ކަންގަނާ

ކަންގަނާ ޕޫޖާ ބަޓްއާ ވެސް އަރާރުންވަނީ

ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރަށް ފަހު ބޮލީވުޑްގައި ފެށިގެން އުޅޭ ނެޕޯޓިޒަމް ބަހުސް އަދިވެސް ދަނީ ކުރިޔަށެވެ. މި ބަހުސްގައި އެންމެ ނަގާކިޔާ އެކަކީ ފިލްމީ ބަތަލާ ކަންގަނާ ރަނާވަތެވެ. ސަބަބަކީ ނެޕޯޓިޒަމް އަކީ ކަންގަނާ ބޮލީވުޑަށް ތައާރަފްކުރި ބަހަކަށް ވެފައި އަދިވެސް އޭނާ އެ ބަހުގައި ހިފަހައްޓައިގެން އެކަމާ ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހަކާ ސޯޝަލް މީޑިއާގައި އަރާރުން ވަމުން ދާތީ އެވެ.

އެންމެ ފަހުން ކަންގަނާ އަރާރުން ވާން ފެށީ ކުރީގެ ފިލްމުތަކުން ވަރަށް މަޝްހޫރުކަން ހޯދި ޕޫޖާ ބަޓް އާއެވެ. ކަންގަނާގެ ސޯޝަލް މީޑިއާ އެކައުންޓް "ކަންގަނާ ޓީމު" އާއި ޕޫޖަ އާ ދެމެދު ވަރުގަދަ ބަހުސަކަށް ދާން މެދުވެރިވީ ޕޫޖާ ކުރި ޓުވީޓަކާ ގުޅިގެންނެވެ. ޕޫޖާގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި ނެޕޯޓިޒަމް އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް އެއްޗެކޭ ބުނަން ވަރަށް ގިނަ ބަޔަކު އޭނާގެ ކިބައިން އެދެމުންދާ ކަމަށެވެ.

ބޮލީވުޑްގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި ކާސްޓިން ޑައިރެކްޓަރުން ބޮޑަށް އިސްކަން ދެނީ ފަންނާނުންގެ ދަރިން ލޯންޗުކޮށް އެ މީހުންނަށް ފިލްމު އިންޑަސްޓްރީން މަސައްކަތްތައް ހޯދައިދޭން ކަމަށާއި ބޭރުން އައިސް އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ދޭން އެމީހުން ބޭނުން ނުވާ ކަމަށް ކަންގަނާ އާ އެއްބައިވާ މީހުން ބުނި ނަމަވެސް މިއީ ހަގީގަތެއް ނޫން ކަމަށް ޕޫޖާގެ ޓުވީޓްގައި ބުނެފައި ވެއެވެ.

"އަހަރެންނަކީ ވެސް ތި ބުނާ 'އާއިލާ'ގެ މީހެއް. ނަމަވެސް ހުނަރުވެރި އާ އެކްޓަރުންނާއި މިއުޒީޝަނުންނަށް އަދި ޓެކްނީޝަނުންނަށް އަހަރެމެން ވަރަށް ގިނަ ފުރުސަތުތައް ހޯދާދީފައި ވާނެ. އަދި ބޮލީވުޑަށް މިފަދަ މީހުން ލޯންޗުކޮށްދީފައި ހުރިލެއް ވެސް މަދެއް ނުވާނެ. އެހެންވީމާ މިފަދަ ވާހަކަތައް އިވުމުން އަހަރެން ކައިރިއަށް އަންނަނީ ހިނި. ހަގީގަތް ވާނީ ހަގީތަކަށް މީހަކު ގަބޫލު ކުރިޔަސް ނުކުރިޔަސް،" ޕޫޖާގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ޕޫޖާގެ އެހެން ޓުވީޓެއްގައި ޚުދް ކަންގަނާ އަކީވެސް ޕޫޖާގެ ބޮޑުބޭބެ މުކޭޝް ބަޓްގެ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސް އިން ބޮލީވުޑަށް ތައާރަފްކުރި ބަތަލާއެއް ކަމަށް ބުނެފައި ވެއެވެ. ކަންގަނާގެ ފުރަތަމަ ފިލްމު "ގޭންގްސްޓާ" އަކީ ވިޝޭޝް ފިލްމްސް އިން ޕްރޮޑިއުސްކުރި ފިލްމެއްކަން ހަނދާން ކޮށްދެމުން ޕޫޖާ ވަނީ ކަންގަނާގެ މުސްތަގްބަލުގެ މަސައްކަތްތަކަށް ހެޔޮއެދުންތައް ފޮނުވާ ކަމަށް ބުނެފަ އެވެ.
ޕޫޖާ އިތުރަށް ބުނި ގޮތުގައި ނެޕޯޓިޒަމްގެ ބަހުސްގައި އޭނާގެ ބައްޕަ މަހޭޝް ބަޓްގެ ނަން ޝާމިލު ކުރުމަކީ އިންސާފެއް ނޫނެވެ.

"ނެޕޯޓިޒަމް އޭ ކިޔައިގެން ކޮންމެވެސް އެހެން މީހަކު ބަދުނާމުކުރަން މަސައްކަތް ކުރޭ. އެމީހަކަށް ބޮލީވުޑުގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިން މީހުންނާ ދިމާކުރުން ހުއްޓާލާ. އެކަން ހަނދާން ނެތިފައިވާނަމަ އެއީ ވަރަށް ބޮޑު ހިތާމައެއް،" ޕޫޖާގެ އިތުރު ޓުވީޓެއްގައި ވެއެވެ.
ޕޫޖާގެ ޓުވީޓްތަކާއެކު ކަންގަނާ ޓީމުން ޖަވާބު ދޭން ފެށި އެވެ. ކަންގަނާގެ ޓުވީޓުގައި ބުނި ގޮތުގައި އޭނާ ފުރަތަމަ އޮޑިޝަން ދިނީ ތެލުގޫ ފިލްމު "ޕޯކިރީ" އަށެވެ. އަދި އޭނާއަށް ލިބިފައިވާ ކާމިޔާބީގެ އަސްލަކީ "ގޭންގްސްޓާ" ކުޅެން ލިބުނު ފުރުސަތު ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ކަންގަނާގެ ޓީމުގެ ޓުވީޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި "ގޭންގްސްޓާ"ގެ ޑައިރެކްޓަރު އަނުރާގް ބާސޫގެ ލޮލުގައި ކަންގަނާ އަޅައިގަތީ އޭނާގެ ހުނަރުގެ ސަބަބުން ކަމަށެވެ. އަދި އެ ފިލްމުގެ ބަތަލާއަކަށް ކަންގަނާ ހަމަޖެއްސީ އޭނާގެ ހުނަރު ފެނިފަ އެވެ. ކޮންމެހެން އާ އެކްޓަރެއް ލޯންޗުކުރާކަށް ނޫނެވެ.

ކަންގަނާގެ ޓީމުގެ އިތުރު ޓުވީޓެއްގައި ޕޫޖާގެ ބޮޑުބޭބެ އެކްޓަރުން ލައްވާ މަސައްކަތް ކުރުވާފައިވާ ފައިސާ ނުދޭ ކަމަށާއި ބައްޕަ މަހޭޝް ބަޓް ކަންގަނާ އާ ދިމާލަށް ފައިވާން ކިބަ ހޫރުވާލާ އޭނާއާ ދިމާލަށް މޮޔައެކޭ ކިޔާފައި ގޮވާ ހެދިކަމަށް ވެސް ބުނެފައި ވެއެވެ. އަދި ކަންގަނާގެ ނިމުން ވަރަށް ހިތިވާނެ ކަމަށް މަހޭޝް ބަޓް ބުނި ކަމަށް ވެސް އެ ޓުވީޓްގައި ބުނެފައި ވެއެވެ.

"ޕޫޖާ ބަޓްގެ މައުލޫމާތަށްޓަކައި ބުނަން. ކަންގަނާގެ ފުރަތަމަ ފިލްމީ ތެލުގޫ ފިލްމު 'ޕޯކިރީ'. އެ ފިލްމުގައި ކަންގަނާ މޮޅުކަން ހުނަރު ފެނިގެން 'ގޭންގްސްޓާ'ގެ ޑައިރެކްޓަރު ކަންގަނާ އެ ފިލްމަށް ހޮވީ،" ކަންގަނާ ޖަވާބު ދިނެވެ.

މިހިސާބުން އަނެއްކާވެސް ޕޫޖާ ޖަވާބު ދޭން ފެށި އެވެ. ޕޫޖަ ވަނީ 2007 ގައި ކަންގަނާ އަށް ފިލްމްފެއާ އެވޯޑު ލިބުނު މަންޒަރުގެ ވީޑިއޯއެއް ޓުވީޓްކޮށްފަ އެވެ. "ބެސްޓް ފްރެޝް ފޭސް އޮފް ދަ އިޔާ"ގެ އެވޯޑާއި ބެސްޓް ފީމޭލް ޑެބިއު އެވޯޑެވެ. އަދި އެވޯޑާ ހަވާލުވެފައި އޭނާ ބޮލީވުޑަށް ލޯންޗުކޮށްދިނީތީ މުކޭޝް އަށާއި މަހޭޝް ބަޓް އަދި އަނުރާގް ބާސޫ އަށް ކަންގަނާ ޝުކުރު އަދާކުރާ މަންޒަރު ވެސް ޕޫޖާ ޕޯސްޓްކުރި ވީޑީއޯގައި ވެއެވެ.

މީގެ ކުރިން ކަންގަނާ އެންމެ ބޮޑަށް ޖައްސާލައިގެން އުޅުނީ ޕޫޖާގެ ކޮއްކޮ އާލިއާ ބަޓް އާއެވެ. އާލިއާ އާ ދިމާލަށް ކަންގަނާ ފާޑުފާޑު އެއްޗެތި ކިޔާ ކުރި ޓުވީޓްތަކަށް ޖަވާބުދީފައިވަނީ އާލިއާގެ މަންމަ ސޯނީ ރާޒްދާން އެވެ.