ވައިގެ ތެރޭގައި ކޮރޯނާވައިރަސް އުޅޭކަން ސާބިތުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން މިހާރު ވަނީ އެއްބަސްވެފަ އެވެ. އެއާއެކު ގިނަ ބަޔަކު މިކަމާ ވަރަށް ބިރުން އުޅެން ފަށާފައި ވެއެވެ.
ދުނިޔޭގެ 200 އަށް ވުރެ ގިނަ ސައިންސްވެރިންގެ ގްރޫޕަކުން ހޯދާފައިވާ ފަހުގެ ހޯދުމަކުން ޔަގީން ވެފައިވާ ގޮތުގައި އިންސާނުން ދިރިއުޅޭ މާހައުލުގައި، ވައިގެ ތެރޭގައި ކޮރޯނާވައިރަސް ކުޑަ އިރުކޮޅަކަށް ނަމަވެސް ހުރެ އެވެ. ވަގުތީ ގޮތުން ވައިރަސް ވައިގެ ތެރޭގައި ހުރުމުގެ މާނައަކީ މި ޕެތޯޖަން އެތަން މިތަނަށް ވަޔާއެކު އުދުހިފައި ގޮސް މީހުންނަށް ބަލި ޖައްސަނީއެއް ނޫނެވެ.
މި ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ބުނި ގޮތުގައި ކޮރޯނާވައިރަސް އެއާބޯން ކަމަށް ބުނުމުން ބިރު ގަންނަނަމަ ކުރަންވީ ކަމަކީ ގިނަ ވަގުތު މާސްކް އަޅައިގެން އުޅުމާއި އެކަކު އަނެކަކާ ވީހާވެސް ދުރުދުރުގައި އުޅުމަށް ސަމާލުކަން ދިނުމުގެ ގޮތުން ވީހާ ވެސް ގިނަގިނައިން އަތް ދޮވެ އަތުގެ ސާފު ކަމަށް ސަމާލުކަން ދިނުމެވެ. މި ވައިރަހާ ދުރުވެވޭނެ އޮތީ ހަމައެކަނި މިގޮތެވެ.
ދުނިޔޭގެ 239 ސައިންސްވެރިއަކު ގުޅިގެން ޑަބްލިޔުއެޗްއޯއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސް ވައިގެ ތެރޭގައި އުޅޭކަން އެމީހުން ހަދާފައިވާ ދެ ރިސާޗަކުން ސާބިތު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި ވަގުތު އަދި ޑަބްލިޔުއެޗްއޯގެ ގައިޑްލައިނަކަށް ބަދަލު ގެންނަން ނުޖެހޭ ކަމަށާއި މީހުން ވެސް ހާސްވެގެން ތެޅިފޮޅެން ނުޖެހޭ ކަމަށް މި ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިން ވަނީ ބުނެފަ އެވެ.
ނިއުޔޯކް ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ 32 ގައުމެއްގެ 239 ސައިންސްވެރިން ގުޅިގެން ޑަބްލިޔުއެޗްއޯއަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަސް އަކީ އެއާބޯން އެއްޗެކެވެ. މާނައަކީ މި ވައިރަސް ވައިގެ ތެރޭގައި މަރުނުވެ ހުރެ އެވެ. އަދި ވަރަށް މަދު ޕާޓިކަލްސް އަކުން ވެސް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.
މިއީ ކުރިން ސައިންސްވެރިން ބުނެފައިވާ ވާހަކަތަކާ ވަރަށް ބޮޑަށް ތަފާތު ވާހަކައެކެވެ. ކުރިން ބުނެފައިވަނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ނުކުންނަ ތިކިތަކުން ބަލި ޖެހޭ ކަމަށާއި ވައިގެ ތެރޭގައި ވައިރަސް އަށް ދިރި ނުތިބެވޭ ކަމަށެވެ.
މިފަހަރުގެ ހޯދުމުގެ އަލީގައި މީހުން މި ވައިރަހުން ރައްކާތެރިވުމަށް އެޅޭނެ އިތުރު ފިޔަވަޅުތައް ހޯދައި އެކަންކަން ކުރަން ބާރު އަޅަން ޖެހޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
ސައިންސްވެރިން ހަދާފައިވާ ރިސާޗް އާ ގުޅޭ ގޮތުން ޑަބްލިޔުއެޗްއޯ އާ ހިއްސާކުރި މައުލޫމާތު އެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފާނެ ކަމަށް އުންމީދުކުރާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
"ކުރިއާ މިހާރާ މާ ބޮޑު ތަފާތެއް ނެތް. މިހާރު ޔަގީން ކުރެވޭ ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ ތަންކޮޅެއް ގިނައިރު ވައިރަސް ވައިގެ ތެރޭގައި ހުންނަކަން،" ސައިންސްވެރިޔާ ބުންޏެވެ.
މިކަމާ ބިރުން އުޅުމުގެ ބަދަލުގައި ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ސައިންސްވެރިން އިރުޝާދު ދިނެވެ. ބޭރަށް ނުކުންނައިރު މާސްކް އަޅާ އަނގަޔާއި ނޭފަތް ނިވާ ކުރުމުގެ އިތުރުން މީހުން ގިނައިން ތިބޭ ތަންތަނަށް ވީ ވަރަކުން ނުވަދެ އުޅުމަށް އޭނާ އިރުޝާދު ދެއްވި އެވެ. ޚާއްސަކޮށް އެމީހުން ގިނައިން އެއްވާ ބޮޑެތި އެއްވުންތަކަށް އެއްގޮތަކަށް ވެސް ދިއުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.