ބޮލީވުޑް

"ގަލާ"- އަނުޝްކާގެ ތައުރީފު ޓްރިޕްތީ އާއި ޓީމަށް

އިރްފާން ޚާންގެ ދަރިފުޅު ބާބިލް ޚާން އާއި ޓްރިޕްތީ ޑިމްރީ ލީޑް ރޯލުކުޅެފައިވާ "ގަލާ" އަށް ބަތަލާ އަނުޝްކާ ޝަރުމާ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

"ގަލާ"އަކީ އަނުޝްކާގެ ބޭބެ ކަމޭޝް ޝަރުމާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

އަނުޝްކާ އިންސްޓަގްރާމްގައި ޝެއާކުރި ޕޯސްޓެއްގައި "ގަލާ"ގެ ރިވިއުއެއް ވަނީ ލިޔެފަ އެވެ.

އަނުޝްކާ ލިޔެފައިވާ ގޮތުގައި "ގަލާ"ގައި ދައްކަނީ މަންމައެއްގެ ލޯތްބަށް ފެންބޮވައިގެންފައިވާ އަންހެން ދަރިއެއްގެ އިހްސާސްތަކެވެ. އަދި މިއީ ވަރަށް އަސަރުގަދަ ފިލްމެއްގެ ގޮތުގައި އަނުޝްކާ ސިފަ ކުރި އެވެ.

މިހާރު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާފައިވާ "ގަލާ"ގެ ބަތަލާ ޓްރިޕްތީ އާއި ޑައިރެކްޓަރު އަންވިތާ ދަތު އަށް ވެސް އަނުޝްކާ ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ.

މި ފިލްމުގެ ވާހަކައިގައި އޮރިޖިނަލް އަދި ހަގީގަތާ އެއްގޮތަށް ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި އަދި އަންވިތާގެ ޑައިރެކްޓްކުރުމުގެ މޮޅުކަން ފިލްމު ބަލާއިރު ހީވަނީ ރީތި ޅެމެއް ވިރުވާ އަޅާހެން ކަމަށް ވެސް އަނުޝްކާގެ ޕޯސްޓްގައި ވެއެވެ.

ޓްރިޕްތީ އަކީ މި ޖެނެރޭޝަންގެ އެކްޓަރުންގެ ތެރެއިން އެންމެ މޮޅު އެއް އެކްޓަރު ކަމަށް ވެސް އަނުޝްކާ ލިޔެފައި ވެއެވެ.

"ޓްރިޕްތީ އަކީ މަދުން ނުފެންނަ ކަހަލަ ހުނަރުވެރި ބަތަލާއެއް. އެކްޓަރެއްގެ ގޮތުގައި އޭނާ ވަނީ ފައްކާވެފައި. އަދި އާޓިސްޓެއްގެ ހުންނަން ޖެހޭ މައުސޫމްކަން ވެސް އެބަހުރި،" ޓްރިޕްތީ އަށް ތައުރީފުކުރަމުން އަނުޝްކާ ބުނެފައިވެއެވެ.

ނެޓްފްލިކްސް އިން ދައްކަން ފަށާފައިވާ "ގަލާ" އަކީ ސައިކޮލޮޖިކަލް ޑްރާމާ އެކެވެ. ފިލްމުގައި ދައްކަނީ ޒުވާން ލަވަކިޔުންތެރިއެއްގެ ކަޅު މާޒީގެ ސަބަބުން އޭނާގެ ހަޔާތަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކެވެ. އަދި މަންމައެއްގެ ލޯބި ހޯދަން އެ އަންހެންކުއްޖާ ކުރާ މަސައްކަތެވެ.

މި ފިލްމުގައި އަނުޝްކާ ވަނީ މެހެމާނެއްގެ ރޯލު ކުޅެފަ އެވެ. އަދި އަނުޝްކާ އަކީ މި ފިލްމު ޕްރޮޑިއުސްކުރި ކްލީން ސްލޭޓް ފިލްމްޒްގެ ކުރީގެ ވެރިއެކެވެ. ނަމަވެސް މިފަހަކުން އޭނާ ވަނީ މި ކުންފުނިން ވަކިވެފަ އެވެ.

"ގަލާ"ގެ ޑައިރެކްޓަރު އަންވީތާ 2020ގައި ޑައިރެކްޓްކުރި "ބުލްބުލް" ޕްރޮޑިއުސްކޮށްފައިވަނީ މި ކުންފުނީގެ ދަށުން އަނުޝްކާ އެވެ. "ބުލްބުލް"ގައި ވެސް ލީޑް ރޯލު ކުޅެފައިވަނީ ޓްރިޕްޓީ އެވެ.