ބޮލީވުޑް

ޕްރަބާސްގެ "އަޑިޕުރުޝް" އަނުޝްކާ ނުކުޅޭނެ

ޕްރަބާސް ބަތަލުގެ ބައި ކުޅޭ އަދި ސައިފް އަލީ ޚާން ނުބައިބައި ކުޅޭ "އަޑިޕުރުޝް" ގެ ބަތަލާއަކަށް އަނުޝްކާ ޝަރުމާ ހަމަޖެހިފައިވާ ކަމަށް ވަރަށް ފަހުން އިންޑިޔާގެ ނޫސްތަކުން ޚަބަރު ފަތުރާފައި ވެއެވެ. ނަމަވެސް މި ޚަބަރަކީ ދޮގެއްކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.

އަނުޝްކާ އަށް މި ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށާއި މި ފިލްމާ ގުޅޭ ގޮތުން މިހާތަނަށް އޭނާއާ އެއްވެސް މީހަކު މަޝްވަރާ ވެސް ކޮށްފައި ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އަނުޝްކާ މިހާރު ބަލިވެ އިނދެ ވިހާ ދުވަސް ފަސް ވަރަކަށް މަސް ބަނޑަށް ވެފައި ވާތީ މި ދުވަސްވަރު އޭނާ އެއްވެސް ފިލްމެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށާއި ނަމަވެސް ވިހާ ގަދަވެގެން އަވަހަށް ފިލްމީ މަސައްކަތަށް އެނބުރި އައުމުގެ ޝައުގުވެރިކަން އޭނާގެ އެބަހުރިކަމަށް އަނުޝްކާ އާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުން ބުނެފައި ވެއެވެ.

"ވަރަށް ބޮޑު އެނައުންސްމަންޓެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަނުޝްކާގެ ފަރާތުން އޭނާގެ ފޭނުންނަށް އަޑު އިވިގެން ދާނެ. ނަމަވެސް އެއީ ހަމަ ޔަގީނުން ވެސް 'އަޑިޕުރުޝް" އެއް ނޫން. އެ ފިލްމު ގަބޫލުކުރުމުގެ ވިސްނުމެއް އަނުޝްކާގެ ނެތް. އަދި އެ ފިލްމާ ގުޅޭ އެއްވެސް މަޝްވަރާއެއް އަނުޝްކާ ކޮށްފައެއް ވެސް ނުވޭ،" މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

ވަރަށް އަވަހަށް ޝޫޓިން ފަށަން ހަމަޖެހިފައިވާ "އަޑިޕުރުޝް" ގައި އަނުޝްކާ ބައިވެރިނުވިޔަސް ވިހައިގެން މާ ގިނަ ދުވަސް ތަކެއް ނުވެ އޭނާ މަސައްކަތް ފަށަން ގަސްތުކުރާ ފިލްމުތަކެއް އެބަހުއްޓެވެ. މިހާރުވެސް އޭނާ ދަނީ އެ ފިލްމުތަކާ ގުޅޭ ގޮތުން ރާވަން ޖެހޭ ކަންތައްތައް ރާވަމުންނެވެ. ނަމަވެސް މި ދުވަސްވަރު އަނުޝްކާ ބޭނުންވަނީ އަލަތު ދަރިފުޅު ލިބެން އުޅޭތީ އެ ކުރެވޭ އުފާވެރި ތަޖުރިބާތައް ކުރާށެވެ.

މައުލޫމާތު ދިން މީހާ ބުނީ އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި އަލުން ފިލްމީ މަސައްކަތް އަނުޝްކާ ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ އަނުޝްކާ މިހާރު ގަސްތުކޮށްފައިވާ ގޮތެވެ. ނަމަވެސް ވިހެއުމާ ގުޅިގެން އޭނާގެ ސިއްހަތަށް ދިމާވާ މައްސަލަތަކަށް ބަލާފައި ނޫނީ ގޮތެއް ނުނިންމާނެ ކަމަށް އެ މީހާ ބުންޏެވެ.