ބޮލީވުޑް

އަނުޝްކާއާ ބައްދަލުވި ދުވަހު އުޅެވުނީ މޮޔައެއްހެން: ވިރާޓު

ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރުމާ އާއި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓު ކޯލީގެ ކައިވެނިކުރީ 2017 ވަނަ އަހަރު އެވެ. އަދި ކައިވެންޏަށްފަހު މި ދެ ސެލެބްރިޓީން ވެސް ދަނީ އެމީހުންގެ ހަޔާތުގައި ދިމާވާ މުހިއްމު ކަންތައްތައް ފޭނުންނާ ހިއްސާ ކުރަމުންނެވެ.

ދާދިފަހުން ވިރާޓު ބައިވެރިވި ޓޯކް ޝޯއެއްގައި ވާހަކަ ދައްކަމުން އޭނާ ވަނީ އަނުޝްކާ އާ ފުރަތަމަ ބައްދަލުވީ ދުވަހު ކަންތައްވީ ގޮތް ކިޔައިދީފަ އެވެ. އެއީ 2013 ވަނަ އަހަރު އަނުޝްކާ އާއި ވިރާޓު ކުޅެފައިވާ ޝޭމްޕޫ އިޝްތިހާރެއްގެ ސެޓުންނެވެ.

ވިރާޓު ބުނީ އަނުޝްކާ އާ ބައްދަލުވީ ވަގުތު އޭނާ ހުރީ ވަރަށް ހާސްވެ ހަދާނެ ގޮތް ހުސްވެފަ އެވެ. އަދި އަނުޝްކާ އާ ބައްދަލުވުމާއެކު އޭނާ ފުރަތަމައިނުން ވެސް އަނުޝްކާ އަރައިގެން ހުރި ފައިވާނަށް ޖޯކު ޖެހި ކަމަށް ވިރާޓު ކިޔައިދިނެވެ. އެއީ އަނުޝްކާއަށް މަލާމަތް ކުރުމުގެ ގޮތުން އޭނާ ކުރިކަމެއް ނޫނެވެ. ހާސްކަމާއި ލަދު ފޮރުވޭތޯ ކުރި ކަމެކެވެ.

"އަހަރެމެން ފުރަތަމަ ބައްދަލުވީ އެކުގައި ކުޅުނު ޝޭމްޕޫ އިޝްތިހާރެއް ޝޫޓް ކުރުމަށް. އަހަރެންގެ މެނޭޖަރު ބަންޓީ އެ އިޝްތިހާރު ކުޅެން ލިބުނު ވާހަކަ ބުނުމުން އަހަރެން ހުރީ ވަރަށް އުފަލުން. ނަމަވެސް އިޝްތިހާރުގައި އަނުޝްކާ ބައިވެރިވާކަން އެނގުމުން ވަރަށް ހާސްވި، ޕްރޮފެޝަނަލް އެކްޓަރަކާއެކު އަހަރެން ކަހަލަ މީހަކު އިޝްތިހާރު ކުޅޭނެ ގޮތެއް އަހަންނަކަށް ނުވިސްނުން. ނަމަވެސް މެނޭޖަރު ހިތްވަރުދީ އަހަރެން އެކަމަށް އެއްބަސް ކުރުވީ،" ވިރާޓު ބުންޏެވެ.

ވިރާޓު ބުނި ގޮތުގައި އަނުޝްކާ އާއެކު މަސައްކަތްކުރާއިރު އޭނާ ހީވާނީ މޮޔައެއްހެން ކަން އޭނާއަށް ގަބޫލު ކުރެވުނެވެ.
އަނުޝްކާ އާ ފުރަތަމަ ބައްދަލުވީ ވަގުތު ކަން ވީގޮތް ހިއްސާ ކުރަމުން ވިރާޓު ބުނީ އަނުޝްކާ ފެނުމާއެކު އޭނާ ފުރަތަމައިނުން ވެސް ޖެހީ ޖޯކެކެވެ. އެއީ ހާސްވެގެން ކުރާނެ ކަމެއް ނޭނގިގެން ކުރެވުނު ކަމެކެވެ.

"އަނުޝްކާ ވަރަށް ދިގު. އަހަރެންނަށް ވުރެ އޭނާ ދިގުކަމަށް ދައްކާނެތީ ފުންނާބު އުސް ފައިވާނަށް ނާރަން އަނުޝްކާ ކައިރީ އޮތީ ބުނެފަ. ނަމަވެސް އޭނާ ފުރަތަމަ ފަހަރަށް ފެނުނުއިރު ވެސް އަހަރެންނަށް ދިގު ކަމަށް ހީކުރެވުނު. އެހެންވެ 'ތިޔަށް ވުރެ އުސް ފައިވާނަކަށް ނޭރީ ކީއްވެހޭ' ބޭއިޚްތިޔާރުގައި އަހަރެންނަށް ބުނެވުނީ،" ވިރާޓު ބުންޏެވެ.

ވިރާޓުގެ ޖޯކު އަނުޝްކާއަށް ކަމުނުގޮސްގެން "އެކްސްކިއުޒް މީ" އޭ ބުންޏެވެ. ޖަވާބުގައި ވިރާޓު ބުނީ އެއީ އޭނާ ޖޯކަކަށް ބުނި އެއްޗެއް ކަމަށެވެ.

ވިރާޓު ބުނި ގޮތުގައި އެ ދުވަހު ހަގީގަތުގައި ވެސް އޭނާ އަށް އުޅެވުނީ މޮޔައަކު އުޅޭ ގޮތަށެވެ.

އަނުޝްކާ އެންމެ ފަހުން ކުޅުނު "ޒީރޯ" ވެފައިވަނީ ވަރަށް ނާކާމިޔާބު ފިލްމަކަށެވެ. އަދި އޭގެ ފަހުން އޭނާ އެއްވެސް ފިލްމެއް ކުޅެން ސޮޔެއް ނުކުރެ އެވެ.