ރައްޔިތުންގެ މަޖިލިސް

މެންބަރުންގެ އިމްތިޔާޒަށް ވަކި އިމެއް އޮންނާކަށް ނުޖެހޭތަ؟

ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ ސިޔާސީ ބޭފުޅުން ބައެއް ފަހަރު ދައްކަވާ ވާހަކަތައް މި ހުންނަވަނީ އާންމު އަހްލާގީ މިންގަނޑުން ބޭރުގަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އެފަދަ ވާހަކަތައް ދެއްކެވުމާއި މަޖިލިސް ތެރޭގައި ހަމަނުޖެހުން ހިންގުމާއި މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަކީ ވެސް ރާއްޖޭގައި އާ ކަންކަމެއް ނޫނެވެ.

ނަވާރަވަނަ މަޖިލިސް އިންތިހާބު ކުރީ މި މަންޒަރުތައް ތަކުރާރުނުވެ "ނަޒާހަތްތެރި" މަޖިލީހެއްގެ އުއްމީދުގަ އެވެ. ނަމަވެސް އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރު، މީގެ ކުރިން ރާއްޖޭގެ ރައީސް ކަން ވެސް ކުރެއްވި މުހައްމަދު ނަޝީދުގެ ލީޑާޝިޕްގައި މަޖިލިސް ހިންގަވަމުން ދަނީ އެ ގޮތަށް ހެއްޔެވެ؟ މި މަޖިލީހުގެ މެންބަރުންގެ ފަރާތުން ތަފާތު ރިތީ މަންޒަރުތަކެއް ފެނޭ ހެއްޔެވެ؟

މަޖިލީހުގެ ޖަލްސާތަކުގައި ބަހުސްތައް ހިންގެވުމުގައި ކުރީގެ މަޖިލީހުގެ ރައީސުންނާ ބަލާއިރު ރައީސް ނަޝީދު ވަރަށް ތަފާތެވެ. ބަހުސްގެ މައުޟޫއިން ބޭރުވެގެންދާނަމަ އެ ކަމެއް ފާހަގަކޮށްދެއްވަ އެވެ. މެންބަރުން ފާހަގަކުރައްވާ މައިގަނޑު ކަންބޮޑުވުންތައް ފާހަގަކޮށްދެއްވަ އެވެ. ބަހުސް ކުރެވޭ މައްސަލައާ ގުޅުން ހުރި ބައެއް މައުލޫމާތުތައް ވެސް ހިއްސާ ކޮށްދެއްވަ އެވެ. ބައެއް ފަހަރު ބަހުސްގައި ބައިވެރިވާ ވަރަށް ވާހަކަ ދައްކަވަ އެވެ.

ނަމަވެސް ސިޔާސީ ބޮޑެތި ކަންކަމުގައި އުފެދޭ ދެބަސްވުންތަކުގެ ތެރެއިން މަޖިލީހަށް ބޭނުންތެރި ކަމެއް ނެތް ކުއްލި މައްސަލަތަކާއި ގަރާރުތައް ވެސް އަންނަން ފަށައިފި އެވެ. އެ މައްސަލަތަކުގެ ބަހުސްގައި ބޮޑެތި ޖިނާއީ ތުހުމަތުތައް ވެސް ބައެއް ބޭފުޅުންގެ މައްޗަށް ކުރެވެ އެވެ. އެއް މެންބަރު އަނެއް މެންބަރަށް ވެސް ބޮޑެތި ތުހުމަތުތައް ކުރާ ފަހަރު އާދެ އެވެ. މިފަދަ ބައެއް މައްސަލަތައް މަޖިލީހުގައި ހުށަނޭޅޭނެ ކަމާއި ބައެއް ވާހަކަތައް މަޖިލީހުގައި ނުދެއްކޭނެ ކަމަށް ބައެއް މެންބަރުން ފާހަގަ ކުރައްވަން ވެސް ފެއްޓެވި އެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ފާހަގަކުރެއްވި ކަމަކީ، އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާނަމަ ކޮންމެ ކަމެއް ވެސް ހުށަހަޅުއްވައި މަޖިލީހުގައި ބަހުސް ކުރެވޭނެ އެވެ. އެ މައްސަލައަކާއެކު ކުރިއަށް ދިއުމަކީ ދެން މެންބަރުންގެ މެޖޯރިޓީ ނިންމަވާނެ ކަމެކެވެ. ދެން މިސާލެއްގެ ގޮތުގައި ވިދާޅުވީ މެންބަރަކު އަވަހާރަކޮށްލުމުގެ ވާހަކަ ވެސް ދައްކަންވީ އެވެ. ނަމަވެސް އެއީ މަޖިލީހުގައި ދައްކަން ހެޔޮ ވާނެ ވާހަކައެއް ހެއްޔެވެ؟

މަޖިލީހުގެ މެންބަރުންނަކީ ގާނޫނު އަސާސީން އިމްތިޔާޒުތަކެއް ލިބިދީފައިވާ ބޭފުޅުންނެވެ. މަޖިލީހުގެ މެންބަރުންނަށް ލިބިދޭން ޖެހޭ އިމްތިޔާޒުތަކާއި ބާރުތައް އިތުރަށް ތަފުސީލު ކޮށްދިނުމުގެ ގޮތުން "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު" ގެ ނަމުގައި 2013 ވަނަ އަހަރު ގާނޫނެއް ވެސް ވުޖޫދުކުރެވުނެވެ.

އެ ގާނޫނުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލު ކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް ނުވަތަ އެހެން އެއްވެސް މުއައްސަސާއަކަށް އެ މެންބަރަކު ހާޒިރުކޮށް ނުވަތަ އެ މެންބަރަކާ މެދު ތަހުގީގެއް ހިންގައި ސުވާލެއްކޮށް ނުވަތަ ހައްޔަރުކޮށް ނުވަތަ ދައުވާކޮށްގެން ނުވާނެ އެވެ.

މުއައްސަސާތައް ޖަވާބުދަރީކުރުމުގެ ޒިންމާ މަޖިލީހަށް އޮންނަ ނިޒާމުތައް ހިންގާ އެހެން ބައެއް ގައުމުތަކުގައި ވެސް އާންމު ރައްޔިތުންނާ ތަފާތުކޮށް، މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒުތަކެއް ދީފައި އޮވެ އެވެ. ނުވަތަ ޕާލިމެންޓް އިމިއުނިޓީއެއް ދީފައި އޮވެ އެވެ. ބޭނުމަކީ މެންބަރުގެ ހައިސިއްޔަތުން ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް އޭނާއަށް ހިމާޔަތެއް ލިބުމެވެ. ސިޔާސީ ބޭނުމެއްގައި މެންބަރުގެ މަސައްކަތަށް ހުރަސް އެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާތަކުގައި ސިޔާސީ ދެބަސްވުމުގެ ތެރެއިން ބައެއް ފަހަރު އެއް މެންބަރު އަނެއް މެންބަރަށް ބޮޑެތި ޖިނާއީ ތުހުމަތުތައް ކުރާ ފަހަރު ވެސް އާދެ އެވެ. މަޖިލީހުގައި ތިބޭ މެންބަރުން ނޫން އެހެން މީހުނަށް ވެސް ޖިނާއީ ތުހުމަތު ކުރާ ފަހަރު އާދެ އެވެ. އެފަދަ ތުހުމަތެއް ކުރަން ޖެހުނު ސަބަބެއް ސާފު ކުރަން ވެސް މަޖިލީހުގެ މެންބަރަކު އެއްވެސް މުއައްސަސާއަކަށް ހާޒިރެއް ނުކުރެވެ އެވެ. ދެބަސްވުންތަކުގެ ތެރެއިން މަޖިލީހުގައި ޒުވާބު ކުރުމާއި ހަމަނުޖެހުންތައް ހިންގާ ފަހަރު ވެސް އާދެ އެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވެފައިވާ ގޮތުގައި، މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ކުރައްވާ ކޮންމެ ފަދަ ކަމަކަށް މެންބަރުންގެ އިމްތިޔާޒުތައް ހިނގާ ގޮތަށް އޮވެގެން ނުވާނެ އެވެ. މެންބަރަކު ވެސް ކުށެއް ކުރާނަމަ އެ މައްސަލަ ބެލޭނެ ނިޒާމެއް ގާއިމު ކުރެވިފައި އޮންނަން ޖެހޭނެ އެވެ. އެ ގޮތަށް އުސޫލުތަކެއް ކަނޑައަޅާއިރު ވެސް މެންބަރުގެ މަސައްކަތަށް ހުރަސް އެޅުމުގެ ޖާގަ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"އާންމު ރައްޔިތުން ކިތަންމެ ކުޑަ ކުށެއް ކުރިޔަސް އެކަން ބެލިފައި، މެންބަރުން އެފަދަ ކަމެއް ކުރީމަ އެ ކަން ނުބެލޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން، މެންބަރުގެ މަސައްކަތަށް ވެސް ހުރަސް އެޅިގެން ނުވާނެ، ގާނޫނެއްގެ ތެރެއިން ހާއްސަ އުސޫލުތަކެއް ގެނެވިދާނެ، މިސާލަކަށް ކުށެއްގެ ތުހުމަތުގައި ބަންދުގައި ތިބޭ މެންބަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭ ގޮތަށް ހެދިދާނެ ގާނޫނެއްގައި،" އުޝާމް ވިދާޅުވެފައިވެ އެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ މެންބަރުންނަށް އެފަދަ އިމްތިޔާޒުތައް ދެވިގެން ވާނެ އެވެ. ނަމަވެސް އެ ގާނޫނުގެ ބޭނުން މަޖިލީހުގެ ބައެއް މެންބަރުން ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުން ވެސް ދެ އެވެ. ވަކި ބައަކަށް ނަފުރަތު އުފައްދަން ތަފާތު ތުހުމަތުތައް ވެސް ކުރަނީ އެވެ. އެހެންކަމުން ގާނޫނުގައި ކޮންމެ ވެސް ވަރެއްގެ އިމެއް ކަނޑައަޅަން ވެސް ޖެހެ އެވެ. އެ ގޮތަށް ބަދަލެއް ގެނައަސް މަޖިލީހުގެ ދައުރު ކުޑަކޮށްގެން ނުވާނެ ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެންމެ ބެސްޓް ޕްރެކްޓިސް އެއީ، މެންބަރުންނަށް އިމްތިޔާޒުތައް އޮތުން، ބޭނުން ވާހަކައެއް ދެއްކޭނެ ޖާގަ އޮތުން، އެކަމަކު ރާއްޖޭގަ އެ ގާނޫނުގެ ބޭނުން ނަޖާއިޒު ގޮތުގައި އެބަ ހިފާ، ދީނާ ހިލާފު ވާހަކަ ވެސް ދައްކާ، ރައީސް ނަޝީދު އެ ވިދާޅުވޭ، މީހަކު މަރާ ވާހަކަ ވެސް ދައްކަންވީއޭ، އެފަދަ ވާހަކައެއް ނުދެއްކޭނެ، މަޖިލިސް ފާލުން ނައްޓައިގެން ދާއިރު ރާއްޖޭގައި ރަނގަޅު ގާނޫނަށް ބަދަލުތަކެއް ގެންނަން،" ޝަރީފް ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔަކު ވެސް ވިދާޅުވީ، މެންބަރެއްގެ މައްޗަށް ކޮންމެ ތަނެއްގައި ހުރެ ވެސް ޖިނާއީ ތުހުމަތެއް ކުރެވޭއިރު އޭގެ ހަގީގަތް ސާފު ކުރަން މުއައްސަސާތަކަށް ހާޒިރު ކުރެވެން ވާނެ ކަމަށެވެ. ޖިނާއީ ތުހުމަތުތައް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ހަގީގަތުގައި ވެސް އެފަދަ ޖިނާއީ ކުށެއް ކުރައްވާފައިވާނަމަ، އެ ކަން ނުބެލި ދިއުމަކީ ވެސް މައްސަލައެކެވެ.

ބައެއް މެންބަރުން ދައްކަވާ ވާހަކަތާ ގުޅިގެން ރައީސް ނަޝީދު ވެސް ކަންބޮޑުވާ ކަމެއް އޮވެ އެވެ. އެ ކަމާ ގުޅިގެން ބައެއް މެންބަރުންގެ ވާހަކަތައް ހުއްޓުވާފައި ވެސް އެބަ ހުއްޓެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ސިޔާސީ ބޭފުޅުން ސިޔާސީ ފުރުސަތުތައް ހޯދާނެ އެވެ. އެކަމަކު އެ ފުރުސަތުތައް ހޯދުމުގައި ވެސް "އިމެއް" އޮންނަން ވާނެ އެވެ. އިސްލާމް ދީން "ހަތިޔާރަކަށް" ނަގައިގެން ވަކި ބަޔަކަށް ނަފުރަތު އުފެދޭ ގޮތަށް ކަނޑައެޅިގެން "ދޮގު" ހައްދަަވައިގެން ނުވާނެ އެވެ.

މުއައްސަސާތައް ޖަވާބު ދާރީ ކުރުމުގެ ޒިންމާ މަޖިލީހުގެ މެންބަރުންނަށް އޮންނައިރު އެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ކުރުމަށް މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒުތައް ލިބިދީފައި ހުންނަން ޖެހޭނެ އެވެ. މަޖިލީހުގެ ކަންކަން ކަނޑައެޅުމުގެ ބާރު އޮންނަން ވާނީ ވެސް މަޖިލީހަށެވެ. ނަމަވެސް މެންބަރުން ކުރައްވާ ކޮންމެ ކަމެއް އަދި ދައްކަވާ ކޮންމެ ވާހަކައެއް އެ އިމްތިޔާޒުގެ ތެރެއަށް ވަންނަނަމަ ޖިނާއީ ބޮޑެތި ކަންކަން ވެސް ނުބެލިދާނެ އެވެ. އެއީ ވެސް މައްސަލައެކެވެ. މެންބަރުންނަށް އިމްތިޔާޒުތައް ލިބިދިނުމުގައި ވަކި އިމެއް ކަނޑައަޅަން ޖެހެ އެވެ.