ބޮލީވުޑް

ކާރްތިކްގެ "ބޫލް ބުލައްޔާ 2" އަށް ރަނގަޅު ކާމިޔާބެއް

މިއަހަރުގެ ފުރަތަމަ ބްލޮކްބަސްޓާގެ މަގާމު ކާރްތިކް އާރްޔަންގެ "ބޫލް ބުލައްޔާ 2" ހޯދައިފި އެވެ. ކިއާރާ އަދުވާނީ ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމަށް ރިލީޒް ކުރި ފުރަތަމަ ދުވަހު ވެސް ހީނުކުރާ ވަރުގެ ރަނގަޅު ފެށުމެއް ވަނީ ލިބިފަ އެވެ. މި ފިލްމާ އެއް ދުވަހެއްގައި ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "ދާކަޅް" އަށް އެންމެ ދެ ކްރޯޑު ރުޕީސްގެ ވިޔަފާރި ވީއިރު "ބޫލް ބުލައްޔާ 2" އަށް 14 ކްރޯޑު ރުޕީސްގެ ވިޔަފާރި ވިއެވެ.

ފިލްމު ރިލީޒްކުރިތާ ހަތަރު ދުވަސް ވީއިރު ޖުމްލަ 67 ކްރޯޑު ރުޕީސްގެ ވިޔަފާރި މި ފިލްމަށް ވެފައި ވެއެވެ.

ޓްޜޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައިވާ ގޮތުން ނުވަ ދުވަހުގެ ތެރޭގައި މި ފިލްމު 100 ކްރޯޑު ކްލަބަށް ވަންނާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި ފިލްމު ސިނަމާތަކުން ނަގަން ވާއިރަށް 175 ކްރޯޑުގެ ވިޔަފާރި ކުރެވޭނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

"ބޫލް ބުލައްޔާ 2" އަކީ ކާރްތިކްގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމަށް ވެސް ވަނީ ވެފަ އެވެ.
"ހޮރޯ-ކޮމެޑީ" މި ފިލްމުގައި ތައްބޫ އާއި ރާޖްޕާލް ޔާދަވް ވެސް ވަރަށް ފާހަގަ ކޮށްލެވޭ ރޯލުތަކެއް ވަނީ ކުޅެފަ އެވެ.

މި ފިލްމުގައި ކާރްތިކް ކުޅެފައިވަނީ ރޫހާން ރަންދަވާ ކިޔާ މީހެއްގެ ކެރެކްޓާ އެވެ. ކިއާރާ ކުޅެފައިވަނީ އަންޖުލިކާ އާއި މަންޖުލިކާ ކިޔާ ދެ ކެރެކްޓާއެއްގެ ޑަބަލް ރޯލެކެވެ.