ބޮލީވުޑް

"ދިލް ބޭޗާރާ" މަސައްކަތް ފަރާ ހާން ކޮށްދިނީ ހިލޭ

ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ޓައިޓްލް ޓްރެކް ކޯރިއޮގްރާފްކޮށްދީފައިވަނީ މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ފަރާ ޚާން އެވެ. ހުކުރު ދުވަހު ރިލީޒްކޮށްފައިވާ މި ލަވައަށް ދުނިޔޭގެ ގިނަ ބަޔެއްގެ ތައުރީފު ދަނީ އޮހެމުންނެވެ.

ނަމަވެސް މި ލަވައިގެ ގިނަ ބަޔަކަށް ނޭނގޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. ފަރާ މި ލަވަ ކޯރިއޮގްރާފް ކޮށްދިނީ އެއްވެސް ފީއެއް ނުނަގާ މުޅިން ހިލޭ ކަމެވެ. ސަބަބަކީ މިއީ ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމަށް ވާތީ މުކޭޝް އަށް ހެޔޮ އެދިގެންނެވެ. އަދި މި ލަވަ ފަރާ އަށް ކަމުދިޔަލެއް ބޮޑުކަމުންނާ ވެސް އެކުގަ އެވެ.

މުކޭޝް ވަނީ އޭނާ އާ ފަރާ އާ ދެމެދު މި ލަވައާ ބެހޭ ގޮތުން ދެކެވުނު ވާހަކަތައް އެކުލެވޭ މެސެޖު ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. މި މެސެޖުގައިވާ ވާހަކަ ތަކުން ފަރާ މުކޭޝް އަށް މި ލަވައިގެ މަސައްކަތް ކޮށްދިނީ މުޅިން ހިލޭ ކަން ޔަގީން ކުރެވެ އެވެ. އަދި އެންމެ ޓޭކަކުން މި ލަވަ ނެގޭ ވަރުގެ ގާބިލްކަން ސުޝާންތުގެ އެބަހުރި ކަމަށާއި އެހެންވީމާ މި ލަވަ ނަގާނީ އެންމެ ޓޭކަކުން ކަމަށް ވެސް ފަރާ ބުނެފައި ވެއެވެ. އަދި އޭނާ އުންމީދުކުރި ގޮތަށް އެންމެ ޓޭކަކުން ސުޝާންތު މުޅި ލަވަ ފުރިހަމަ ކުރިކަން ފަރާ ފަހުން ކޮށްފައިވާ ޓުވީޓަކުން ޔަގީން ކުރެވެ އެވެ.

ލަވައިގެ ޝޫޓީން ނިމުނު ފަހުން ވެސް މުކޭޝް ފަރާ ކައިރީގައި ލަވަ ކޮރީއޮގްރާފް ކޮށްދިނީމަ ކިހާ ވަރެއްތޯ ދޭންވީ ސުވާލު ކުރުމުން އެއީ އޭނާގެ ފުރަތަމަ ފިލްމަށް ވާތީ އެއްވެސް ފީއެއް ނުނަގާނެ ކަމަށް ފަރާ ބުނެފައި ވެއެވެ.
"ދިލް ބޭޗާރާ"ގެ ލަވަތައް ތައްޔާރުކޮށްދީފައިވަނީ މިއުޒިކް ޑައިރެކްޓަރު އޭ.އާރް ރަހްމާނެވެ. މި ފިލްމަށް ރަހްމާން ތައްޔާރުކޮށްފައިވާ ހުރިހާ ލަވަތަކެއް ވެސް ވަރަށް ފުރިހަމަ އެވެ. ޚާއްސަކޮށް ޓައިޓްލް ޓްރެކް އާދަޔާޚިލާފަށް ރީތިކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

ފަރާ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކޮށްފައިވާ މެސެޖެއްގައި މި ލަވައަކީ އޭނާއަށް ވަރަށް ޚާއްސަ ލަވައެއް ކަމަށް ބުނެފައި ވެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ މިއީ ސުޝާންތު އާއެކު މަސައްކަތް ކުރަން އޭނާއަށް ލިބުނު ފުރަތަމަ ފުރުސަތަށް ވާތީ އެވެ. އޭނާ އާއި ސުޝާންތަކީ ވަރަށް ކުރިއްސުރެ ވެސް ދެ އެކުވެރިން ކަމަށާއި ނަމަވެސް މީގެ ކުރިން އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ފަރާ ބުނެފައި ވެއެވެ.

"ދިލް ބޭޗާރާ" އަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑް ޑްރާމާ "ދަ ފޯލްޓް އިން އަވަ ސްޓާސް"ގެ ރިމޭކް އެކެވެ. މި ފިލްމު އުފައްދާފައިވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯން ގްރީން ހަމަ މި ނަމުގައި ލިޔުނު ވަރަށް ރީތި ވާހަކައެއްގެ މައްޗަށެވެ. ފިލްމުގައި ސުޝާންތު އާއެކު ބައިވެރިވެފައިވަނީ މުޅިން އަލަށް ފިލްމީ ދުނިޔެއަށް ނުކުތް ބަތަލާ އެއް ކަމަށްވާ ސަންޖްނާ ސަންގީ އެވެ.

"ދިލް ބޭޗާރާ" މި މަހުގެ 24 ވަނަ ދުވަހު އޮންލައިންކޮށް ޕްރެމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ.