ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސްޕެނިޝް ފުލޫ: ކޮވިޑްގެ ކުރިން ދިމާވި އެންމެ ބޮޑު ބަލިމަޑުކަން

ކޮވިޑް-19ގެ ވަބާ މުޅި ދުނިޔެއަށް މިހާރު ވަނީ ފެތުރިފަ އެވެ. އެތައް މިލިއަން ބަޔަކަށް ބަލި ޖެހި އެ ބަލީގައި އެތައް ލައްކަ ބަޔަކު ވަނީ މަރުވެފަ އެވެ. މިފަދަ ބަލިމަޑުކަމެއް މީގެ ކުރިން ފެތުރިފައިވަނީ 1918 ވަނަ އަހަރު އެވެ. ސްޕެނިޝް ފްލޫގެ ނަމުން މަޝްހޫރުވި މި ބަލިމަޑުކަމުގައި މުޅި ދުނިޔެއިން 50 މިލިއަން މީހުން މަރުވެފައިވާ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.

ސްޕެނިޝް ފްލޫ އަކީ ވަރަށް އާދައިގެ ރޯގާއެއްގެ ގޮތުގައި އެމެރިކާގައި ފެތުރެން ފެށި ބައްޔެކެވެ.

ނަމަވެސް އެންމެ ހައިރާންވާން ޖެހޭ ކަމަކީ މިގެ ގަރުނެއްހާ ދުވަސް ކުރިން ފެތުރުނު ސްޕެނިޝް ފުލޫ އާއި މިހާރު ފެތުރިފައިވާ ކޮވިޑް-19 އާ މާ ބޮޑު ތަފާތެއް ނެތް ކަމެވެ. ތާރީޚީ ތަޖުރިބާކާރުން ކަމަށްވާ ލައުރާ އާއި މާރިއާ ލާރާ މެޓިނޭޒް ޔޫރޯނިއުސް އަށް ދީފައިވާ އިންޓަވިއު އެއްގައި ކިޔައިދީފައިވާ ގޮތުގައި މި ދެ ބަލިމަޑުކަން ވެސް ދުނިޔެ ތަޖުރިބާ ކޮށްފައިވަނީ ދާދި އެއްގޮތަކަށެވެ.

ސްޕެނިޝް ފްލޫ ވެސް ފެށިގެން އައިއިރު މީހުންނަށް ހަމަ އާދައިގެ އަރިދަފުސް ރޯގާ ފަދަ ގޮތަކަށް ރޯގާ ޖެހެމުން ދިޔަ އެވެ. ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި ބަލީގައި ބޮޑުވަރުވާ މީހުން ގިނަވެގެން ގޮސް ދުނިޔޭގެ ގައުމުތަކުގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ބޮޑު ބުރައަކަށް ވެގެން ދިޔަ އެވެ.

ކޮވިޑް-19 އިގެ ސަބަބުން ސިނަމާތަކާއި ސްކޫލްތައް އަދި އެނޫންވެސް އާއްމު ހިދުމަތްދޭ ހުރިހާ ތަނެއް ބަންދުކޮށް އެންމެން ލޮކްޑައުންގައި ތިބި ގޮތަށް ސްޕެނިޝް ފްލޫ ފެތުރެން ފެށުމުން ވެސް މުޅި ހުރިހާ ގައުމުތަކެއް ލޮކްޑައުންކޮށް ސިނަމާތަކާއި ސްކޫލްތަކާއި ހުރިހާ ޚިދުމަތްތަކެއް ބަންދުކުރި އެވެ.

އަތް ޖެހިދާނެހެން ހީވާ ހުރިހާ ހިސާބެއް ޑިސްއިންފެކްޓް ކުރުމާއި މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިތުމަށް އެ ފަހަރުވެސް އެންމެންނަށް އަންގާފައި ވެއެވެ. އަދި މާސްކް ނާޅާ ނުކުންނަ މީހުން ޖޫރިމަނާ ވެސް ކޮށްފައި ވެއެވެ.

ސްޕެނިޝް ފްލޫ ފެށުނީ އެމެރިކާއިން ނަމަވެސް އެންމެ ގިނަ ބަޔަކަށް ބަލި ޖެހި އެންމެ ގިނަ ބަޔަކު މަރުވީ ސްޕޭނުންނެވެ.
ހިސްޓޯރިއަން ޗައުމޭ ކްލަރެޓް މިރަންޑާ ސްޕޭނުގައި މިހާ ބޮޑަށް ހާލަތު ގޯސްވާން ދިމާވީ އެ ގައުމުން ބާއްވަން ހަމަޖައްސާފައިވާ ފެސްޓިވަލްތަކާއި އެނޫންވެސް މީހުން ގިނައިން އެއްވެގެން ބާއްވާ އިވެންޓުތައް ކެންސަލް ކުރަން އެ ގައުމުން ބޭނުން ނުވެ އެ ކަންތައްތައް ކުރިޔަށް ގެންދިއުމުގެ ސަބަބުންނެވެ.

އެ ޒަމާނުގައި މިހާރު ލިބެން ހުރި ކަހަލަ ވަސީލަތްތަކާއި ކުރިއަރާފައިވާ ބޭސް ފަރުވާގެ ޚިދުމަތްތައް ނެތުމުން ބަލި ޖެހި، މަރުވި މީހުންގެ އަދަދު އެހާ ބޮޑަށް އިތުރުވެގެން ދިޔައީ އެވެ.

ސްޕެނިޝް ފްލޫއަށް ވެކްސިނެއް ނެތެވެ. އަދި ބައްޔަށް ދޭނެ އެކަށީގެންވާ ފަރުވާއެއް ވެސް ހޯދިފައެއް ނެތެވެ. ސިއްހީ ޚިދުމަތްތެރިން އެމީހަކަށް ވެވުނު ހުރިހާ ކަމެއް ބަލި ފެތުރުނަ ނުދިނުމަށް ކުރަމުން ދިޔަ އެވެ.

ސްޕެނިޝް ފުލޫގެ ފުރަތަމަ ރާޅަށް ވުރެ ދެ ވަނަ ރާޅުގެ ބާރުގަދަވެ މާ ގިނަ މީހުން ދެ ވަނަ ބުރުގައި މަރުވެފައި ވެއެވެ. ފުރަތަމަ ރާޅުގައި ޖެހި މަރުވި ބަޔަކު މަރުވެ ގަދަވި ބަޔަކު މަރުވެ ދުނިޔެ ހަމަޔަކަށް އެޅިލުމުން އެންމެން ފަރުވާ ކުޑަކޮށްލައި ކުރިން އުޅުނު އާދައިގެ ދިރިއުޅުމަށް އެނބުރި ދިޔަ އެވެ. ދެ ވަނަ ރާޅު ނެގީ މިގޮތަށް އާދައިގެ ދިރިއުޅުމަކަށް ދުނިޔެ ބަދަލުވީ ފަހުންނެވެ. އެ ފަހަރު ނެގި ރާޅާއެކު ކުރިއަށް ވުރެ ގިނަ ބަޔަކަށް ބަލި ޖެހި މާ ގިނަ މީހުން މަރުވާން މެދުވެރިވި އެވެ.

ކޮވިޑް-19 ގެ ވެސް ދެ ވަނަ ރާޅެއް މާ ވަރުގަދަ ވެދާނެތީ ސިއްހީ ތަޖުރިބާކާރުން ބިރުގަންނަނީ ސްޕެނިޝް ފްލޫގެ ތަޖުރިބާގެ އަލީގަ އެވެ.
ސްޕެނިޝް ފްލޫ ޖެހުނު މީހުންގެ ދިފާއީ ނިޒާމުގައި އެ ބައްޔާ ހަނގުރާމަކުރުމުގެ ގާބިލްކަން އުފެދިފައި ވެއެވެ. އެ ބަލީގެ ސަބަބުން މުޅި އިންސާނިއްޔަތު ނެތިގެން ނުދިޔައީ މީގެ ސަބަބުންނެވެ. އަދި މިހާރު ސައިންސްވެރިން ކޮވިޑް-19 އަށް ވެސް އެކަށީގެންވާ ހައްލެއް ކަމަށް ގިނަ ބަޔެއްގެ ދިފާއީ ނިޒާމުން މި ބައްޔާ ހަނގުރާމަ ކުރުމުގެ ގާބިލްކަން އުފެދުން ބަލަނީ މިހެންވެ އެވެ.

ސްޕެނިޝް ފުލޫގެ ވަބާއިން ދުނިޔެ ސަލާމަތްވީ 1920 ވަނަ އަހަރު އެވެ. ނަމަވެސް އެ ދުވަސްވަރު ގައިދުރުކަމަށް ވަރަށް ބޮޑަށް ބާރު އަޅައި ބަލި ފެތުރުނަ ނުދީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ބަލި ފެތުރުނު ދެ އަހަރު ތެރޭ ދުނިޔޭގެ އެންމެން ކަހަލަ ގޮތަކަށް އުޅުނީ ގައިދުރުކަމަށް ސަމާލުކަންދީ ގިނަ ވަގުތު ގެއިން ނުނުކުމެ އެވެ.

އެންމެ ހައިރާންވާ ކަމަކީ ސްޕެނިޝް ފުލޫ އަދިވެސް ދުނިޔޭން ފިލައިގެން ނުދާ ކަމެވެ. ދޭތެރެއަކުން ބަޔަކު ބަލިވެގެން ޓެސްޓް ކުރާއިރު އެއީ މި ބަލިކަން ހާމަވެފައިވާ ކަމެވެ. ނަމަވެސް ކުރީ ފަހަރު ގޮތަށް ކޮންޓްރޯލުން ނެއްޓޭ ވަރަށް ބަލި ނުފެތުރެނީ އެވެ.

ބާސެލޯނާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ އިންފެކްޝަސް ޑިޒީޒަސް ޑިޕާޓްމަންޓުގެ އެންމެ އިސް ވެރިޔާ ޑރ. ބެނީޓޯ އަލްމިރަންޓޭ ވިދާޅުވީ ފްލޫ ވައިރަސްތަކުގެ ތެރޭގައި ސްޕެނިޝް ފްލޫގެ ވައިރަސް ވެސް ހުންނަކަމުގެ ހެކިތައް ލިބިފައިވާ ކަމަށެވެ. މިހާތަނަށް އައިއިރު އެކި ގޮތްގޮތަށް ވައިރަސް ބަދަލުވެފައި ވިޔަސް މުޅިން އެ ވައިރަސް ދުނިޔެއިން ފިލައިގެނެއް ނުދެ އެވެ. ކޮންމެ ސިފައެއްގައި ދޭތެރެ ދޭތެރެއިން އޭގެ އަސަރު ދުނިޔޭގެ ކަންކޮޅުތަކަށް ދައްކަމުން ދެއެވެ.

ސްޕެނިޝް ފްލޫ ގޮތަށް ކޮވިޑް-19 އަށް ވެސް މިހާރު އޮތް އެންމެ ރަނގަޅު ހައްލަކަށް ވާނީ ގިނަ ބަޔެއްގެ ހަށިގަނޑުގައި މި ބައްޔާ ހަނގުރާމަ ކުރާނެ ގާބިލްކަން އުފެދުމެވެ. އެދުވަސް އަންނަން ދެން މާސްކް އަޅައިގެން ގައިދުރުކަމަށް ސަމާލުކަން ދީގެން ރައްކާތެރިވުމަށް ކުރެވެން އޮތްހާ ކަމެއް ކޮށްގެން ދިރިއުޅުން ނޫން ގޮތެއް ނެތެވެ. އެއަށްވުރެ ކުރިން މި މައްސަލަ ހައްލުވާން އޮތް ހަމައެކަނި ގޮތަކީ އެކަށީގެންވާ ވެކްސިނެއް ނުވަތަ ބޭހެއް ފެނުމެވެ.