ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރުމާ އާއި އިންޑިޔާގެ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީގެ އަލަތު ދަރިފުޅުގެ ނަމަކީ ވަމިކާ ކަމަށް އެމީހުން ވަނީ މިދިޔަ ހޯމަ ދުވަހު ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. ވިރާޓު އާއި އަނުޝްކާގެ ފޭނުން ބުނެފައިވަނީ މިއީ ދެ މީހުންގެ ނަމާ ގުޅުވައިގެން ކިޔާފައިވާ ވަރަށް ރީތި ނަމެއް ކަމަށެވެ. ވަމިކާ އަކީ ހިންދޫން އަޅުކަންކުރާ ބުދަކަށް ކިޔާ ނަމެކެވެ. މި ނަން އިންޑިޔާ މީހުނަށް އެހާ ރީތިވެގެން އުޅޭ އެއް ސަބަބަކީ އެއީ އެވެ.
އަނުޝްކާގެ ދަރިފުޅު ނޫނަސް ބޮލީވުޑުގެ އެހެން ތަރިން ވެސް އެމީހުންގެ ދަރިންނަށް ވަރަށް އާދަޔާޚިލާފު އަދި އެހެން މީހުން ކިޔައިނޫޅޭ ޒާތްޒާތުގެ ނަންތައް ކިޔަން ޝައުގުވެރިވެ އެވެ. އެގޮތުން ޝާހްރުކް ޚާންގެ ހަގު ދަރިފުޅު އަބްރާމްގެ ނަން ފާހަގަ ކޮށްލެވެ އެވެ.
ޝާހްރުކް އާއި އަންހެނުން ގޯރީއަށް ސަރަގަސީ މަންމައެއްގެ ޒަރިއްޔާއިން 2013 ވަނަ އަހަރު ލިބިފައިވާ އަބްރާމް އަކީ ހިބްރޫ ނަމެއް ނަމަކަށް ޝާހްރުކް ބުނެފައި ވެއެވެ. ނަމަވެސް މި ނަން އޭނާ ޚާއްސަ ގޮތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ޝާހްރުކް ބުނެފައި ވެއެވެ.
ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދަރިފުޅަށް ތައިމޫރު ކިޔުމުން ސޯޝަލް މީޑިއާގައި މި ދެމަފިރިންނަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔައި ބޮޑު މައްސަލަގަނޑަކަށް ވިއެވެ. އެއްބަޔަކު ބުނަނީ ތައިމޫރަކީ އިންޑިޔާ ހިފަން މަސައްކަތްކުރި ރަސްކަލެއްގެ ނަން ކަމަށް ވާތީ އެ ނަން ކިޔުމަކީ ރަނގަޅު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.
ކަރީނާ ބުނި ގޮތުގައި އޭނާ ތައިމޫރު ވިހަން ހޮސްޕިޓަލަށް ދިއުމުގެ އެއް ދުވަސް ކުރިން ސައިފް އާއި އޭނާ ދަރިފުޅަށް ކިޔާނެ ނަމަކާ ބެހޭ މަޝްވަރާ ތަކެއް ކުރި އެވެ.
"ސައިފް ބޭނުންވީ ފާއިޒް ކިޔަން. އަހަރެން ބުނިން ނޫނެކޭ ތައިމޫރޭ ކިޔާނީ. ތައިމޫރުގެ މާނައަކީ ދަގަނޑޭ. އަހަރެން ބޭނުމީ އަހަރެންގެ ފިރިހެންދަރިފުޅު ވަރުގަދަ ހަނގުރާމަވެރިއަކަށް ވާށޭ. އަހަރެން އުފަން ކުރާނީ އަޔަން މޭން އެކޭ،" ނަން ކިއުނު ގޮތާ ބެހޭ ގޮތުން ކަރީނާގެ ތަންކޮލެއް ކުރީގެ އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.
އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަންގެ ދަރިފުޅު އާރާދިޔާގެ ނަމަކީ ވެސް އާއްމުކޮށް އިންޑިޔާ މީހުން ކިޔައި ނޫޅޭ ނަމެކެވެ. އާރާދިޔާގެ ސަންސްކްރިތު މާނައަކީ "އަޅުކަން ކުރެވޭ" އެވެ. މި ނަމަށް އިތުރު ޚާއްސަކަމެއް ލިބެނީ ނަން ފެށެނީ "އޭ" އަކުރުން ކަމަށް ވާތީ އެވެ. އައިޝްވަރިޔާ އާއި އަބީޝެކް އަދި އަމީތާބުގެ ނަން ވެސް ފެށެނީ "އޭ" އަކުން ކަމަށް ވާތީ އާރާދިޔާގެ ނަމުގެ ކުރީގައި ދެ އޭ އަކުރު ހިމެނިފައި ވުމަކީ މި ނަމުގެ ފުރިހަމަކަން އިތުރުވެފައިވާ ސަބަބެއް ކަމަށް އަމީތާބު ބުނެފައި ވެއެވެ.
ޝިލްޕާ ޝެޓީގެ ހަގު ދަރިފުޅަށް ކިޔާފައިވަނީ ސަމީޝާ އެވެ. މިއީ ސަންކްރިތު ބަހަކާއި ރަޝިޔާ ބަހެއް މިކްސް ކޮށްގެން ހަދާފައިވާ ނަމެއް ކަމަށް ޝިލްޕާ ބުންޏެވެ.