ބޮލީވުޑް

"ވިރުޝްކާ" ބޭބީ ސޯޝަލް މިޑިއާއަށް ތޫފާނެއް ގެނެއްސި

ވިރާޓާއި އަނުޝްކާ (ވ) އަދި އެމީހުންގެ ދަރިފުޅުގެ ދެ ފައިގެ ފޮޓޮއެއް
0%
0%
0%

އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓު ކޯލީ އާއި އޭނާގެ އަންހެނުން އަދި ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާ (ފޭނުން ލޯބިން މި ދެމަފިރިންނަށް ކިޔާ ނަމުން ނަމަ ވިރުޝްކާ) ގެ ދަރިފުޅު އުފަންވި ހަބަރާއި އެ ކުއްޖާގެ ފުރަތަމަ ފޮޓޯ ސޯޝަލް މީޑިއާގައި ވަރުގަދަ ތޫފާނެއް ގެނެސްފި އެވެ.

އިންސްޓަގްރާމްގައި ޝެއާކުރި ފޮޓޯއެއްގައި ވިރާޓު އާއި އަނުޝްކާގެ އަލަތު ދަރިފުޅުގެ ދެ ފައިގެ ފޮޓޮއެއް ލާފައި ވެއެވެ. އަދި "އުފަލުގެ ކޮޅެއް ނެތް. ގެއަށް އެންޖަލް އެއް އަތުވެއްޖެ" ކަމަށް މި ފޮޓޯއާއެކު ލިޔެފައިވާ މެސެޖުގައި ބުނެފައި ވެއެވެ.

ވިރާޓު ވެސް ވަނީ އޭނާއާއި އަނުޝްކާގެ ދަރިފުޅު އުފަންވީކަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. ވިރާތުގެ މެސެޖުގައި ބުނެފައިވަނީ އަނުޝްކާ ވިހެއީ ހޯމަ ދުވަހު މެންދުރުފަހު ކަމަށެވެ. އަދި އެމީހުންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށާއި ދަރިފުޅު ލިބުމުން އިންތިހާއަށް އުފަލުން ހުރިކަމަށް ބުނެފައި ވެއެވެ.

"އަހަރެމެންނަށް ހެޔޮ ދުއާކޮށް ހެޔޮ އެދުމާއި ލޯބި ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ތުއްތު ދަރިފުޅާއެކު އަހަރެމެން މުޅިން އާ ހަޔާތެއް ފަށާއިރު އަހަރެމެންގެ ޒާތީ މިނިވަންކަމަށް އިހުތިރާމްކުރުމަށް އެންމެންގެ ކިބައިން ވަރަށް ބޮޑަށް އެދެން،" ވިރާޓުގެ ބަޔާނުގައި ވެއެވެ.
އަނުޝްކާ ބަނޑުބޮޑުކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އެއާއެކު ދެމަފިރިންގެ އެތައް މިލިއަން ފޭނުންނެއް ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަން ފެށި އެވެ.

ވޯގް މެގަޒިން އަށް މިދިޔަ މަހު އަނުޝްކާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ބޭބީގެ ނާސަރީ ވަކި ކުލައަކުން ނުބަހައްޓާ ކަމަށާއި ހުރިހާ ކުލައެއް ވެސް ނާސަރީގައި ހުންނާނެ ކަމަށެވެ. އެއީ ވަކި ޖިންސަކަށް ވަކި ކުލައެއް އޮންނަކަމަށް އެމީހުން ގަބޫލު ނުކުރާތީ ކަމަށް ވެސް އަނުޝްކާ ބުންޏެވެ.

"އަހަރެމެން ދެ މީހުންނަކީ ވެސް ޖަނަވާރަށް ވަރަށް ލޯބިކުރާ ދެ މީހުން. އެހެންވީމާ ބޭބީގެ ނާސަރީ ވެސް ތައްޔާރުކުރީ ޖަނަވާރުންގެ ތީމަކަށް. އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ދަރިފުޅަކީ ވެސް ޖަނަވާރު ދެކެ ލޯބިވާ ކުއްޖަކަށް ވާން،" އަނުޝްކާގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

އަނުޝްކާ އާއި ވިރާޓަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާން ކުރުމާއެކު ކްރިކެޓް ކުޅުންތެރިންނާއި ފިލްމީ ތަރިން އަދި ކްރިކެޓާއި ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ އެތައް މިލިއަން ބަޔަކު މި ދެމަފިރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވައި މުޅި ސޯޝަލް މީޑިއާގައި އެއްވަނަ އަށް ޓްރެންޑްކުރާ ޚަބަރަކަށް މި ޚަބަރު ވަނީ ހަދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345