ބޮލީވުޑް

"ބާޖީރާއޯ މަސްތާނީ" ވެސް ސުޝާންތަށް ލިބުނު

ބޮލީވުޑް ފިލްމުތައް އުފައްދާ އެންމެ މަޝްހޫރު މީހުން ސުޝާންތު ސިންގް ރާޖްޕޫތު ބޮއިކޮޓް ކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން މިހާރު ދަނީ ސާބިތު ވަމުންނެވެ. ވަރަށް ގިނަ ޑައިރެކްޓަރުން ބުނެފައި ވަނީ އެމީހުން ގިނަ ފިލްމުތަކެއް ސުޝާންތަށް ހުށަހެޅި ކަމަށާއި އޭނާއަށް ވަގުތު ނެތިގެން ނުކުޅެ ދޫކޮށްލީ ކަމަށެވެ.

އެގޮތުން ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ވެސް ވަނީ ގިނަ ފިލްމުތަކެއް ސުޝާންތަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އޭނާގެ ވަރަށް ރީތި އަދި އެހާމެ ކާމިޔާބު ފިލްމެއް ކަމަށްވާ "ބާޖީރާއޯ މަސްތާނީ" ހިމެނެ އެވެ.

ސުޝާންތަށް ފިލްމުގައި ބައިވެރި ވެވޭ ގޮތް ނުވުމުން އޭނާގެ އޭރުގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ލައްވާ އެ ފިލްމުގެ އައިޓަމް ސޯންގް އެއް ކުޅުވަން ވެސް ބާންސާލީ ހުށަހެޅި އެވެ. ނަމަވެސް އަންކިތާ އެއްބަސް ނުވީ އެވެ.

ހަގީގތުގައި ބާންސާލީ ބޭނުންވީ އަންކިތާ އައެކު ތިން ފިލްމެއްގެ ޑީލެއް ހަދާށެވެ. ނަމަވެސް އަންކިތާ އެގޮތަށް ވެސް އެއްބަސް ނުވުމުން ފިލްމުގައި އެ ލަވަ ނުހިމަނަން ބާންސާލީ ނިންމީ އެވެ.

ސުޝާންތުގެ ކުއްލި މަރަށް ފަހު މުމްބައި ފުލުހުން މިހާރު ކުރިޔަށް ގެންދާ ތަހުގީގުގައި ބާންސާލީ ހާޒިރުކޮށް އޭނާގެ ބަޔާން މިހާރު ވަނީ ނަގާފަ އެވެ. ޕޮލިސް ސްޓޭޝަންގައި ބާންސާލީ ތިން ގަޑިއިރަށް ވުރެ ގިނައިރު ބަޔާން ނަގަން ބޭންދި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ހަގީގަތުގައި ސުޝާންތު އަށް ގިނަ ފިލްމުތަކެއް ދޫކޮށްލަން ޖެހުނު ސަބަބަކަށްވީ ޔާޝްރާޖް ފިލްމްސް އާއެކު އޭނާ ސޮއިކޮށްފައިވާ ތިން ފިލްމެއް ކުޅުމުގެ އެގްރީމެންޓެވެ. އޭގެން އެއް ފިލްމު ނުނިމި އޮތުމުގެ ސަބަބުން އެ ފިލްމަށް އަބަދުވެސް ދުވަސްތައް ހުސްކޮށްފައި ބަހައްޓަން ސުޝާންތަށް ޖެހުނީ އެވެ.