ލައިފްސްޓައިލް

ފުރަތަމަ އޮޑިޝަންގައި ބިރުން ގޮސް ދެ ފައި ފިނިވި: ކިއާރާ

ކިއާރާ އަދުވާނީ ބޮލީވުޑަށް ތައާރަފްވީ ކަބީރް ސަދާނަންދްގެ "ފުކްރޭ" އިންނެވެ. އެ ފިލްމު އޭނާއަށް ލިބުނު ގޮތާއި އޮޑިޝަން ދިޔަ ގޮތް ކިއާރާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ކިޔައިދީފައި ވެއެވެ.

ކިއާރާ ބުނި ގޮތުގައި "ފުކްރޭ"ގެ އޮޑިޝަން އަށް އޭނާ ދިޔައީ ރައްޓެއްސަކު ބުނެގެންނެވެ. ފިލްމަކަށް ބަތަލާއަކު ހޯދުމުގެ މަސައްކަތް ކަބީރް ސަދާނަންދް ކުރަމުންދާ ކަމަށް އެކުވެރިޔަކު ކިއާރާ ކައިރީގައި ބުނި ކަމަށާއި އެހެންވެ ގުޅައިގެން އޮޑިޝަނަށް ނަން ނޯޓް ކުރީ ކަމަށް ކިއާރާ ބުންޏެވެ.

"ކުރިން ވެސް ވަރަށް ގިނަ ފިލްމުތަކަށް އޮޑިޝަން ދިނިން. ނަމަވެސް އެތައް މަހެއް ވާއިރުވެސް ޚަބަރެއް ނުވާނެ. ނަމަވެސް މި ފިލްމަށް އޮޑީޝަން ދިން ދުވަސް ނޫން އަނެއް ދުވަހު ޕްރޮޑިއުސަރު އަޝްވިނީ ޔަރްޑީ އަހަންނަށް ގުޅި. އަދި އޮޑިޝަން އާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށައި ފިލްމުގެ އަނެއް ޕްރޮޑިއުސަރު ކަމަށްވާ އަކްޝޭ ކުމާރާއި އޭނަ އާ ދެ މީހުންނާ ބައްދަލުކޮށްލަން ދާން ދައުވަތު ދިން. އަހަރެން އެ އޮފީހަށް ދިޔައީ މަންމަ އާއި ބައްޕަ ވެސް ގޮވައިގެން. ކަން ދިމާކުރި ގޮތުން އެ ދުވަހު އަހަރެން ގެޔަށް އައީ އެ ފިލްމު ކުޅެން ސޮއިކޮށްފައި،" ކިއާރާ ބުންޏެވެ.

ހުރިހާ ކަމެއް ވެސް ދިޔަލެއް ހަލުވިކަމުން ޚުދް އޭނާއަށް ކަންތައްތައް ވެގެން ދިޔަ ގޮތް ގަބޫލުކުރަން ދަތިވި ކަމަށް ކިއާރާ ބުންޏެވެ.

އޭގެ ފަހުން ފިލްމަށް ތައްޔާރުވުމުގެ ގޮތުން ކިއާރާ އާއި ފިލްމުގެ އެހެން އެކްޓަރުން މަހެއްހާ ދުވަހު ވޯކްޝޮޕްތަކުގައި ބައިވެރިވި އެވެ. އަދި ދިއްލީ އިން އައި އެކްޓިން ކޯޗެއް އެ ފިލްމުގެ އެންމެ މުހިއްމު ހަތަރު ކެރެކްޓާ ކުޅުނު މޯހިތު މަރްވާ، ވިޖެންދުރަ ސިންގް، އަރްފީ ލާމްބާ އަދި ކިއާރާ ވަރަށް ރަނގަޅަށް ތަމްރީނު ކުރި އެވެ. އަދި އެމީހުންގެ އެކްޓިން ހުނަރު ތަރައްގީ ކުރުމަށާއި އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އޭނާ ކޮށްދިން ކަމަށް ކިއާރާ ބުންޏެވެ.

"އަހަރެންނަނީ ކުޑައިރުއްސުރެ އެކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އައި މީހަކަށް ވާތީ ފުރަތަމަ ފިލްމުގެ ޝޫޓިން ފެށޭތީ އަހަރެން ހުރީ ވަރަށް ބޮޑަށް އުފާވެފައި. ނަމަވެސް މޭކަޕްކޮށް އިސްތަށިގަނޑު ވެސް ރީތިކޮށްގެން ސެޓަށް ގޮސް ކެމެރާއާ ކުރިމަތިލާންވީ ވަގުތު އައުމާއެކު އަހަރެންގެ ދެފައި މުޅިން ފިނިވެ މީހާ ގަނޑުވާގޮތްވީ. އެހާ ގިނަ ތަމްރީނުތަކާއި ތައްޔާރީތަކާ އެކު ވެސް ޝޮޓް ރަނގަޅަށް ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އޭރަކު ނެތް. ހިތް ނުތަނަވަސްވެ ބަނޑުން ވެސް އަޑުގޮވަން ފެށި،" ކިއާރާގެ ފުރަތަމަ ދުވަހުގެ ޝޫޓިން ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.

އެންމެ ފުރަތަމަ އެމީހުން ޝޫޓުކުރީ "ބަންޖާރޭ" ލަވަ އެވެ. މި ލަވައިގެ ޝޫޓިންގް އޮތީ ފަރުބަދައެއްގެ މަތީގަ އެވެ. ފުރަތަމަ ނެގި ޝޮޓްގައި ކިއާރާ އަށް އަންނަން ޖެހުނީ ކާރެއްގެ ބޮނެޓް މަތީގަ އެވެ. އަދި ކުއްލިއަކަށް ނަށާ ވައްތަރުތަކެއް ޖައްސަން ޖެހުނެވެ. އެ ވަގުތު ސެޓުގައި ކޯރިއޯގްރާފަރެއް ނެތުމުން އޭނާއަށް ނަށަން ޖެހުނީ އަމިއްލައަށެވެ.

ކިއާރާ ބުނި ގޮތުގައި ނަސީބަކުން އެ ޝޮޓް ވަރަށް ރަނގަޅަށް ނެގުނެވެ. އަދި އެ މަންޒަރުގެ ޝޫޓިން ނިމުމާއެކު އެންމެން އަތްތިލަބަޑިޖަހާ އޭނާއަށް ތަރުހީބު ދިން ކަމަށް ވެސް ކިއާރާ ބުންޏެވެ. އޭގެ ފަހުން ކިއާރާ ވަނީ "އެމް.އެސް ދޯނީ"ގައި ވެސް ވަރަށް މުހިއްމު ބައެއް އަދާކޮށްފަ އެވެ. އަދި މިހާރު ކިއާރާ އަކީ ބޮލީވުޑްގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ބަތަލާ އެވެ.