ޕްރަބާސް

"ރާދޭ ޝާމް" ޕޯސްޓަރު: ޕްރަބާސްއާ ޕޫޖާގެ މާސްކް އަޅުވައިފި

"ސާހޯ" ގެ ބަތަލު ޕްރަބާސްގެ އާ ފިލްމު "ރާދޭ ޝާމް" ގެ ފުރަތަމަ ޕޯސްޓަރު ހުކުރު ދުވަހު ވަނީ ރިލީޒް ކޮށްފަ އެވެ. މި ޕޯސްޓަރުގައި ފެންނަނީ ފިލްމުގެ ބަތަލާ ޕޫޖާ ހެގްޅޭ އާއި ޕްރަބާސް ވަރަށް ގައިގޯޅިކޮށް ތިބި ތަނެވެ. އެހެންވެ މި ޕޯސްޓަރަކީ ސިއްހީ ޚިދުމަތްތެރިން އެހާ ހިތްހަމަޖެހުނު ޕޯސްޓަރަކަށް ނުވި އެވެ. މިހާރު މިއޮތް ކޮވިޑް-19 އިގެ ބަލި މަޑުކަމުގެ ހާލަތުގައި މިފަދަ ޕްރަބާސް ކަހަލަ މަޝްހޫރު މީހެއްގެ ޕޯސްޓަރެއް މިގޮތަށް ރިލީޒް ކުރުމުން އޭނާގެ ފޭނުންނާއި ޕޯސްޓަރު ފެންނަ ގިނަ ބަޔަކަށް ނޭދެވޭ މެސެޖެއް ލިބޭނެ ކަމަށް ސޯޝަލް މީޑީއާގައި މި ޕޯސްޓަރަށް ފާޑު ކިޔާ ގިނަ ބަޔަކު ވެސް ދަނީ ބުނަމުންނެވެ.

އެހެންވެ އާސާމް ފުލުހުން މިހާރު ވަނީ މިކަމަށް ރަނގަޅު ހައްލެއް ހޯދައި ޕޯސްޓަރުން ރަނގަޅު މެސެޖެއް ލިބިދޭނެ ގޮތް ހަދާފަ އެވެ. އާސާމް ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓުން މިހާރު ވަނީ ބަދަލު ކޮށްފައިވާ މި ޕޯސްޓަރު ޓުވީޓްކޮށް ގިނަ ބަޔަކާ ޝެއާ ކޮށްފަ އެވެ.
"ބޭރަށް ނުކުންނަންޏާ މާސްކް އަޅައިގެން ނުކުންނަން ލޯބިވާ މީހުން ކައިރީގައި އެދޭ،" މި ޕޯސްޓަރުގައި ލިޔެފައިވާ ސޯޝަލް ޑިސްޓެންސިންގެ މެސެޖުގައި ވެއެވެ.

އާސާމް ފުލުހުންގެ ޓުވީޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި މި ޕޯސްޓަރާ ބެހޭ ގޮތުން ވާޙަކަ ދައްކަން ޕްރަބާސް އާ ގުޅަން އުޅެ އުޅެ އެމީހުންނަކަށް އެކަމެއް ނުވި އެވެ. އެހެންވެ ފޮޓޯޝޮޕް މެދުވެރިކޮށް މެސެޖު ފޮނުވީ އެވެ.

ހިންދީ ފިލްމުތަކުގެ ޕޯސްޓަރުތަކާއި ލަވަތައް ބޭނުންކޮށްގެން އާންމުން ހޭލުންތެރިކުރުވުމުގެ ތަފާތު ކަންތައްތައް އިންޑިއާގެ އެކި ސްޓޭޓްތަކުގެ ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން ރިތިކް ރޯޝަންގެ "ދޫމް 2" ޑައިލޯގެއް ބޭނުންކޮށްފައިވެއެވެ. އަދި ޝާހްރުކް ޚާނާއި ދީޕިކާ ޕަދުކޯންގެ "ޗެންނައި އެކްސްޕްރެސް"ގެ ޕޯސްޓަރެއް ބޭނުންކޮށްގެން ވެސް ކޮވިޑް-19ގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.