އުނގޫފާރު

އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ޒުވާނާ މަރުވެއްޖެ

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި ޒުވާނާ މަރުވެއްޖެ އެވެ.

އުނގޫފާރުގައި ހުރި މަގުބައްތި ހޮޅި ދަނޑިއަކުން މަގުމަތީގައި ފެން ހެދިފައި ހުރި ތަނަކަށް ކަރަންޓް ދަތުރުކޮށް އެތަނުގައި ކުޅެން ތިބި ދެ ކުއްޖަކު ކަރަންޓުގައި ޖެހުމުން އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި ޒުވާނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

ކަރަންޓުގައި ޖެހުމުގެ މި ހާދިސާ ހިނގީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އުމުރުން 18 އަހަރުގެ މި ކުއްޖާ އަކީ އޯޓިސްޓިކް ކުއްޖެކެވެ.

އޭނާ ބުނި ގޮތުގައި ކަރަންޓުގައި ޖެހުނު އަނެއް ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފަ އެވެ.