ފިނިޕޭޖް

އަނުޝްކާ ބަނޑުބޮޑުކަން އިއުލާނު ކުރުމުން މަރުހަބާ އޮހެނީ

ވިރުޝްކާ އަކީ އިންޑިޔާ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާ އާއި ދެމަފިރިންނަށް އެ މީހުންގެ ފޭނުން ދީފައިވާ ޚާއްސަ ނަމެކެވެ.

ކައިވެންޏަށް ދެ އަހަރު ފަހުން މިދިޔަ ބުދަ ދުވަހު އަނުޝްކާ އާއި ވިރާޓު ވަނީ އެމީހުންނަށް ދަރިއަކު ލިބޭކަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ.

އަނުޝްކާގެ ބޭބީ ބަމްޕް ފެންނަ ފޮޓޮއަކާއެކު ވިރާޓު ޝެއާ ކުރި ޕޯސްޓެއްގައި 2021ގެ ޖެނުއަރީގައި އެމީހުންނަށް ދަރިފުޅެއް ލިބި ދެ މީހުން ތިން މީހުންނަށް ވާނެ ކަމަށް ބުނެފައި ވެއެވެ. އަދި އަނުޝްކާ ވެސް އޭނާ ބަނޑުބޮޑުކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރި އެވެ. އެއާއެކު މި ދެމަފިރިންނަށް މަރުހަބާގެ މެސެޖުތައް އޮހެން ފެށީ އެވެ. ޚާއްސަކޮށް އަނުޝްކާ އާ އެކުވެރި ފިލްމީ ތަރިން މި މެސެޖަށް ކޮމެންޓުކޮށް މި ދެމަފިރިންނަށް މަރުހަބާ ކިޔާފައި ވެއެވެ.

އަނުޝްކާއަށް މަރުހަބާ ކީ ފިލްމީ ތަރިންގެ ތެރޭގައި ވަރުން ދަވަން، ޕްރީތީ ޒިންޓާ، އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްޅާ، ކިއާރާ އަދުވާނީ، ވާނީ ކަޕޫރު، ޕަރިނީތީ ޗޯޕްޅާ، ދިއާ މިރްޒާ، ސާންޔާ މަލްހޯތުރާ ފަދަ ތަރިން ހިމެނެ އެވެ.

އަނުޝްކާގެ އިތުރުން ކަރީނާ ކަޕޫރު ވެސް ބަލިވެ އިން ކަމުގެ ޚަބަރު ދާދިފަހުން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައި ވެއެވެ. ކަރީނާގެ ދަރިފުޅު ވެސް އުފަންވާނީ އަންނަ އަހަރު ކަމަށް ބެލެވެ އެވެ.

މިދިޔަ މާޗް ފަހުން ފެށިގެން އިންޑިޔާ ލޮކްޑައުން ކޮށްފައިވާތީ ފިލްމީ މަސައްކަތްތައް ހުއްޓާލައި ހުރިހާ ތަރިން ވެސް ދިރިއުޅެމުން ދިޔައީ އެމީހުންގެ ގޭގޭގަ އެވެ. ވީމާ ލޮކްޑައުންގެ ބޭނުން ހެޔޮގޮތުގައި ހިފީ ކަމަށް މި ޚަބަރަށް ކޮމެންޓު ކުރި ބައެއް މީހުން މަޖަލަކަށް ހަދާފައި ބުނެފައި ވެއެވެ.

އަނުޝްކާގެ ފިލްމެއް އެންމެ ފަހުން ރިލީޒްވެފައިވަނީ 2018 ވަނަ އަހަރު އެވެ. އެއީ ޝާހްރުކް ޚާނާއެކު އޭނާ ކުޅުނު "ޒީރޯ" އެވެ. އޭގެ ފަހުން ބައެއް ފިލްމުތައް ޕްރޮޑިއުސްކުރި ނަމަވެސް އެއްވެސް ފިލްމަކުން އޭނާ ފެނިފައެއް ނުވެ އެވެ.