ބޮލީވުޑް

އިތުރު ހިންދީ ފިލްމުތަކެއް ސީދާ ނެޓްފްލިކްސް ރިލީޒްއަކަށް

ކޮރޯނާވައިރަހުގެ ސަބަބުން ސިނަމާތައް ބަންދު ކޮށްފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެ ފިލްމު އުފައްދާ މީހުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ އޮންލައިންކޮށް ފިލްމު ރިލީޒް ކުރުމުގެ ޚިޔާލު ގެންގުޅޭ ޕްރޮޑިއުސަރުން ގިނަ ވާން ފަށައިފި އެވެ.

ސިނަމާތަކުގެ ވެރިން މިހާރު ބުނަނީ ސެޕްޓެމްބަރު މަހު ތެރޭގައި ސިނަމާތައް ހުޅުވޭވަރު ވާނެ ކަމަށެވެ. ނަމަވެސް ފިލްމުތައް ނިންމައިގެން ތިބި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަކަށް ސެޕްޓެމްބަރު މަހު ވެސް ފިލްމު ސިނަމާތަކުގައި އެޅުވިދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. އެހެންވެ މިހާރު އެމީހުންގެ ކެތްތެރިކަން ކޮޅުންލައި ކޮންމެ ގޮތެއް ވިޔަސް އޮންލައިން ރިލީޒްއަކަށް ދާން ވަރަށް ގިނަ ބަޔަކު ވަނީ ނިންމާފަ އެވެ. ޚާއްސަކޮށް އޮންލައިންކޮށް ފިލްމު ބަލާ މީހުންގެ އަދަދު ފާއިތުވީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެތައް ގުނަޔަކަށް އިތުރުވެފައި ވުމާއެކު އޯޓީޓީ ޕްލެޓްފޯމްތަކުން ފިލްމުތައް ގަންނަން ބޮޑު އަގުދޭން އެއްބަސްވާތީ އެ ގޮތް މާ ރަނގަޅުކަމަށް ފިލްމު އުފައްދާ ގިނަ ބަޔަކަށް މިހާޜު ގަބޫލު ކުރެވެ އެވެ.

ކުރިޔަށް އޮތް ތަނުގައި ނެޓްފްލިކްސް އިން ވެސް ވަރަށް ގިނަ ހިންދީ ފިލްމުތައް ރިލީޒް ކުރަން ދަނީ ތައްޔާރު ވަމުންނެވެ. ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ޖުލައި 16 ވަނަ ދުވަހު މި ފިލްމުތަކުގެ ނަން ތަކާއި ރިލީޒްކުރާނެ ތާރީޚުތައް ރަސްމީކޮށް އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ބޮލީވުޑްގެ މުޅިން އާ ނުވަ ފިލްމެއް ނެޓްފްލިކްސް އިން ގަނެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ ކޮންކޮނާ ސެން ޝަރުމާ އާއި ބޫމީ ޕެޑްނޭކަރްގެ "ޑޯލީ ކިއްޓީ އައުރް ވޯ ޗަމަކްތޭ ސިތާރޭ" އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަލަންކްރީތާ ސްރީވާސްތާ އެވެ. އޭނާ މީގެ ކުރިން ވަނީ "ލިޕްސްޓިކް އަންޑަ މައި ބުރުގާ" ކިޔާ ފިލްމެއް 2017 ގައި ޑައިރެކްޓްކޮށްފަ އެވެ. މިއީ ވަރަށް ގިނަ ބަޔެއްގެ ތަރުހީބު ލިބުނު ފިލްމެކެވެ.

ދެ ވަނަ ފިލްމަކީ ސަންޖޭ ދަތާއި ނަރްގިސް ފަޚްރީގެ "ޓޮރްބާޒް" އެވެ. މިއީ ކިރިގިސްތާނުގައި ޝޫޓްކުރި ފުރަތަމަ ހިންދީ ފިލްމު ކަމަށް ވެއެވެ. ގިރިޝް މަލިކް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހިނގާ ހާދިސާ ތަކަކަށެވެ. ކުޑަކުދިންގެ ގައިގައި ބޮން ހަރުކޮށްގެން އަމިއްލައަށް ގޮއްވާލުމާ ގުޅޭ ވާހަކަތަކެއް މި ފިލްމުގައި ކިޔައިދީފައިވެ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރު ރާހޫލް މިޝްރާ މިދިޔަ މާޗް މަހު ބުނެފައިވަނީ އޮކްޓޯބަރު މަހު ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށެވެ. ނަމަވެސް މިހާރު ބެލެވެނީ މި ފިލްމު ދައްކާނީ ނެޓްފްލިކްސް އިން ކަމަށެވެ.

ތިން ވަނަ ފިލްމަކީ "ގިނީ ވެޑްސް ސަނީ" އެވެ. ޕުނީތު ކަންނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ "ތަނޫ ވެޑްސް މަންނޫ"ގެ ޕްރޮޑިއުސަރު ވިނޯދު ބައްޗަން އެވެ. މި ފިލްމުގެ ތަރިންނަކީ ވިކްރާންތު މެސީ އާއި ޔަމީ ގޯތަމް އެވެ. މި ފިލްމު ޝޫޓްކޮށްފައިވަނީ ދިއްލީގެ އަސްލު ލޮކޭޝަންތަކެއްގަ އެވެ. މި ފިލްމުގައި ދައްކުވައިދެނީ ގިނީ އާއި މިނީގެ ދެ ފަރާތުގެ އާއިލާއިން ހަމަޖައްސާފައިވަނިކޮށް ގިނީ ކައިވެންޏާ ދެކޮޅު ހަދައިގެން ހިނގާ ހާދިސާ ތަކެކެވެ.

ކިއާރާ އަދުވާނީގެ "އިންދޫ ކީ ޖަވާނީ"ވެސް ނެޓްފްލިކްސް ރިލީޒްއަކަށް ދާގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. އަދިތުޔާ ސީލް އާއެކު ކިއާރާ ކުޅެފައިވާ މި ފިލްމަކީ ކިއާރާގެ ދެ ވަނަ ނެޓްފްލިކްސް ރިލީޒް އެވެ. މީގެ ކުރިން ކަރަން ޖޯހަރްގެ "ގިލްޓީ" މިދިޔަ މާޗް މަހު ނެޓްފްލިކްސް އިން ވަނީ ރިލީޒްކޮށްފަ އެވެ. މި ފިލްމުގައި އެންމެ މައިގަނޑެއް ރޯލެއް އަދާކުރީ ކިއާރާ އެވެ.

އަބީޝެކް ބައްޗަން، ރާޖްކުމާރު ރާއޯ، އަދިތުޔާ ރޯއި ކަޕޫރު، ފާތިމާ ސަނާ ޝޭޚް، ސަންޔާ މަލްހޯތުރާ އަދި ޕަންކަޖް ޓްރިޕާތީގެ "ލޫޑޯ" އަކީ ވެސް މިފަހަރު ނެޓްފްލިކްސް އިން ރިލީޒްކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަނުރާގް ބާސޫ އެވެ.
ބަތަލާ ރާދިކާ އަޕްޓޭގެ ގިނަ ފިލްމުތަކެއް މިހާރު ނެޓްފްލިކްސްގައި ރިލީޒްކޮށްފައި ވެއެވެ. އަދި ރާދިކާ އެންމެ ފަހުން ކުޅުނު "ރާތު އަކޭލީ ހޭ" ވެސް ނެޓްފްލިކްސްގައި ރިލީޒްކުރަން މިހާރު ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި ރާދިކާގެ އިތުރުން ނަވާޒުއްދީން ސިއްދީގީ، ޝްވޭތާ ޓްރިޕާތީ ބައިވެރިވެ އެވެ. މިއީ ކާސްޓިން ޑައިރެކްޓަރެއް ކަމަށްވާ ހަނީ ޓްރެހާން ޑައިރެކްޓަރެއްގެ ގޮތުން އުފައްދާ ފުރަތަމަ ފިލްމެވެ. މިއީ ކްރައިމް ތުރިލާ އެކެވެ.

ޕަރިނީތީ ޗޯޕްޅާ އާއި އަދިތީ ރާއޯ ހައިދަރީ، ކްރީތީ ކުލްހާރީ އާއި އަވީނާޝް ތިވާރީގެ "ދަ ގާލް އޮން ދަ ޓްރެއިން" ވެސް ނެޓްފްލިކްސް އިން މިފަހަރު ރިލިޒްކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނެ އެވެ. މިއީ ހަމަ މި ނަން ކިޔާ ހޮލީވުޑް ފިލްމެއްގެ ރިމޭކް އެކެވެ. ރީބޫ ދާސްގުޕްތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އެއްކޮށް ޝޫޓްކޮށްފައިވަނީ އިނގިރޭސި ވިލާތުގަ އެވެ.

ދެން އޮތީ "ޕްރޮޖެކްޓް 10" ކިޔާ ފިލްމެކެވެ. މިއީ އަނުރާގް ކަޝޭޕް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ބަތަލާއަކީ ކުރީގެ އެކްޓަރެއް ކަމަށްވާ ޕޫޖާ ބޭދީގެ ދަރިފުޅު އަލާޔާ އެފް އެވެ. އަލާޔާ މީގެ ކުރިން ވަނީ ސައިފް އަލީ ޚާނާއެކު "ޖަވާނީ ޖާނެމަން" ކުޅެފަ އެވެ. އަނުރާގް ބުނަނީ މިއީ ވަރަށް ޒުވާން ޖޯޑެއްގެ ލޯބީގެ ވާޙަކައެއް ކަމަށެވެ.

"އޭކޭ ވާސަސް އޭކޭ" އަކީ އަނިލް ކަޕޫރާއި އަނުރާގް ކަޝޭޕް ލީޑްރޯލުތައް ކުޅޭ ފިލްމެކެވެ. ފިލްމަށް ނަން ދީފައިވަނީ ވެސް މި ދެ އެކްޓަރުންގެ އަސްލު ނަމުގެ ދެ އަކުރުންނެވެ. ވިކްރަމް އަދިތުޔަމޯޓްވާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ މަޝްހޫރު ފިލްމީ ތަރިއެއްގެ އަންހެންދަރިއަކު ކިޑްނެޕްކޮށްގެން ހިނގާ ހާދިސާ ތަކެކެވެ. އަނިލްގެ ދަރިފުޅު ހަރްޝްވަރުދަން ވެސް މި ފިލްމުގައި ކުރު ރޯލެއް އަދާކުރެ އެވެ. މިއީ ކުރިއްސުރެ ވެސް ނެޓްފްލިކްސް ރިލީޒްއަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މި ނޫން އިތުރު ފިލްމުތައް ވެސް ނެޓްފްލިކްސް އިން ގަތުމާ ގުޅޭ މަޝްވަރާތަކެއް މިހާރު ކުރިޔަށް ދާ ކަމަށް ޚަބަރުތައް ބުނެ އެވެ.