"ކްރިޝް" އަކީ 2006 ގައި ރިތިކް ރޯޝަން ކުޅުނު ސުޕަހީރޯ ފިލްމެކެވެ. މި ފިލްމު ރިލީޒް ވުމާއެކު އިންޑިޔާ މީހުން ބުނީ އެ މީހުންނަށް ނުލިބިގެން އުޅުނު ސުޕަހީރޯ މި ފިލްމާއެކު ލިބިއްޖެ ކަމަށެވެ. މިހާރު މީގެ ހަތަރު ވަނަ ފިލްމެއް އުފެއްދުމުގެ ތައްޔާރީތައް ފަށައިގެން ކުރިޔަށް ދާއިރު މިފަހަރުގެ ފިލްމު ވެސް ޑައިރެކްޓް ކުރާނީ މަޝްހޫރު ޑައިރެކްޓަރު އަދި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން އެވެ.
މިއީ ސުޕަ ހީރޯ ފިލްމަކަށް ވާތީ ވީއެފްއެކްސްގެ ބޭނުން ވަރަށް ބޮޑަށް މި ފިލްމުގައި ކުރަން ޖެހެ އެވެ. އެގޮތުން ފިލްމުގެ ވިޝުއަލް އިފެކްޓްސްގެ ކަންތައް ކުރުމަށް ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާ ވާހަކަ ދައްކަމުންދާ ކަމަށް ޚަބަރު ލިބެ އެވެ.
މި ސިލްސިލާގެ ފުރަތަމަ ފިލްމު "ކޮއި މިލް ގަޔާ" ގައި އުޅުނު އޭލިއަން "ޖާދޫ" މިފަހަރުގެ ފިލްމުން އަނެއްކާ ވެސް ފެންނާނެ އެވެ. ޖާދޫގެ އެކްޝަން މަންޒަރުތަކަށް ވެސް ވަރަށް ފުރިހަމަ އަށް ވިޝުއަލް އިފެކްޓްސް ހިމަނުން މުހިއްމު ވެއެވެ.
ފިލްމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ރާކޭޝް ރޯޝަން އަށް މިހާރު ވަނީ ފިލްމު އުފައްދާނެ މައުލޫއެއްގެ ޚިޔާލި ލިބިފަ އެވެ. އެއާއެކު ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް މިހާޜު ވަނީ ފަށާފަ އެވެ. އަދި މިއުޒިކް އުފެއްދުމުގެ މަސައްކަތް ރިތިކްގެ ބޮޑުބޭބެ އަދި މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަން އާ ވަނީ ހަވާލު ކޮށްފަ އެވެ.
މިފަހަރުގެ ފިލްމުގައި ފިލްމުގެ ބަތަލު އާ ހަނގުރާމައަށް ވަރަށް ބޮޑު ސުޕަ-ވިލަން ފައުޖެއް ބޭނުންވެ އެވެ. މިއީ ވެސް ވިޝުއަލް އިފެކްޓްސް ވަރަށް ބޮޑަށް ބޭނުންވާނެ ބައެކެވެ. މިކަމަށްޓަކައި ހޮލީވުޑްގެ މަޝްހޫރު ޑިޒައިނަރަކު މިހާރު ވަނީ ހޯދާފަ އެވެ. އެއީ ފިލްމުގައި ނުބައިބައި ކުޅޭ ކޮންމެ ކެރެކްޓާއެއް ޚާއްސަ ސިފައަކަށް ބެހެއްޓުމަށެވެ.
މި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށާއި މިފަހަރުގެ ފިލްމު ބޮޑަށް ގުޅުވާލާފައިވަނީ ފިލްމުގެ އެންމެ ފުރަތަމަ ބައި ކަމަށްވާ "ކޮއި މިލް ގަޔާ" އާ ކަމަށް ޚަބަރު ލިބެ އެވެ. ނަމަވެސް އެ ބައިގައި ބަތަލާގެ ބައި އަދާކުރި ޕްރިޔަންކާ ޗޯޕްޅާ މި ފިލްމުގައި ބައިވެރިވާނެ ކަމަކަށް ނުބެލެވެ އެވެ.