ފިނިޕޭޖް

އަނެއްކާވެސް އިތުރު ދެ އެކްޓަރެއް މަރުވެއްޖެ

ބޮލީވުޑުގައި މަސައްކަތްކުރި އިތުރު ދެ އެކްޓަރަކު މަރުވެއްޖެ އެވެ. އެތަނުން ފުރަތަމަ އެކްޓަރަކީ އައިޝްވަރިޔާ ރާއީގެ "ސަރަބްޖީތު" ގައި މުހިއްމު ރޯލެއް ކުޅުނު ރަންޖަން ސޭގަލް އެވެ. މީގެ އިތުރަށް ވެސް ވަރަށް ގިނަ ޕަންޖާބީ ޓީވީ ޝޯތަކުގައި ރަންޖަން ބައިވެރިވެފައި ވެއެވެ.

އުމުރުން 36 އަހަރުގެ ރަންޖަން މަރުވެފައިވަނީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން އެތެރެހަށީގެ ގުނަވަންތަކެއް ފެއިލް ވެގެނެވެ.

ހިންދީ ކްރައިމް ޝޯތައް ކަމަށްވާ "ކްރައިމް ޕެޓްރޯލް" އާއި "ސާވްދާން އިންޑިއާ"ގެ ވަރަށް ގިނަ އެޕިސޯޑްތަކުގައި ވެސް ރަންޖަން ބައިވެރިވެފައި ވެއެވެ. އޭނާ މަރުވީ މިމަހުގެ 11 ވަނަ ދުވަހު އޭނާގެ އުފަން ރަށް ޗަންދީގަޅްގައި ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

ދެ ވަނަ އަށް މަރުވެފައިވާ ބަތަލާ އަދި މޮޑެލް ދިވްޔާ ޗޯކްސޭއެވެ. ދިވްޔާ މަރުވީ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހުގަ އެވެ.

ދިވްޔާގެ ދެބެންގެ ދެދަރި ސޯމްޔާގެ ފޭސްބުކް ޕޭޖްގައި ދިވްޔާ ކެންސަރު ބައްޔާ ކުރި ވަރުގަދަ ހަނގުރާމައިގެ ވާހަކަތައް ކިޔައިދީފައި ވެއެވެ.

އެކްޓަރެއްގެ އިތުރުން ދިވްޔާ އަކީ ލަވަކިޔުންތެރިއެއް ވެސް މެއެވެ. އަދި މިސް ޔުނިވާސް އިންޑިއާ 2011 ގެ ބައިވެރިއެއް ވެސް މެއެވެ.
އެމްޓީވީގެ ބައެއް ޝޯތަކުގައި ބައިވެރިވުމުގެ އިތުރުން 2016 ގައި ރިލީޒްކުރި ހިންދީ ފިލްމު "ހެ އަޕްނާ ދިލް ތޮ އާވާރާ"ގެ ބަތަލާގެ ބައި އޭނާ ވަނީ ކުޅެފަ އެވެ. އަދި 2018 ގައި ލަވަކިޔުންތެރިއެއްގެ ގޮތުގައި ދިވްޔާ ވަނީ "ޕަޓިޔާލޭ ދީ ކުއީން" ކިޔާ ސިންގަލް އެއް ނެރެފަ އެވެ.