ބޮލީވުޑް

ކާރްތިކް އާއި ކިއާރާގެ "ސަތުޔަޕްރޭމް ކީ ކަތާ" ކުރި ހޯދަނީ

ކާރްތިކް އާރްޔަން އާއި ކިއާރާ އަދުވާނީގެ އާ ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ" ފާއިތުވީ ހަފުތާ ބަންދުގައި ރިލީޒްކޮށްފައިވާއިރު ފުރަތަމަ ދެ ދުވަހު މި ފިލްމަށް މާއެދެވޭ ތަރުހީބެއް ބޮކްސް އޮފީހުގައި ހޯދިފައެއް ނުވެ އެވެ. ނަމަވެސް ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ރަނގަޅު ވިޔަފާރިއެއް މި ފިލްމަށް ކުރެވި ހަތަރު ދުވަސް ތެރޭގައި 38.35 ކްރޯޑު ވަނީ ލިބިފަ އެވެ.

ފުރަތަމަ ދުވަހު މި ފިލްމަށް ލިބުނީ 9.25 ކްރޯޑެވެ. އެހެންކަމުން ފިލްމު ފްލޮޕް ނުވެ ސަލާމަތް ވެދާނެ ކަމާ މެދު ގިނަ ބަޔަކަށް ޝައްކުވި އެވެ. އަދި ދެވަނަ ދުވަސް ކަމަށްވާ މިދިޔަ ހުކުރު ދުވަހު ފިލްމުގެ ވިޔަފާރި 24 ޕަސެންޓް ވެއްޓި އެންމެ ހަތް ކްރޯޑު ލިބުމުން އިތުރަށް ފިލްމާ މެދު މާޔޫސްވާން މެދުވެރިވި އެވެ. ނަމަވެސް ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ފިލްމުގެ ވިޔަފާރި 44.29 ޕަސެންޓް މައްޗަށް ޖެހިލައި އުއްމީދު އާވާގޮތް ވިއެވެ.
ހޮނިހިރު ދުވަހު 10 ކްރޯޑު ލިބިފައިވާއިރު އާދިއްތަ ދުވަހު 12 ކްރޯޑުގެ ވިޔަފާރި މި ފިލްމަށް ކުރެވިފައި ވެއެވެ.

ސަމީރް ވިދްވާންސްގެ މި މިއުޒިކަލް ރޮމެންޓިކް ޑްރާމާގެ ވިޔަފާރި ރަނގަޅުވަމުން ދިއުމުގެ ސިއްރަކީ ފިލްމު ބަލާފައި ނުކުންނަ މީހުން ފިލްމު ރީތި ވާހަކަ ދައްކާތީ އެވެ. އިންޑިޔާގައި ފިލްމެއް ހިނގަން މެދުވެރިވާ މައިގަނޑު އެއް ސަބަބަކަށް ފިލްމު ބަލަން ފުރަތަމަކޮޅު ވަންނަ މީހުން ފިލްމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ފަތުރާ ޚަބަރުތައް ވެއެވެ. އެގޮތުން ކްރިޓިކްސް އާއި ބެލުންތެރިން ވެސް ބުނެފައިވަނީ މިއީ ވަރަށް މުނިފޫހިފިލާ، މަޖާ އަދި އެހާ ރީތި ފިލްމެއް ކަމަށެވެ.