ބޮލީވުޑް މަޝްހޫރު ކޯރިއޮގްރާފަރު ސަރޯޖް ޚާން މަރުވިތާ މާ ގިނަ ދުވަހެއް ނުވެ އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް ތައްޔާރު ކުރަން ގަސްތުކުރާ ކަމަށް ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ބުނެފި އެވެ.
ސަރޯޖްގެ އަންހެން ދަރިފުޅު ސުކައިނާ ނާގްޕާލް ބުނި ގޮތުގައި އޭނާގެ މަންމަގެ ބައޮޕިކް އުފެއްދުމުގެ ޝައުގުވެރިކަން ބޮލީވުޑްގެ ގިނަ ބަޔަކު ފާޅުކޮށްފައިވީ ނަމަވެސް އޭނާ ހިތްހަމަޖެހެނީ ރޭމޯ ލައްވާ އެ ފިލްމު އުފައްދާށެވެ.
ސުކައިނާ ބުނީ އޭނާގެ މަންމަގެ ބައޮޕިކްގެ ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެންމެ ފުރަތަމަ ބައޮޕިކް އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކުރީ ޑައިރެކްޓަރު ކުނާލް ކޯލީ ކަމަށެވެ. އޭގެ ފަހުން ޑައިރެކްޓަރު ބާބާ ޔާދަވްގެ އަންހެނުން ވެސް ވެބް ސީރީޒްއެއްގެ ގޮތުގައި ސަރޯޖްގެ ވާހަކަ ގެނެސްދޭން ޝައުގުވެރިކަން ފާޅު ކޮށްފައި ވެއެވެ. އަދި "ކަލަންކް" ގެ ޝޫޓިން އޮތް ދުވަސްވަރު ރޭމޯ ވަނީ ޚުދް ސަރޯޖް ކައިރީ ވެސް މި ވާހަކަ ދައްކާފަ އެވެ. އަދި ސަރޯޖް ވެސް ބޭނުމީ އޭނާގެ ބައޮޕިކް ރޭމޯ އަށް ދޭން ކަމަށް ސުކައިނާ ބުންޏެވެ. ސަބަބަކީ ސަރޯޖް ފަދައިން ރޭމޯ އަކީ ވެސް ޒީރޯ އިން ހީރޯ އަކަށްވީ ފަންނާނަކަށް ވާތީ އެވެ.
"މަންމަ ބުނެފަ އޮތީ ރޭމޯ އަކީ ވެސް އޭނާއާ އެއް މަސައްކަތެއް ކުރާ މީހަކަށް ވާތީ ރޭމޯއަށް މާ ރަނގަޅަށް މަންމަގެ ދަތުރު ހުށަހަޅައިދޭން އެނގޭނޭ. މަންމަގެ ހަޔާތުގައި ދިމާވެފައި ހުރި ކަންތައްތައް މާ ބޮޑަށް ރޭމޯ އަށް އިހްސާސް ކުރެވޭނޭ،' ސަރޯޖްގެ ދަރިފުޅު ބުންޏެވެ.
ރޭމޯ ބުނި ގޮތުގައި ސަރޯޖް އާއި އޭނާ ވަނީ ބައޮޕިކް އާ ބެހޭ މަޝްވަރާތައް ކޮށްފަ އެވެ.
"އެންމެ ފަހުން ބައޮޕިކްގެ ވާހަކަ ދެކެވިފައި ވަނީ ލޮކްޑައުންގެ ދުވަސްކޮޅެއް ކުރިން. ސަރޯޖް އަހަރެންގެ އޮފީހަށް އެއް ދުވަހު އައިސް އެ ވާހަކަ އަހަންނާ ދެއްކި. އެއީ "ކަލަންކް" ގައި މާދުރީ ޑިކްޝިޓް ނަށާފައިވާ 'ތަބާ ހޯ ގައީ" ނެށުން ކޯރިއޮގްރާފް ކުރި ދުވަސްވަރު. އަހަރެމެން ދެ މީހުން އެތައް އިރެއް ވަންދެން އެކަމުގެ މަޝްވަރާތައް ކުރިން. އަހަރެން ބުނިން އަންހެނުންނަށް ޚާއްސަ ފިލްމެއް އުފައްދަން ސަރޯޖްގެ ވާހަކަ ވަރަށް ރަނގަޅުވާނޭ. އެހެން ބުނީމަ އޭނަ ވަގުތުން އެކަމަށް އެއްބަސްވި. އަދި ބުނި ތި ބުނީ ވަރަށް ބޮޑު ތެދެކޭ. ބުނާށޭ ކޮން އިރަކުންހޭ ފިލްމު ތައްޔާރު ކުރާނީ. އަދި ބުނި ވީހާވެސް އަވަހަކަށް އެ ފިލްމުގެ މަސައްކަތް ކުރާށޭ ވެސް،" ރޭމޯ ބުންޏެވެ.
ރޭމޯ އިތުރަށް ބުނި ގޮތުގައި މާސްޓަރުޖީ (ސަރޯޖް) އަކީ އޭނާއަށް މަންމައެއް ނުވަތަ އެއްބަނޑު އެއްބަފާ ދައްތައެއް ފަދަ ޓީޗަރެކެވެ.
ނަމަވެސް މި ބައޮޕިކް އާ ބެހޭ ވާހަކަތައް ފަށަން އަދި މާ އަވަސް ކަމަށް ރޭމޯ ބުންޏެވެ. ސަބަބަކީ ސަރޯޖް މި ދުނިޔެ ދޫކުރިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާތީ އެވެ.
"އާއިލާއަށް ލިބިފައިވާ ހިތާމަތަކުން ކުޑަކޮށް އަރައިގަނެވުނީމަ އަހަރެން އޭނާގެ ހަގު އަންހެންދަރިފުޅު އެކަމާ ގުޅޭ މަޝްވަރާތައް ކުރާނަން. މިހާތަނަށް ވެސް މިކަމާ ގުޅޭ ގޮތުން އަހަރެން ރަސްމީކޮށް އެއްޗެއް ނުބުނަން. އެކަމަކު މިއީ އަހަރެންގެ ހުވަފެނީ ޕްރޮޖެކްޓެއް،" ރޭމޯ ބުންޏެވެ.