ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅިހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިރޭ މަޖިލީހުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ މި ބިލަށް ހިޔާލު ހޯދަން ބާއްވާ ބައްދަވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގަ އެވެ.
މި ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް، ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއިލް (އިބްރާ) އާއި ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި އަހްމަދު ސައީދު (ގަހާ ސައީދު) ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލީ ޖޫން މަހުގެ 21 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީ މަރުހަލާގެ މަސައްކަތުގެ ބޮޑުބައެއްވެސް ވަނީ ނިންމައިފަ އެވެ.
ތައުލީމުގެ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. ބިލުގައި ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެ އެވެ. އަދި ދަރިވަރުންގެ ހައްގުތަކާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސަރުކާރުގެ ޒިންމާތައްވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ތައުލީމުގެ ބިލެއްގެ އިތުރުން މަތީ ތައުލީމުގެ ބިލެއް ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެ ބިލުގެ މަސައްކަތް ވެސް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.