ބޮލީވުޑް

ކާރްތިކް އާއި ކިއާރާގެ "ސަތުޔަޕްރޭމް ކީ ކަތާ"- ފޭނުންގެ އުއްމީދުތަކާ ގުޅިފައި

ކާރްތިކް އާރްޔަން އާއި ކިއާރާ އަދުވާނީގެ އާ ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ"ގެ ޝޫޓިން ނިމި އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާއިރު ފިލްމަށް ފޭނުންގެ ހިތުގައި އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މި ފިލްމު ވަރަށް ރީތިވާނެ ކަމަށް ފޭނުން ގަބޫލުކުރީ ފިލްމުގެ ފުރަތަމަ ލަވަ "އާޖް ކޭ ބާދް"ގެ ޓީޒާ ބަލާފަ އެވެ.

ފޭނުން ލަވަޔަށް ދިން ތަރުހީބު ފެނިފައި ފިލްމުގެ ޓްރެއިލާއަށް ވުރެ ކުރިން ލަވަ ރިލީޒް ކުރަން ޕްރޮޑިއުސަރުން މިހާރު ވަނީ ނިންމާފަ އެވެ.

މިއީ "ބޫލް ބުލައްޔާ 2" އަށް ފަހު ކާރްތިކް އާއި ކިއާރާ އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. އެ ފިލްމުން ވެސް ބެލުންތެރިން މި ފިލްމީ ޖޯޑަށް ބޮޑު ތަރުހީބެއް ދީފައިވެ އެވެ.

މިފިލްމު ފެށިއިރު ފިލްމަށް ކިޔާފައިވަނީ "ސަތުޔަނާރަން ކީ ކަތާ" އެވެ. ނަން ބަދަލުކުރީ ފިލްމުގެ ޝޫޓިން ފެށި ފަހުންނެވެ.

މިއީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމަކަށް ވާތީ ލޯބީގެ ފިލްމުތައް ބަލަން ޝައުގުވެރިވާ މީހުންނަށް މި ފިލްމު ރީތިވާނެކަމަށް ޕްރޮޑިއުސަރުން އުންމީދު ކުރެ އެވެ.