ބޮލީވުޑް

މަންމައަކަށް ވުމަށްފަހު އަނުޝްކާ ގިނަ ގުރުބާނީތަކެއްވި: ވިރާޓު

އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި ބަތަލާ އަނުޝްކާ ޝަރުމާ ކައިވެނިކުރީ ޑިސެމްބަރު 11، 2017 ގައެވެ. ކައިވެންޏަށް ފަސް އަހަރު ފުރުނުއިރު ދެމަފިރިންނަށް ވަމިކާ ކިޔާ އަންހެން ދަރިއެއް ލިބިފައި ވެއެވެ. ފާއިތުވީ އަހަރުގައި މި ޒުވާން ދެމަފިރިންގެ އާއިލީ ގުޅުން ވަނީ ދުވަހަކުވެސް ބަދަހި ނުވާ ވަރަށް ބަދަހިވެފަ އެވެ.

ވަރަށް ފަހުން ވިރާޓު ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އެމީހުންގެ ޒަވާޖީ ހަޔާތަށްޓަކައި އަނުޝްކާ ވަރަށް ގިނަ ގުނަ ގުރުބާނީތަކެއް ވެފައިވާ ކަމަށެވެ. އަދި އޭނާއަށް ހިތްވަރު ލިބެނީ އޭނާގެ އަންހެނުންގެ ގުރުބާނީން ކަމަށްވެސް މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ބުންޏެވެ.

ވިރާތު ބުނި ގޮތުގައި ވަމިކާ ލިބުމަށްފަހު މަންމައެއްގެ ހައިސިއްޔަތުން އަނުޝްކާ ބޮޑެތި ގުރުބާނީތަކެއްވީ ކަމަށެވެ.

"އަހަރެންނަށް މިހާރު އިހްސާސް ކުރެވެނީ އަހަރެންނަށް ކޮންމެ ކަހަލަ މައްސަލައެއް ދިމާވިޔަސް އަނުޝްކާގެ ގުރުބާނީއާ ބަލާއިރު އެއީ މާ ކުޑަކުޑަ މައްސަލަ ތަކެކޭ،" ވިރާޓު ބުންޏެވެ.

ވިރާޓު މީގެ ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ކެރިއަރުގައި ދިމާވާ ބައެއް މައްސަލަތަކުން ރުޅިގަދަވެ އޭނާއަށް ވަރަށް މާޔޫސްކަމާއި ފޫހިކަމުގައި އުޅެން ޖެހުނެވެ. އެއީ ހަގީގަތުގައި ރަނގަޅުކަމެއް ނޫންކަމަށް ހުދު އޭނާވެސް ގަބޫލު ކުރި އެވެ.

"އަހަރެންނަކަށް ހިޔެއް ނުވޭ އެއީ އަހަރެންގެ އެންމެ ކައިރީގައި އުޅޭ މީހުންނަށް އިންސާފުވެރި ގޮތެއް ހެނެއް. އަހަރެން ހިތްހަމަނުޖެހި އަންނަ ރުޅިގަނޑު އެމީހުންނަށް ބާލާލުމަކީ ރަނގަޅު ގޮތެއް ކަމަކަށް ގަބޫލެއް ނުކުރަން،" ވިރާޓު ބުންޏެވެ.