ފިނިޕޭޖް

އިންސްޓަގްރާމްގައި އެންމެ ގިނަ ފައިސާ ލިބޭ އެކަކީ ޕްރިޔަންކާ

ކޮންމެ އަހަރަކު ނެރޭ ހޮޕާ އިންސްޓަގްރާމް ރިޗްލިސްޓުގެ 27 ވަނަ އަށް ބޮލީވުޑާއި ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ހޮވިއްޖެ އެވެ.
އިންސްޓަގްރާމްގައި ޕްރިޔަންކާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ 64 މިލިއަނަށް އަރާފަ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އިންސްޓަގްރާމްގައި ޕްރިޔަންކާ ޝެއާ ކުރާ ކޮމާޝަލް ކޮންމެ ޕޯސްޓަކަށް 403،000 ޑޮލަރު ލިބެ އެވެ.

މި ލިސްޓަކީ އަހަރަކު އެއް ފަހަރު ނެރޭ ލިސްޓެކެވެ. މި ލިސްޓުގައި ރޭންކް ދެނީ ސެލެބްރިޓީންނާއި ކުޅިވަރުގެ ޝަހްސިއްޔަތުތަކުގެ ތެރެއިން އެމީހެއްގެ ނަމުގައި ވެރިފައި ކޮށްފައިވާ އެކައުންޓުން ކޮމާޝަލް ޕޯސްޓެއް ޖަހައިދޭން ނަގާ އަގަށެވެ.

ކޮންމެ ކޮމާޝަލް ޕޯސްޓަކަށް 271،000 ޑޮލަރު ޗާޖް ކޮށްގެން މިދިޔަ އަހަރު ޕްރިޔަންކާ އޮތީ މި ލިސްޓުގެ 19 ވަނައިގަ އެވެ.

ޕްރިޔަންކާ ފިޔަވައި ދެން މި ލިސްޓު ޓޮޕް 30 ގައި ހިމެނުނު އިންޑިއާގެ ސެލެބްރިޓީ އަކީ އެ ގައުމުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓު ކޯލީ އެވެ. މިދިޔަ އަހަރު ވިރާޓުގެ ނަން އޮތީ ލިސްޓުގެ 23 ވަނައިގަ އެވެ. ނަމަވެސް މި އަހަރު އޭނާގެ ނަން އޮތީ ލިސްޓުގެ 19 ވަނައިގަ އެވެ. މިހާރު އިންސްޓަގްރާމުގައި ވިރާޓު ފޮލޯ ކުރާ މީހުންގެ އަދަދު 125 މިލިއަނަށް އަރަ އެވެ. އަދި އޭނާގެ ކޮންމެ ކޮމާޝަލް ޕޯސްޓަކަށް މިހާރު 680،000 ޔޫއެސް ޑޮލަރު ލިބެ އެވެ.

މި ލިސްޓުގެ އެއްވަނައިގައި މިދިޔަ އަހަރު ވެސް އަދި މި އަހަރު ވެސް އޮތީ ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އިންސްޓަގްރާމުގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 295 މިލިއަނަށް އަރަ އެވެ. އެހެންކަމުން އޭނާ ޝެއާކުރާ ކޮންމެ ކޮމާޝަލް ޕޯސްޓަކަށް 1.604،000 ޑޮލަރު ލިބެ އެވެ.

މި ލިސްޓުގެ ކުރީގައި ދެން ތިބި ސެލެބްރިޓީންގެ ތެރޭގައި ޑުވޭން ޖޯންސަން، އަރިއާނާ ގްރާންޑޭ، ކައިލީ ޖެނާ އަދި ޓޭލާ ސްވިފްޓް ހިމެނެ އެވެ.