑަކުދިންގެ ޕާކު ތަރައްގީކޮށް ބެލެހެއްޓުން އާރްއެޗް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
އުނގޫފާރު ކައުންސިލުން ބުނީ އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
އާރްއެޗް ހޯލްޑިންގެ ވެރިޔާ އަހުމަދު ރީހާން ވިދާޅުވީ ޕާކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެ ތަނަކީ އާއިލާތަކަށް އުފާވެރި ތަނަކަށް ބަދަލުކޮށްލާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންގެ ޕާކްގައި ކެފޭއަކާއި ޓީވީ ބެލުމަށް ސްކްރީން ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި ކުޑަކުދިންނަށް ހާއްސަ ޕްލޭ ގްރަންޑްގައި އެ ކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާނެއެވެ. އަދި ކުޑަކުދިން ކުޅޭ އެކި ސާމާނުތައް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުތރުން ޕާކްގައި ހުރި ފިހާރަތައް އިތުރަށް ތަރައްގީކޮށް ކުޑަކުދިންނާ ގުޅޭ ތަފާތު ސާމާނުތައް ލިބޭނެ އިންތިޒާމްވެސް އެ ކުންފުނިން ހަމަޖައްސާނެއެވެ.
އާރްއެޗް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ގެންދަނީ އުނގޫފާރުގައި ތަފާތު މަސައްކަތްތައް ކުރަމުންނެވެ.