ހަބަރު

ޔާމީންގެ ޝަރީއަތުގެ ހަބަރު ފެތުރި ގޮތުން ވަކީލުންގެ އިންޒާރެއް

Jul 11, 2020
4

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ ފަހުން ހައިކޯޓުގައި ބޭއްވި އިސްތިއުނާފީ ޝަރީއަތް ކަވަރު ކުރުމުގައި ޕީއެސްއެމްއިން ދޮގު ފަތުރާފައިވާ ކަމަށް ބުނެ އެކަމާ ގުޅިގެން އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެ މައްސަލާގައި ހިމެނޭ ވޮޑުމުލާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އެ ރަށުގެ ނަން ފުރަތަމަ ވެސް އިވުނީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގައި ކަމަށް ވިދާޅުވި އެވެ. އެހެން އެމަނިކުފާނު ކުރިމިނަލް ކޯޓުގެ ޝަރީއަތުގައި ވެސް ވިދާޅުވެފައިވެ އެވެ.

ދެން އެމަނިކުފާނު ރަށާ ގުޅޭ ގޮތުން ހައިކޯޓުގައި ދެއްކެވީ އާ ވާހަކަތަކެކެވެ. އެގޮތުން އެ ރަށް ކުއްޔަށް ދޫކޮށްފައިވަނީ އަދީބުގެ ވަރަށް ގާތް ދެ އެކުވެރިންނަށް އެނގިފައިވާ ކަމަށް ވިދާޅުވި އެވެ. މި ވާހަކަތައް ލީޑްކޮށް ޕީއެސްއެމްއިން ހަބަރު ލިޔެފައިވަނީ "ވޮޑުމުލާ ކިޔާ ރަށެއް ނުދަންނަން، އެރަށް ދިނީ އަދީބުގެ ދެ އެކުވެރިންނަށްކަން އެނގޭ: ޔާމީން" މިހެންނެވެ. އަދި ވޮޑުމުލާ އެމަނިކުފާނަށް ޝަރީއަތުގެ ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ދޭހަވާ ގޮތަކަށް ހަބަރު ފަތުރާފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި އަދި އަޑުއެހުމެއްގައި ވެސް ރައީސް ޔާމީން އިތުރުފުޅު ހައްދަވާފައިނުވާ ކަމަށެވެ. ވޮޑުމުލާއާ ގުޅޭ ގޮތުން އެމަނިކުފާނާ ތަހުގީގުގައި ސުވާލުކޮށްފައިނުވާ ކަމަށާއި އެ ރަށުގެ ނަން އެންމެ ފުރަތަމަ ވެސް އެމަނިކުފާނަށް އެނގިވަޑައިގެންނެވީ ދަށުގައި ޝަރީއަތް ކުރިއަށް ދިޔައިރު ކަމަށެވެ.

ބަޔާނުގައި ބުނީ އެންމެ ފަހުން ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކީ ފަހުން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ. އެ މައުލޫމާތުތަކަކީ އެ ރަށާ ގުޅޭ ގޮތުން އެކި ފަރާތްތައް މެދުވެރިކޮށް ވަކީލުން ހޯދި މައުލޫމާތުތައް ރައީސް ޔާމީންއާ ހިއްސާ ކުރެއްވުމުން އެމަނިކުފާނު ހާމަ ކުރެއްވި މައުލޫމާތުތަކެއް ކަމަށެވެ. އަދީބު އެ ރަށް އެކުވެރިންނަށް ދޭން ބޭނުންވެގެން އެ ވާހަކަ އެމަނިކުފާނު ގާތުގައި ދަންނަވާފައިނުވާ ކަމާއި އެހެންކަމުން ރައީސް ޔާމީން އެއްވެސް އިތުރުފުޅެއް ކޯޓުގައި ހައްދަވާފައިނުވާ ކަމަށެވެ.

ޕީއެސްއެމްއަކީ ދައުލަތުގެ މީޑިއާއަށްވާއިރު ނޫސްވެރިކަމުގެ އެންމެ އަސާސީ އެއް އުސޫލު ކަމަށްވާ ސައްހަ ހަބަރު ފެތުރުމާއި ހަގީގަތް އޮޅުވާލުން ފަދަ އުސޫލުތައް މުގުރާލުމަކީ ހިތާމަހުރި ކަމެއް ކަމަށް ވަކީލުން ބުންޏެވެ. ވަކީލުން ބުނީ ޕީއެސްއެމްއިން ފެށުނީންސުރެ ވެސް މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީންގެ ޝަރީއަތް މިނިވަންކަމާއެކު ކަވަރު ކުރުމަށް ނޫން ކަމަށާއި އެމަނިކުފާނާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.

ޕީއެސްއެމްގެ އެ ހަބަރަކީ ބްރޯޑްކާސްޓިންގެ ހަމަތަކާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ހިލާފު، އަދި ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ލިޔެ، ޓީވީއިން ދައްކާފައިވާ ހަބަރަކަށްވާތީ އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.